• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ފަށައިފިން: އެމެރިކާ

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ފަށައިފިން: އެމެރިކާވޮޝިންޓަން (10 މާޗް 2020) : އަފްޣާން ހަނގުރާމަ ހުއްޓާލުމަށްޓަކައި ތާލިބާން ޖަމާއަތާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަން ފަށައިފި އެވެ. މިކަން ކަށަވަރުކޮށްދެމުން އެމެރިކާ ސިފައިންގެ ތަރުޖަމާން ކާނަލް ސޯނީ ލިގިޓް ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަންފަށައިފި ކަމަށާއި ނަމަވެސް އަފްޣާން ސިފައިންނަށް އެހީތެރިވުމަށާއި އަލްގާއިދާއާ ހަނގުރާމަ ކުރުމަށް ބޭނުންވާ އެމެރިކާގެ އަސްކަރީ ބައެއް ވަސީލަތްތައް އަފްޣާން ބިމުގައި އަދި ބަހައްޓާނެކަމުގަ އެވެ. މިބުރުގައި އަފްޣާނިސްތާނުން ބާލާނެ އެމެރިކާ ސިފައިންގެ އަދަދު ކާނަލް ސޯނީ ހާމަކުރައްވާފައެއް ނުވެ އެވެ. އަފްޣާން ހަނގުރާމަ ހުއްޓާލައި އެގައުމަށް ސުލްޙަ ގެނައުމަށް ޓަކައި ތާލިބާން ޖަމާއަތާ އެކު އެމެރިކާ ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން އެ އެއްބަސްވުމުގައި ސޮއިކުރާތާ 135 ދުވަހުގެ ތެރޭގައި އެމެރިކާގެ 8600 ސިފައިން އަފްޣާނިސްތާނުން ބާލަންޖެހެ އެވެ. އަދި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް މިއެއްބަސްވުމުގައި ސޮއިކުރާތާ 10 ދުވަހުގެ ތެރޭގައ ފަށަންޖެހޭނެ ކަމަށް ވެސް އެ އެއްބަސްވުން ބުނެ އެވެ. ތާލިބާނުންނާއެކު އެމެރިކާ ސޮއިކުރި ސުލްޙައިގެ އެއްބަސްވުން ބިނާކޮށްފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ހުރިހާ ސިފައިން 14 މަސްތެރޭގައި އެގައުމުން ބާލާ ގޮތަށެވެ. މީގެބަދަލުގައި ތާލިބާނުން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުފައިވާ އެއްވެސް ސަރަހައްދެއްގައި އަލްގައިދާ ވެސް އަދި އެހެން އަސްކަރީ ޖަމާއަތެއް ވެސް ހަރަކާތްތެރިވުމުގެ ހުއްދައާއި ފުރުސަތު ދީގެންނުވާނެ ކަމަށް އެ އެއްބަސްވުން ބުނެ އެވެ. އަފްޣާނިސްތާނުގައި މިހާރު ތިބި ކަމަށް ވަނީ އެމެރިކާއާއި ނޭޓޯގެ ސިފައިންގެ 13 ހާހާއި 14 ހާހާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ. އެމެރިކާއާއި ތާލިބާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ފެބްރުވަރީ މަހުގެ 29 ވަނަ ދުވަހު އެވެ. މިއެއްބަސްވުމުގައި ސޮއިކުރީ ގަތަރު މެދުވެރިއަކަށްވެގެން އެމެރިކާއާއި ތާލިބާނުން ދެއަހަރެއްހާ ދުވަހު ދެއްކި ސުލްހައިގެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެމެރިކާ ވަނީ މި އެއްބަސްވުން އދ.ގެ ސަލާމަތީ މަޖިލީހުން ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށްޓަކައި ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށްވެސް ގޮވާލާފަ އެވެ. ސަލާމަތީ މަޖިލީހުގެ އަޣްލަބިއްޔަތުން ނުވަތަ އިއްތިފާގުން މި އެއްބަސްވުން ބަލައިގަންނާނެ ކަމަށްވަނީ ބެލެވިފަ އެވެ. އެމެރިކާ އަފްޣާނިސްތާނަށް އަސްކަރި ގޮތުން އެރީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ އަލްގާއިދާގެ ޙަމަލާތަކެއްކަމަށް ނިންމުމަށް ފަހު އަލްގާއިދާއާއި އެޖަމާއަތާ ގުޅުންއޮތް ތާލިބާން ޖަމާއަތާ ހަނގުރާމަކޮށް އެދެޖަމާއަތް އަސްކަރީ ގޮތުން ބަލިކުރުމުގެ މަގުސަދުގައެވެ. ނަމަވެސް 18 އަހަރު ވީއިރު ވެސް އެމެރިކާއަށް އަފްޣާން ބިމުގައި ތާލިބާނުން ބަލި ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އަފްޣާން ބިމުގައި އަލްގާއިދާގެ ވުޖޫދު މިހާރުނެތް ކަމަށް ވެ އެވެ. (ނޫސްއެޖެންސީތައް)އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles