• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އެމްއޭސީއެލްގައި އޮތީ އިބްރާހިމް ނޫރައްދީންގެ ނުފޫޒު: މުޖުތަބާ

އެމްއޭސީއެލްގައި އޮތީ އިބްރާހިމް ނޫރައްދީންގެ ނުފޫޒު: މުޖުތަބާ


އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހިމް ނޫރައްދީން މަސައްކަތް ކުރައްވަނީ މެނޭޖްމެންޓާއި ބޯޑު އެއްވެގެން ކުންފުނި ހިންގާ ގޮތަށް ކަމަށް އެ ކުންފުނީގެ ކުރީގެ ކޮމާޝަލް ހެޑް އަދި ޖެނެރަލް މެނޭޖަރު މުޖުތަބާ ލަތީފު، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދިނުމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި މުޖުތަބާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ބޯޑު މެންބަރެއްގެ ގޮތުގައި އިބްރާހިމް ނޫރައްދީން ކަނޑައެޅުމަށް ފަހު، ކުންފުނިން ހިންގާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް ބެލުމުގެ ހާއްސަ ބާރުތަކެއް އޭނާއަށް ދޭން ބޯޑުން ރިޒޮލިއުޝަނެއް ވެސް އެކުލަވާލި ކަމަށެވެ.

“މެނޭޖްމެންޓުގައި [އޭނާ] މަސައްކަތް ކުރައްވާ. އޮފީހުގައި ވެސް އިންނަވާނެ. އަޅުގަނޑުމެންނަށް އެކްޓިން އެމްޑީ ހުންނެވިޔަސް ބައެއް ފަހަރު އިބްރާހިމް ވިދާޅުވާ ގޮތަށް ކަން ކުރަން ޖެހެނީ،” މުޖުތަބާ ވިދާޅުވި އެވެ.

ބޯޑު މެމްބަރުންނަކީ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުންނެއް ނޫޅުއްވަ އެވެ. ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯގެ ހައިސިއްޔަތުން ބޯޑު މެމްބަރުންނަށް ވާ މީހުން، މުޖުތަބާ އެ ވިދާޅުވި މިންގަނޑުން ތަފާތުވެ އެވެ.

އެކަމަކު އިބްރާހިމް ނޫރައްދީނަކީ، އެމްއޭސީއެލްގެ ރަސްމީ އެއްވެސް މަގާމެއްގެ ހައިސިއްޔަތު ދީފައިވާ ބޭފުޅެއް ނޫނެވެ.

މުޖުތަބާ ވިދާޅުވީ ގިނަ ވަގުތު އޮފީހުގައި ހޭދަކުރެއްވުމުގެ އިތުރުން ބައެއް ކަންކަން ކުރަން މުވައްޒަފުންނަށް އަނގަ ބަހުން ވެސް އިބްރާހިމް އަންގަވާ ކަމަށެވެ. އެކަމަކު އެއީ ވަރަށް އުނދަގޫވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވަނީ އޭނާގެ ބައެއް ތަޖުރިބާތައް ވެސް ކޮމިޓީއާ ހިއްސާކުރައްވައިފަ އެވެ. އެގޮތުގެ އާ ސީޕްލޭން ޓާމިނަލް ހިންގަން ތިން އަހަރަށް ޓީއެމްއޭއަށް ދޭން ބޯޑު ޕޭޕަރެއް ތައްޔާރުކުރައްވަން އިބްރާހިމް ނޫރައްދީން އެދިވަޑައިގެންނެވި އިރު ކުރިން އެގޮތަށް ބޯޑުން ނިންމާފައި އޮތް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ އެފަދަ ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް އިބްރާހިމް ނޫރައްދީނަކީ ވާހަކަދައްކަން ފަސޭހަ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި ކުންފުނި މެނޭޖްކުރުމުގައި ބޯޑު މެމްބަރުން އުޅުމަކީ ކޯޕަރޭޓް ގަވާނެންސްގެ އުސޫލުތަކާ ފުށޫއަރާ ކަމެކެވެ. ހާއްސަކޮށް ބާރެއް ދެއްވާފައި އޮއްވާ އެ ބާރަކީ ކޮބައިކަން އޮޅިވަޑައިގަތުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ނޫރައްދީނަށް ބޯޑުން ބާރު ދިނީ އެމްއޭސީއެލުން ހިންގާ ޕްރޮޖެކްޓްތަކުގެ ކަންކަން ބެއްލެވުމަށެވެ.

މުޖުތަބާ ވިދާޅުވީ ވެރިކަން ބަދަލުވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމްއޭސީއެލްގެ އިސް މެނޭޖުމެންޓާ ބައްދަލު ކުރައްވާ، އާ ސީޕްލޭން ޓާމިނަލް ހިންގުމުގައި ސަރުކާރު ވިސްނުން ހާމަކުރެއްވި ކަމަށެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެ ވިސްނުމާ އެއްގޮތަށް އޭރު އެމްއޭސީއެލުން މަސައްކަތް ކުރަމުން އައި ނަމަވެސް، ފަހުން ބޯޑަށް ގެނައި ބަދަލުތަކާ އެކު ސީޕްލޭން ޓާމިނަލާ ގުޅޭ އެ ވިސްނުން ވެސް ބަދަލުވިކަން ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުގެ އިންސްޓިޓިއުޝަނަލް އެކްސްޕީރިއެންސްއަށް ބުނާ ނަމަ އެމްއޭސީއެލްގެ ބޯޑު އަޅުގަނޑު އެތަނުގައި އެންމެ ފަހުން ހޭދަކުރި މުއްދަތުގައި ފެންނަނީ މި ދަންނަވާ ރިޒޮލިއުޝަންގެ ތެރެއިން ބޯޑުގެ އެއް ބޭފުޅަކު މުޅި ބޯޑު ކޮންޓްރޯލު ކުރައްވާތަން،” މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޯޑުގައި ހަ މެންބަރުން ނުވަތަ ފަސް މެންބަރުން ތިބުމުގެ މަގްސަދު މިހާރު ހާސިލެއް ނުވެ އެވެ.

އެމްއޭސީއެލްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ މުޖުތަބާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަކިކުރި އެވެ. އެކަމަކު އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު އޭނާއަށް އަލުން މަގާމު ދިނެވެ. ނަމަވެސް މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު އަނެއްކާ ވަކިކުރި އެވެ.

އޭނާ ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްލާނެ ކަމަށް ވިދާޅުވެ ދެ ފަހަރެއްގެ މަތިން އިބްރާހިމް ނޫރައްދީން އިންޒާރު ދެއްވި ކަމަށެވެ. އެހެންކަމުން އޭނާ ވަކިކުރީ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.އިތުރަށް ވިދާޅުވޭ

Leave a Reply

Related Articles