• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

ތަނަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ނައްކާރަ އަހަރެންގެ ކަންފަތުގައި ބާރަށް ގުގުމަމުންދިޔައެވެ. ހައްވާފުޅުގެ ގޮތް އަހަންނަށް އެނގެއެވެ. ބައްޕައަށް ވެސް އެނގެންވާނެއެވެ. ދަރިންނަށް އުފާހޯދައިދިނުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ހައްވާފުޅު ކުރާނެއެވެ.

އަހަރެންގެ ހިތުގައި ވަސްވާސްއުފެދެން ފެށިއެވެ. ކޮޓަރީގައި އެކަނި އޮންނަން ބިރުގަންނަން ފެށިއެވެ. ކުދިންގެ ކަންތައްތަކުގައި އެކި ރޭ އެކި ގަޑީގައި ހޭލެވުނަސް، ކޮންމެ ރެޔަކު ވެސް ދަންވަރު ދޭއްޖަހާއިރު އަހަންނަށް ހޭލެވެން ފެށިއެވެ. ހޭލެވެނީ ކީއްވެގެންކަމެއް ނޭނގެއެވެ. ކުއްޖެއްގެ ކަމެއް ވެސް ނުޖެހެއެވެ. އެކަމަކު ކޮންމެ ރެޔަކު ވެސް ހޭލާއޮއްވައި ކޮންމެވެސް ކަހަލަ އަޑުތަކެއް ފާރުގެ ބިއްދޮށުން އިވެއެވެ. ގުންފައިޖަހައިފައި ދުވާ އަޑެވެ. ބިންމަތި ކޮންނަ އަޑު ކަހަލަ އަޑެކެވެ. ބައެއް ރޭރޭ ކެލާ ވަސް ދުވައިފާނެއެވެ. ނުވަތަ ބޮކަރު ވަސް ދުވައިފާނެއެވެ. ޔަގީނުން ވެސް ދެތިން ރެޔަކު ކުމުންޒާނި ވަހާއި ހުއިސުން ވަސް ވެސް ދުވިއެވެ. އެއީ އަހަރެންގެ ކުށްހީއެއް ނޫނެވެ. ކޮންމެވެސް ބަޔަކު ކޮންމެވެސް ކަމެއް އެބަ ކުރެއެވެ. ހިތަށްއެރިއެވެ. އަހްސަން ގާތަކު ނުބުނާނަމެވެ. އަހަންނާއި އަހަރެންގެ އާއިލާއަކީ އަހްސަނަށް މުހިންމު ބައެއް ނޫނެވެ. ހަގީގަތުގައި އެ ކަން ކުރަނީ އަހްސަނާ ގުޅިގެން ނޫންކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަނެއްކޮޅުން، ބައްޕަ ގާތުގައި އެ ވާހަކަ ބުނެފިއްޔާ ގޭތެރޭގައި ހައިޖާނެއް ނުއުފެދިއެއް ނުދާނެއެވެ. ދެ ފަހަރެއް ނޫން ހަ ފަހަރަށް ވެސް އަހަރެން ވިސްނަންޖެހެނީ އެހެންވެއެވެ. ބޭކާރުގޮތުގައި ވަސްވާސް އުފައްދަން ވެސް ހައްވާފުޅު އެ ކަހަލަ ކަމެއް ކޮށްފާނެއެވެ.

ދެ ފިކުރެއްގައި އަހަރެން ހުއްޓައި، އަހަރެންގެ ކަނާތު ލޯތޮޅެން ފެށިއެވެ. އަންހެނެއްގެ ކަނާތު ލޯތޮޅުމަކީ ހިތާމައެއް ލިބެންއުޅޭ ކަމުގެ އަލާމާތެކެވެ. އަހަންނަށް އެ ކަން އެނގެއެވެ. ލޯތޮޅޭތާ ތިންވަނަ ދުވަހުގެ ރޭ ދަންވަރު މާކަނާ ގޮވާއަޑު އަހަންނަށް އިވުނެވެ. ގެއެއްގެ މަތިން މާކަނާ ގޮވައިފި ނަމަ އެ ގޭގެ އާއިލާއެއްގެ މީހަކު ނުވަތަ އެ ގޭގެ މީހަކު ތިން ދުވަސް ތެރޭގައި މަރުވާނެއެވެ. ކާފަ ދުނިޔޭގައި ކާފަ އެހެން ކިޔާ އަޑު އަހަރެން އަހަމެވެ. އެ ހިސާބުން އަހަންނަކަށް ކެތެއް ނުކުރެވުނެވެ.

ހެނދުނުހެނދުނާ ބައްޕަ ގާތަށް ގޮސް އަހަރެންގެ ހިތުގައި އޮތް ހުރިހައި ވާހަކައެެއް ބައްޕައަށް ކިޔައިދިނީމެވެ. ބައްޕަ ގަބޫލުކުރިއެވެ. އެއްޗެއް ނުބުނެ އެތައް އިރަކު ވިސްނަން އިނެވެ.

“ހަމީދަށް ގޮވާބަލަ!” ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބައްޕަ ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވާހަކައެއްދެއްކީ އަހަރެންކަން ހަމީދަށް އެނގޭނެއެވެ. ދެން ދިމާކޮށްލާނީ އަހަންނާއެވެ. ގުޑައިލަން ނޭނގިފައި އަހަރެން ހުރިތަން ފެނުމުން ވީގޮތް ބައްޕައަށް ވިސްނުނެވެ. ބައްޕައަކީ ވިސްނުން ތޫނު މީހެކެވެ. ވީއިރު ނުބުނަންވާ ކަހަލަ އެއްޗެހި ބުނަނީ ކީއްވެގެން ހެއްޔެވެ؟

“ހަމީދު!” ބައްޕަ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.

ހަމީދު އައުމުގެ ކުރިން އަހަރެން އެ ތަނުން ދިޔައީމެވެ. އެކަމަކު ބައްޕަ ކޮޓަރިން އަހަރެން ނުކުތްތައް ހަމީދަށް ފެނުނެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ.

“ހަމީދު! ފޮއްޓަށް އެެއްޗެހިއަޅާ!” ކޮޓަރީގެ ދޮރުމައްޗަށް ހަމީދު އެރުމާއެކު ބައްޕަ ބުނެލި އަޑުއިވުނެވެ. “އަޑުއިވިއްޖެ؟ މާދަމާ އިރުއޮއްސޭއިރު ކަލޭމެން މި ގެއިން ނުނިކުމެއްޖެއްޔާ..”

“ކިހިނެއްވީ؟” ހަމީދު ހައިރާންވެފައި އެހިއެވެ. “ތިހާ ރުޅިއައިއްސަ ނުބުންޏަސް އަހަރުމެން ނުކުމެދާނަމޭ. އެކަމަކު ވީގޮތެއް ބުނެލީމަތާ އެނގޭނީ.”

“ވީގޮތަކީ ދަހިވެތިކަން ހައްދުފަހަނައެޅީ،” އަހަރެން ކޮޓަރިއަށް ވަނީމައި ވެސް ބައްޕަގެ އަޑު ބަރާބަރަށް އިވުނެވެ. “ރަނގަޅަށް ކަމެއް ކޮށްދޭނަމޭ ހިތައި މި ގެއަށް ގެނެސް، ކެއުންބުއިން ހަމަޖައްސާ ނުވާތާކަށް ފޯނު ވެސް ކުރެވޭ ގޮތް ހަދައިދިނިން. ނޯންނާނެ ބާޒާރުން މަހެއް ގަނެދޭން ބުނެފަ ވެސް. ފާރުގަ އުވަކޮޅެއް ކީއްކުރަން ދޮރުފަތެއްގަ ވަރުނީސްކޮޅެއް ހާކާލަދޭން ވެސް ބުނެފައެއް ނޯންނާނެ. އެކަމަކު ކަލޭމެން ގޭތެރެ ކޮނެ، ފަންޑިތަހަދާ، ދުންއަޅާ.. ކޮންކަމެއް ނުކުރަނީ؟”

ހަމީދު އެއްޗެއް ބުނި އަޑެއް ނީވެއެވެ. އަހަރެން ހިތަށްއެރިއެވެ. ބައްޕަ ގާތުގައި އެ ވާހަކަ ނުބުނެވުނު ނަމަ މާ ރަނގަޅުވީހެވެ. އަހަރެންގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލީމެވެ. އޭރު ވެސް ހަމީދު ދޮރުމަތީގައި ހުއްޓެވެ. އެހެން ހުރެފައި ކުއްލިއަކަށް އަހަރެންގެ ކޮޓަރިއާ ދިމާއަށް އެނބުރިލިއެވެ. ސިއްސައިގެންގޮސްފައި އަހަންނަށް ދޮރު ލައްޕައިލެވުނެވެ. އެއީ އަހަރެންނަށް ކުރެވުނު އެންމެ މޮޔަކަންތަކެވެ. ހަމީދަށް އިތުރު ހެއްކަކަށް ދެން ބޭނުން ނުވާނެކަން އަހަންނަށް ކަށަވަރުވިއެވެ.

ގެއިން ނުކުތުމުގެ ތައްޔާރީތައް އެ މީހުން ފެށިއެވެ. އެހެންނަމަވެސް އެ ދުވަހަކު ނުނިކުމެއެވެ. ބައްޕަ ވެސް ވަގުތު ދީފައިއޮތީ ޖެހިގެން އަންނަ ދުވަހުގެ އިރުއޮއްސުމާ ހަމަޔަށެވެ.

ރޭގަނޑު ނުވަގަޑި ބައިވާން އުޅެނިކޮށް ޝާހިދު އައިސް ފެންޑާގެ ދޮރުމައްޗަށް ހުއްޓުނެވެ. އޭރު ކުދިން ނިންދަވައިފައި އަހަރެން އިނީ އުނދޯލީގައެވެ. އިތުރު ދެތިން ކުއްޖަކު ވެސް އުނދޯލީގައި ތިއްބެވެ.

“ހިނގާބަލަ އެއްޗެއް ދައްކާނަން.” ޝާހިދު އެދުނެވެ.

ރޭގަނޑުގެ ވަގުތެވެ. ގޯތިތެރޭގައި ގަސް ގިނަވެފައި އަނދިރިކަމުން ގޭގެ ބިއްދޮށް ފަރާތަށް ރޭގަނޑު ނުދާން ބައްޕަ އޮންނަނީ އަހަންނަށް އަންގައިފައެވެ. އެކަމަކު އެ ރެއަކީ ހަނދުވަރު ރީތި ރެޔެކެވެ.

“ނުކެރޭނެ ދާކަށް،” ޖެހިލުންވެފައި އަހަރެން ބުނީމެވެ. “ބައްޕަ ރުޅިއަންނާނެ.”

“އެއްޗެއް ދައްކަންވެގެނޭ،” ޝާހިދު ކުރެއް ނުކުރިއެވެ. “ވަރަށް އެހެން ކަހަލަ އެއްޗެކޭ! އަޅެ ހިނގާބަލަ!”

އަހަރެން ވިސްނައިލީމެވެ. އުނދޯލީގައި ތިބި އެހެން ކުދިން ވަރަށް ޝައުގުވެރިވިއެވެ. ޝާހިދު ދައްކަން އެ އުޅޭ އެއްޗެއް ބަލަން ދާން ބޭނުންވިއެވެ. އަހަރެން ހުރީ ނުދާށެވެ. އެކަމަކު ޝާހިދު އައިސް އަހަރެންގެ އަތުގައިހިފިއެވެ. އަހަރެން އުނދޯލިން ތެދުވީމެވެ.

“ހިނގާބަލަ! މޫނި ކޮންމެހެން ވެސް އެބަ ޖެހެޔޭ އެ ބަލަން،” ހިނގައިގަންނަމުން ޝާހިދު ބުންޏެވެ. “ހަމަ ބަލައިލައިފަ އަންނާނީއޭ.”

ޝާހިދުގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. އެހެން ކުދިން ވެސް އަހަރެންނާ އެކުގައި ހިނގައިގަތެވެ. އިތުރު ކުއްޖެއް ނެތް ނަމަ އަހަރެން ނުދިޔައީމުހެވެ. ޝާހިދަކީ ހައްވާފުޅުގެ ހަގު ދަރިފުޅެވެ. އަހަރެން އެ ކަން ހަނދާނެއް ނުނެތެއެވެ. ގަސްތަކުތެރެއިން ބިމަށް އެޅިފައިވާ ކޮކާހަނދުވަރުގެ ނަލަކަން ގެއްލުވަމުން، ފައިވާންކިބަތަކުން ފުންނާބުގައި ބެރުޖަހަމުން އަހަރުމެން ދިޔައީ ގިފިއްޔާ ދިމާއަށެވެ. ގިފިލީގެ ދޮރު ހުޅުވައިލައިފައި ޝާހިދު ހުއްޓުނެވެ. ބޮކި ދިއްލައިލިއެވެ. ގޭގެ ގިފިލި ވަރަށް ބޮޑެވެ. ވަޅު ހުންނަ ހިސާބު ކުޑަކޮށް އަލިވިޔަސް ބާކީ ބައި އޮންނަނީ އަނދިރިކޮށެވެ. އަނދިރިކޮށް އޮންނަ ބައިގައި އޮންނާނީ ބޮޑު ކެޔޮފީންޏެކެވެ. ކެޔޮގަސްތައް ހުންނާނެކަން އެނގުނަސް އެ ދިމާއަކަށް އަލިކަމެއް ނުފޯރައެވެ. ވަޅު ކައިރީގައި ތުވާލި ހިއްކަންއަޅަން ކުޑަ ތަންކޮޅެއް ހިޔާކޮށްފައި ހުރެއެވެ. ގޭގައި ތިބޭ ފިރިހެން ކުދިން ނިދާ ކޮޓަރިއާއި ބައްޕަ ކޮޓަރި ހުންނަނީ ޖެހިޖެހިގެންނެވެ. އަންހެންކުދިން ނިދާ ކޮޓަރި ހުންނަނީ މަންމަ ނިދާ ކޮޓަރިއާ ޖެހިގެންނެވެ. ކޮޓަރިތައް ރާނާފައި ހުންނަނީ އުނަގަނޑާ ހަމައަށެވެ. އޭގެ މަތީގައި ހުންނަނީ ފިލާޖަހައިފައެވެ. ވީހާ ވެސް ބޮޑަށް ފިނިކުރުމުގެ ބޭނުމުގައެވެ. ބައްޕަގެ ކޮޓަރި ހުންނަނީ ގިފިއްޔާ އެންމެ ކައިރީގައެވެ.

“ބަލަ އުހުނ!” ޝާހިދު އިޝާރާތްކުރީ ބިންމައްޗަށެވެ.

އަހަރެން ބަލައިލިއިރު އެ ތަނުގައި ދޮންވެލިން ގޮޅިއެއް ހަދައިފައި ހުއްޓެވެ. ގާތްގަނޑަކަށް އެއް ފޫޓު އެއް ފޫޓުގެ ގޮޅިއެކެވެ. ގޮޅީގައި ސޫރައެއް ކުރަހައިފައި ހުއްޓެވެ. ކުރެހުން ވައްތަރީ ފިރިހެނަކާއެވެ. އޭނަގެ ގަޔަށް ހުރީ ވަޅިއެއްޖަހައިފައެވެ. އެއީ އެ ކަހަލަ އެއްޗެއް އަހަންނަށް ފެނުނު ފުރަތަމަ ފަހަރެވެ. ސިހުރުހަދައިފައި ހުންނަނީ އެހެންކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.

“މީ އަސްލު އެހާ ރަނގަޅުކަމެއް ނޫން!” ޝާހިދު ނުތަނަވަސްވެފައި ބުންޏެވެ. “މި ކަހަލަ ކަންތައް ކުރާކަށް ނުވާނެ.”

އަހަރެން ހިތަށްއެރިއެވެ. ވަޅިއެއްޖަހައިފައި ހުރީ ކީއްކުރަން ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

“ހިނގާ އަވަހަށް މި ތަނުން ދަމާ،” ބޮކި ނިއްވައިލައިފައި އަހަރެން ބުނީމެވެ. “ރޭގަނޑު މިތާ ތިބޭކަށް ނުވާނެ. ބައްޕައަށް ފެނިދާނެ.”

ގޭތެރެއަށް ވަންނަން އެންމެން ހިނގައިގަތެވެ. އެ ވަގުތު ވަރަށް ކުރެހިފައިވާ ބާރު އަޑެއްއިވުނެވެ. ކަރުބުޑުން އަންހެނަކު ހަޅޭއްލަވައިގަތް އަޑު ކަހަލަ އަޑެކެވެ. އެއްބަޔަކު ހީކުރީ އެއީ ޖެހިގެންހުރި ގެއިން އިވުނު އަޑެއްކަމަށެވެ. އަނެއްބަޔަކު ހީކުރީ އަހަރުމެންގެ ތެރެއިން އެކަކު ކޮށްލި ސަމާސާއެއްކަމަށެވެ. އެކި މީހުން އެކި ކޮޅަށް ދުއްވައިގަތެވެ. ގޭގައި އުޅޭ އެންމެން ވަނީ އެ މީހުން ތިބޭ ތަނަށެވެ. އަހަރެން ވަނީ ގޭތެރެއަށެވެ. އެ ހިސާބުން އެ ވާހަކައެއް ނުދައްކައެވެ.

ޖެހިގެންއައި ދުވަހެވެ. އަހަރެންގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލިއެވެ. އޭރު ގަޑިން ހެނދުނު ހަތެއް ޖަހަނީއެވެ. އެ ދުވަހަކީ އަހްސަން ވެސް ގޭގައި އޮތް ދުވަހެކެވެ. ދޮރުހުޅުވީ އަހަންނެވެ.

“ދޮންބައްޕަ ކޮޓަރި އަދިވެސް ހުރީ ތަޅުލައިފަ،” ވަރަށް ކަންބޮޑުވެފައި ހަމީދު ބުންޏެވެ. “އަދިވެސް ދޮންބައްޕަ ނުނިކުންނަނީ ކީއްވެ؟”

ހަމީދަކީ ހައްވާފުޅުގެ ދޮށީ ދަރިފުޅެވެ. އެހާ ހެނދުނާ ބައްޕަ ގާތުގައި ހަމީދު ދައްކަންއޮތީ ކޮން ވާހަކައެއްބާއޭ އަހަރެން ހިތަށްއެރިއެވެ.

“އެ ވާނީ ފަތިސްނަމާދުން އައިސް ނިދާލަނީކަމަށް. ނޫނީ ވެދާނެ ކުޑަކޮށް ބަލީކަމަށް ވެސް.” އަހަރެން ބުނީމެވެ.

“ދޮރުގަ ވަރަށް ތަޅައިފިން. ޓަކި ވެސް ޖަހައިފިން. ދޮންބައްޕައަކީ އެހާ ނިދި ގަދަ މީހެއް ނޫނެއްނު.” ހަމީދު ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް ބައްޕަ ފަތިސްނަމާދަށް ދަނީ ހުރިހާ ފިރިހެނުން ގޮވައިގެންނެވެ. ވާރޭވެހުނަސް ކުޑަނަގައިގެން ވެސް ބައްޕަ އެ ކަން ބަރާބަރަށް ކުރެއެވެ.

“މިއަދު ފަތިސްނަމާދަކަށް ވެސް ނުހޭލާ. ރޭގަ ވެސް ހަމަ ނުލާހިކު ވާހަކަދައްކަދައްކާފަ ދޮންބައްޕަ އުޅުނީ،” ހަމީދު ވާހަކަދައްކާ ގޮތުން ހީވަނީ އެހެން ޝައްކެއް ހަމީދަށް ވަނީހެންނެވެ. “ދުވަހަކު ވެސް މިހެނެއް ނުވޭ.”

“ވެދާނެ އަރާމުކޮށްލަނީކަމަށް. އިހަށް ބާއްވާ!” އަހަރެން ވަރަށް ހަމަޖެހިފައި ބުނީމެވެ.

ހަމީދަށް އެގޮތެއް ކަމަކުނުދިޔައެވެ. އަހަރެން ހިތަށްއެރިއެވެ. ހަމީދު ހުންނާނީ ބައްޕައާ ދޭތެރޭ ހިތްހަމަނުޖެހިފައެވެ. އެކަމަކު، ހަމީދުގެ ފަރާތުން އެހެން ސިފައެއް ފެންނަނީ ކީއްވެގެން ހެއްޔެވެ؟

“އަހަންނަށް ފެންނަނީ ބަލައިލަން،” ހަމީދު އެދުނެވެ. “ހިނގާބަލަ!”

ނުނިމޭSource link

Leave a Reply

Related Articles