• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ކޮވިޑް-19 ފެތުރުނު ފަހުން ފުރަތަމަ ފަހަރަށް ރައީސް ޝީ ވޫހާންއަށް ވަޑައިގެންފި

ކޮވިޑް-19 ފެތުރުނު ފަހުން ފުރަތަމަ ފަހަރަށް ރައީސް ޝީ ވޫހާންއަށް ވަޑައިގެންފި



ބެއިޖިން (މާޗް 10): ޗައިނާގެ ވޫހާންގައި ކޮރޯނާވައިރަސް ފެތުރުނު ފަހުން ފުރަތަމަ ފަހަރަށް އެގައުމުގެ ރައީސް ޝީ ޖިންޕިންގް އެސަރަހައްދަށް ވަޑައިގެންފި އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބަންދުކޮށްފައި އޮތް ހޫބެއި ޕްރޮވިންސުގެ ވޫހާންއަށް ރައީސް ޝީ މިއަދު ވަޑައިގެންނެވީ އެ ގައުމުގައި ކޮންމެ ދުވަހަކު އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވި ފަހުންނެވެ. ޗައިނާގެ ދައުލަތުގެ މީޑިއާގައިވާ ގޮތުން ޝީ މަތިންދާބޯޓަކުން ވޫހާންއަށް ވަޑައިގެންނެވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ބެއްލެވުމަށެވެ. އަދި އެދަތުރުފުޅުގައި ވޫހާންގެ މެޑިކަލް ވޯކަރުންނާއި އަސްކަރީ އޮފިޝަލުންނާއި ކޮމިއުނިޓީ ވޯކަރުންނާއި ފުލުހުންނާއި ބަލި މީހުންނާއި އާއްމު ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެ އެވެ. ވޫހާންގެ ވަލު ޖަނަވާރު ވިއްކާ މާރުކޭޓަކުން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާތަނަށް ދުނިޔޭގެ 115 ގައުމަކާއި ޓެރިޓަރީއަކަށް ވަނީ ފެތުރިފަ އެވެ. އަދި މުޅި ދުނިޔޭގައި 114،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 4,026 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޗައިނާއިން ކޮރޯނާވައިރަހަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން އިއްޔެ އެގައުމުގައި އަލަށް ވައިރަހަށް ޕޮޒިޓިވްވީ 19 މީހުންނެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 21ގެ ފަހުން އެގައުމުގައި އެހާވަރަށް މަދު މީހުން ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އެ 19 މީހުންގެ ތެރެއިން 17 މީހުންނަކީ ހޫބެއިގައި ތިބި މީހުންނެވެ. އަދި ބާކީ ދެ މީހުންނަކީ ބެއިޖިން އާއި ގުއަންގްޑޮންގުގައި ތިބި މީހުން ކަމަށާއި އެމީހުންނަށް ވައިރަސް ޖެހުނީ ގައުމުން ބޭރުން ކަމަށް ބުނެފަ އެވެ. ޗައިނާގައި މިހާތަނަށް 80،755 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު 59,922 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި އެބަލީގައި 3,136 މީހަކު ވަނީ މަރުވެފަ އެވެ.



އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles