• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ ދުވަހާ ގުޅޭ

އަހަންނަށް ފެނުނީ ފޮށިގަނޑު މަތީގައި އޮތް ރޭޒަރުތިލައެވެ. ނޫނެކެވެ. އެއީ ރޭޒަރުތިލައެއް ނޫނެވެ. އަހަންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން ސަލާމަތްވާނެ ކުރު މަގެކެވެ. އަހަރެން އަނބުރައިގަތް ވަގުތު ފާރުމަތީގައި ހުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެ ފުރުސަތު ގެއްލިއްޖެއެވެ. ދެވަނަ ފުރުސަތު ގެއްލުނަކަނުދޭނަމޭ ހިތަށްއެރިއެވެ. ދެކޮޅު ހޯދައިލައިފައި ރޭޒަރުތިލަ ނެގީމެވެ. ވައަތުގެ އެތެރެފަރާތުން ކުޑަހުޅު ހުރަސްކޮށް އުފުލިފައިވާ ނާރުގައި މަޑުމަޑުން އިނގިލިޖައްސައިލީމެވެ. ބަނޑުގައިއޮތް ދަރިފުޅު ތޮޅިލިހެން ހީވިއެވެ. އަޑެއްއިވުނުހެން ހީވިއެވެ. މަންމާއެވެ. އަހަންނަށް ތިހެން ނަހަދާށެވެ. އަހަރެން ކުރީ ކޮން ކުށެއް ހެއްޔެވެ؟ ހިތަށްއެރިއެވެ. އެ ވާނީ ހީއަކަށެވެ. ނުއުފަންނަ ދަރިން ވާހަކައެއްނުދައްކާނެއެވެ. ރޭޒަރުތިލަ ނާރުމަތީގައި މަޑުމަޑުން ޖައްސައިލީމެވެ. ދެ ލޯ މަރައިލީމެވެ.

“ދަރިފުޅާ!” މަންމަ ހަޅޭއްލަވައިގަތެވެ.

ދުނިއަޅައިފައި ލޭތައް ބުރައިގެންދިޔައެވެ. މަންމަ ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފޭއްޓިއެވެ. އަހަންނަކަށް ތަދެއް އިހުސާސެއް ނުވެއެވެ. އަތް ހުރީ ފާޑަކަށް އައްސިވެފައެވެ. އަހަރެން ހީކުރީ އަނބުރައިގަންނާނެކަމަށެވެ. ލޭމަނާކުރަން ވަރަށް އުނދަގޫވާނެކަމަށެވެ. އެއިން އެއްކަމެއް ވެސް ނުވެއެވެ. އަހަރެން ގޮވައިގެން ކޮޓަރިއަށް ވަދެފައި، އެތައް އިރެއްވަންދެން މަންމަ ހުރީއެވެ. އަހަރެންގެ އަތަކުން ދުލެއް ނުކުރެއެވެ. މަންމަ ބޭނުންއިރަކު އެހެން ހުރުމަށްފަހު، މަޑުމަޑުން ދޫކޮށްލައިފައި އަތަށް ބަލައިލިއެވެ. ލޭ ހުރީ މަނާވެފައެވެ. މަންމަ އެޅީ ކުނޑިބޭހެކެވެ. އަޅައިފައި އޭގެ މަތިން ފޮތިކޮޅަކުން އައްސައިލިއެވެ.

“ނަމަނަމަ ދެން އެ ކަހަލަ ކަމެއް ނުކުރާތި!” އިންޒާރަކަށް ވުރެ ނަސޭހަތަކާ ވައްތަރު ރާގެއްގައި މަންމަ ބުންޏެވެ. “މަންމަ އަބަދުވެސް ދަރިފުޅަށް ދަސްކޮށްދޭން މަސައްކަތްކުރީ ކެތްތެރިވާން. ކުފުރުވާކަށް ނޫން. ވިސްނާލަބަލަ މި ކަން ބައްޕައަށް އެނގިއްޖެއްޔާ ދެން ވާނެ ގޮތް. އަތަށް ކިހިނެއްހޭ ވީ މީހަކު އަހައިފިއްޔާ ބުނޭ ތަނެއްގަ އަޅައިގަތީއޭ. ނަސީބެއްނު މަންމައަށް ދަނޑިވަޅަށް އާދެވުނުކަން. އެކަކު ގާތުގަ ވެސް މި ވާހަކަ ނުބުނާތި!”

އެތައް ބަޔަކަށް ދޮގުހަދައިގެން އެ ސިއްރު އަހަރެން ހިފޭއްޓީމެވެ. އެކަމަކު ހަގީގަތަކަށް ބަދަލެއްނާދެއެވެ. ބަނޑުގައިއޮތް ދަރިފުޅާއި އަހްސަން ދެކެ ވެސް އަހަރެން ވީ ފޫއްސެވެ.

ރޭޒަރުތިލަ ހާދިސާއަށްފަހު އަހަރެން ކުރާކަންތަކަށް މަންމަ ފާރަލާން ފެށިއެވެ. ކިތަންމެ ފާރަލިޔަސް އަހަރެން ކުރަން ބޭނުން ނަމަ ދެން ވެސް އެ ކަން ކުރެވުނީހެވެ. ކުރިޔަށް ވުރެ މޮޅަށް ރޭވުނީސް ވެސް މެއެވެ. ފޫހިވީވަރުން އެ ކަހަލަ ކަމެއްކުރަން ވެސް އަހަރެން ބޭނުންނުވީއެވެ.

އީދުމުބާރިކު ކަފައި ނިންމައި، އަކުރުތަކުގެ އެތެރެފަރާތުން މަޑިކަރުދާސް ހިއްޕައިފައި ފޮށިތެރެއަށް ބޮތްކެއްލިއެވެ. ކުރިމަތީގައި ހުރި ގޭގެ އީދުމުބާރިކު ތެރެއަށް ލީ ފުޅިބައްތިއެކެވެ. އިރުކޮޅަކުން ފޮށިގަނޑުގައި ރޯވެގެން އަލިފާންނިއްވަން މީހުން ކޮޅުކޮޅުމައްޗަށް ދުވިއެވެ. އަހަރެންގެ މުޅި ދިރިއުޅުން އަނދައި އަޅިޔަށްވިއިރު އެ ތަން ފެނުނު މީހަކު ނެތެވެ. އަހަންނަށް ހަމްދަރުދީވެ، ވިސްނައިދޭނެ މީހަކު ނެތެވެ. ގޭގެ ދޮރާށިމަތީގައި ހުރި ނިވިދިއްލޭ އީދުމުބާރިކަށް ބަލަހައްޓައިގެން އަހަރެން ހުރިއިރު، ބޯމަތިވަމުންއަންނަ ތޫފާނުގެ ރަތްބޮކި ވެސް ދިޔައީ ނިވިދިއްލެމުންނެވެ. ހާސްކުރުވަމުންނެވެ.

ދަރިފުޅު ވިހެއުމުގެ އެއް ރޭ ކުރިއެވެ. ނިދައިފައިއޮއްވައި އަހަންނަށް ހޭލެވުނީ ފައިގެ އިނގިއްޔަކަށް ތޫނު ތަދެއްވެގެންނެވެ. ހީވީ އަލިފާންޖެހުނުހެންނެވެ. ސިއްސައިގެންގޮސްފައި ހޭލެވުނު ވަގުތު ގައިމަތިން އެއްޗެއް ދުވެފައި ދިޔަހެން ހީވިއެވެ. ބޮކިދިއްލައިފައި ފަޔަށް ބަލައިލިއިރު ވައަތު ފައިތިލައިގެ ކުޑަވައިއިނގިލިން ލޭއާދެއެެވެ. އަހަންނަށް ވީ ތަދާއި، ގައިމަތިން ދުވެފައިދިޔަ އެއްޗަކާމެދު ވިސްނައިލުމުން ޔަގީންވީ ފައިގައި މީދަލެއް ދަތްއެޅީކަމަށެވެ. އެކަމަކު ކޮޓަރިއަށް މީދާ ވަންގޮތެއް އަހްސަނަކަށް ވެސް ނުވިސްނުނެވެ. ނުވަތަ ނުވިސްނޭކަމަށް އޭނަ ހެދުނެވެ.

ހެނދުނު މުޅި ކޮޓަރި ހޯދައިބެލިއެވެ. މީދަލެއް ނުފެނުނެވެ. މަންމައަށް އެ ވާހަކަ ކިޔައިދިނުމުން އެ ވާހަކަދެއްކުން މަންމަ މަނާކުރިއެވެ. އިނގިލިން ހަލާކުވި ތަންކޮޅުގައި ޖެހީ ބިލެތްހުނިކޮޅެކެވެ.

“ހުރިއްޔާ ހުރި ވިހައެއް މިހާރު ހުންނާނީ މަރުވެފަ،” އިނގިލީގައި ފިރުމައިލަމުން މަންމަ ބުންޏެވެ. “ކާކުބާ؟”

މަންމަ އެންމެ ފަހުން ބުނި ލަފުޒު އަހަރެންގެ ކަންފަތުގައި ހަރުލިއެވެ. އެ ބުނި އެއްޗަކާމެދު ސުވާލުކުރީމެވެ.

“ދަރިފުޅު އަދި ވިސްނޭ ވަރަށް ވުރެ..” މަންމައަށް ބުނެވުނީ އެ ހިސާބަށެވެ.

“މަންމާ!” ބަނޑުގައި ފިރުމައިލަމުން އަހަރެން ބުނީމެވެ. “ކުޑަކުދިންނެއް ނުއެއް ވިހާނެ. ބުނެބަލަ!”

މަންމަ ނިކަން ފަރުވާތެރިކަމާ އެކުގައި އަހަރެންގެ ބަނޑަށް ބަލައިލިއެވެ. އަހަރެންގެ މޫނަށް ބަލައިލިއެވެ.

“އަތުގަ ނޫނީ ފައިގަ ދަތްއަޅާ އިނގިލި ކަންޏާ އެ މީހަކަށް މީހަކު ސިހުރުހަދަނީ،” މަންމަ ތަފުސީލުކޮށްދިނެވެ. “އެކަމަކު ދަރިފުޅަށް ސިހުރުހަދާނީ ކާކުބާ؟”

މީދަލުގެ ދެވަނަ އުނދަގުލެއް އަހަންނަކަށް ކުރިމައްޗެއް ނުވެއެވެ. ދެން އައީ ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހެވެ. އަހަރެން ވިހެއީ ގޭގައެވެ. މަންމަގެ މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އަހަރެން އޮތީ ކޮންމެ ގޮތެއް ވަރިހަމަކޮށްގެންނެވެ. އުފާވެރި އެއްވެސް ޚަބަރަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އެހެންނޫނަސް، އެއްވެސް ކަމަކަށް ވިސްނޭވަރަށް ވުރެ އަހަރެންގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ވަރުގަދައެވެ. އަހަރެންނަށް އަޑުވީއްލައި ރޮވުނެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ގަދަ ވޭނެއް އަހަރެންގެ ހަށިގަނޑަކު ނާޅައެވެ. ހީވީ ހަށިގަނޑު ދެފަޅިއަށް އިރައިގެންދިޔަހެންނެވެ. ދަރިފުޅު ރޮއިގަތް އަޑުއިވުނެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހަށިގަނޑަށް ލުއިކަމެއް އިހުސާސްކުރެވުނެވެ. އަހަރެންގެ ހިތަށް ވެރިވި ފިނިކަމާއި، އުފެދުނު ލޯބި އެހެން ހުރިހާކަމެއް ހަނދާންނައްތައިލި ކަހަލައެވެ.

“ހަމަ ދޮންދޮން ބިސްކޮޅެއް!” ފޫޅުމާމަ ބުނި އަޑު އިވުނެވެ. “ބިއްކޮއްޓިއެއް!”

އަހަންނަށް ލިބުނީ އަންހެންކުއްޖެކެވެ. އެއްވެސް އައިބެއް ނެތެވެ. އެންމެ ހައިރާންވީ މަންމައެވެ. ކޭތައިގެ އެއްވެސް އަސަރެއް ދަރިފުޅަށް ނުކުރީމައެވެ. ފޫޅުމާމަ ބުނިގޮތުގައި އެހާ ދޮން ކުއްޖެއް ފޫޅުމާމަ ދުވަހަކު ވެސް ނުދެކެއެވެ. އަހަރެންގެ ދަރިފުޅު ދުނިޔެއަށް އައީ ކޭތަޔާ އިންސާނުންނާ ގުޅުމެއް ނެތްކަން ސާބިތުކުރާ ހެތްކެއްގެ ގޮތުގައެވެ. އެ ދަރިފުޅަކީ، ދިރިހުންނަން އަހަންނަށް ލިބުނު ފުރަތަމަ ހިތްވަރެވެ. އަނދިރިވަމުންދިޔަ އަހަރެންގެ ހަޔާތުގެ ފުރަތަމަ ހުޅުކޮޅެވެ. ފުރަތަމަ އުންމީދެވެ. އެ ކުއްޖާއަށް އަހްސަން ދިން ނަމަކީ ޒުހުދާއެވެ. އެހެންނަމަވެސް، އެ ހިސާބުން ނިމުނީކީ ނޫނެވެ.

ޒުހުދާ ލިބުނުފަހުން އަހަރެން ބަލިވާން ފެށިއެވެ. ނޭވާލާން އުނދަގޫވާން ފެށިއެވެ. ނުފިލާ ރިހުމެއް ބޮލުގައި އުފެދުމާއި، ކާހިތް ނުވާން ފެށިއެވެ. ބޮލުގައި ރިއްސާވަރުން ތަންދޮރު ވަތްކެއް ނުވެއެވެ. ވަރަށް ކެއްސައެވެ. ނޭވާއަށް އުނދަގޫވާއިރު އެ ކަން ބޮޑުވަމުން ގޮސް މުޅި ދުވަހު އެ ކަމެއްގައި އުޅެންޖެހިދެއެވެ. ކޮޅަކަށް ނުހުރެވެއެވެ. އެއްވެސް މަސައްކަތެއްކުރާހިތެއް ނުވެއެވެ. ކިރިޔާ ވެސް ލުއިވަނީ ދަންވަރުއެވެ. އޭރު ހުންނަނީ ގައިގަ ރިއްސައިފައެވެ. ވަރުބަލިވެފައެވެ. މަންމަ ބޭނުންވީ ފަންޑިތަހަދާށެވެ. ބައްޕަ ބޭނުންވީ ޑަކުޓަރަށް ދައްކާށެވެ. ހިޔާލު ތަފާތުވިއެވެ. މަޝްވަރާގައި ރެޔެއްގެ ބޮޑު ބަޔެއް ހޭދަކުރުމަށްފަހު ކުރިހޯދީ ބައްޕައެވެ.

އަހަރެން ދެއްކީ ޑަކުޓަރު ޔަގާނެގީއަށެވެ. އޭނަޔަށް ދައްކަން ކޮންމެހެން ހޮސްޕިޓަލަށް ދާކަށް ނުޖެހެއެވެ. ގޭގެ ފޯނުން ގުޅައިލުމާއެކު އޭނަ ގެއަށް އައެވެ. އަހަންނާ އެކި ސުވާލުކޮށް، ބެލި ގޮތަކަށް ބަލައިފައި ބޭސްދިނެވެ. އަހަރެންގެ އުމުރަކީ ސޯޅަ އަހަރެވެ. ވީމާ މާ ބާރުގަދަ ބޭހެއް ނުދިނެވެ. ކެއްސާތީ ދިން ބޭހަށް ކިޔަނީ ވެއްޓޯލިންއެވެ. އެ ބުއީމައި އެ ވަގުތުކޮޅަށް ލުއިވެއެވެ. އެ ވަރުން ފުއްދައިލަނީއެވެ.

ކުރިން އުޅުނުހެނެއް އަހަންނަކަށް ނޫޅެވެއެވެ. މަންމައަކަށްވީމަ އެކަންޏެއް ނޫނެވެ. ހަށިގަނޑުގައި މާ ބޮޑު ހަކަތައެއް ނުހުންނަނީއެވެ. އަހަރެންގެ މައިންބަފައިންނާއި އަހްސަނަކާ ނުގުޅެއެވެ. ގޭގައި އުޅޭ އަހަރެންގެ އެކުވެރިން ފެންނަ ހިސާބަކަށް އަހަންނަކަށް ނުދެވެއެވެ. ވެފައިއޮންނަނީ ވަރަށް ހެއްވާގޮތެކެވެ. އަހަންނަކަށް އަހްސަން އެއްވެސް އަމުރެއްނުކުރެއެވެ. ގޯތިތެރެއަށް ވެސް އަހަރެން ނުކުމެއުޅެންވީއެވެ. ގޭގައި އުޅޭ އެކުވެރިންނާ ރައްޓެހިކަން ވެސް ބާއްވަންވީއެވެ. ހުރިހާ މިނިވަންކަމެއް އަހަންނަށް އޮވެއެވެ. އެހެނަސް، އަހަރެން ބަލިކަމުން އެއިން އެއްވެސް ކަމެއް ނުވަނީއެވެ.

އަހްސަންގެ މިޒާޖަށް ބަދަލުތަކެއް އަންނަކަން އަހަންނަށް ފާހަގަކުރެވެން ފެށިއެވެ. އެ ކަމެއް ފެށުނީ އަހަރެން ބަނޑުބޮޑުވިތާ ދެތިން މަހެއް ފަހުންނެވެ. ރޭގަނޑު ދަންވަރު ކުއްލިއަކަށް އަހްސަން ގެއްލިދާނެއެވެ. ދާތަނެއް ނޭނގެއެވެ. ނުވެސް ބުނެއެވެ. ދެން އަންނަނީ ހެނދުނެވެ. ބައެއް ފަހަރު މެންދުރެވެ. ބައެއް ފަހަރު ހަވީރު ވެސް އާދެއެވެ. އަހަރެން ސުވާލެއް ނުކުރަމެވެ. އެހެނަސް ހިތަށްއަރައެވެ. އަހްސަން ކުރަނީ ކީއްބާއެވެ؟ ޒުހުދާގެ ކަންތައްތައް ކޮށްދެނީ މަންމައެވެ. ދުވަހުގެ ގިނަ ވަގުތު އަހަރެން އުޅޭނީ ގޮތް ނޭނގޭ އުނދަގުލަކުން ސަލާމަތްނުވެވިގެންނެވެ. އިންނާނެ ގޮތެއް އޮންނާނެ ގޮތެއް ނޭނގިގެންނެވެ.

މަންމަ ވެސް ބަލިކޮށްއުޅުނު ދުވަހެކެވެ. ޒުހުދާގެ ފޮތިތަކެއް ދޮވެފައި ހިއްކަންނާޅާ ހުރިތަން ފެނިފައި އެ ހިފައިގެން ގޯތިތެރެއަށް އަހަރެން ނުކުތީމެވެ. އޭރު އަހަރެން ގޯތިތެރެއަށް ނުނިކުންނަތާ ދެތިން މަހެއް ވެދާނެއެވެ. އެ ދުވަހަކީ މާ ވަރުގަދަ ހިޔެއްކެރުވި ދުވަހެކެވެ. އަވީގައި ހުއްޓަސް ހިޔެއްނުފިލައެވެ. ކުކުރުމެއް ކުކުރަމުން އެއްޗެހި ހިއްކަންއަޅަންހުއްޓައި، ފިކުރެއް ހިޔާލެއް ނެތި ކޮރަމުން ފުންމަމުން އަންނަ އަންހެންކުއްޖަކު ފެނުނެވެ. ހީވަނީ އަހަންނަށް ވުރެ ދެތިން އަހަރެއް ދޮށީ ކުއްޖެއްހެންނެވެ. އޭނަ ހުރީ ވަރުގެކޮޅަށް ނަލަހެދިފައެވެ. އަޅައިގަންނަ ކަހަލަ ރީތި ސިފަތަކެއް ލިބިފައިވާ އެ ކުއްޖާ ދިޔަ ގޮތަށް ވަނީ މެހުމާންސަރާއަށެވެ. ދެން ފެނުނީ އަހްސަން ގެއަށް ވަންތަނެވެ. ދެކޮޅު ހޯދަމުން އަހްސަން ގޭތެރެއަށް ވަންއިރު އަހަންނާ ދިމާއަކަށް ނުބަލައެވެ. އަހަރެން އެއްޗެހި ހިއްކަންއަޅަން ހުރެދާނެކަމަކަށް އަހްސަން ހިޔެއްނުކުރާނެވެ. އަހްސަން ގޭތެރެއަށް ވަންފަހުން މަންމައަށް އަހަރެން ފެނުނެވެ. ރޯނު ކައިރިއަށް މަންމަ އައިސް ބާކީ ހުރި އެއްޗެހި ހިއްކަންއަޅައިދޭން ފެށިއެވެ. މެހުމާންސަރާއަށް ވަން އަންހެންކުއްޖާ ހެދުމެއް ހިފައިގެން ނުކުމެ އެހެން ރޯނެއްގައި ހިއްކަންއެޅިއެވެ.

“އެއީ ކާކު؟” ހަމައެކަނި މަންމައަށް އިވޭ ވަރަށް އަހަރެން ބުނެލީމެވެ.

“ރަމްޒިއްޔާ!” ވަރަށް އާދައިގެ ރާގެއްގައި މަންމަ ބުންޏެވެ. “މިހާރު ދުވަސްކޮޅެއްވެއްޖެ އައިތާ! ދަރިފުޅު ނުދެކެން؟”

މަންމަ ގޮސް ގޭތެރެއަށް ވަނެވެ. ރަމްޒިއްޔާގެ މޫނަކުން އަހަރެންގެ ކަޅިއެއް ނުނެއްޓުނެވެ. ހުރި ފިޔަވަޅުމަތިން އަހަރެން ގުޑިއެއްނުލަމެވެ. އަހަރެން ބަލަންހުރިތަން ފެނިފައި ރަމްޒިއްޔާ އަވަސްއަވަސްކޮށްލައިގެން އެތެރެއަށް ވަނެވެ. ދެން ފެނުނީ އަހްސަން ގޭތެރެއިން ނުކުތްގޮތަށް މެހުމާންސަރާއަށް މިސްރާބުޖެހިތަނެވެ. ތަންކޮޅަކަށް ދިޔަތަނާ އަހްސަނަށް އަހަރެން ފެނުނެވެ.

ނުނިމޭSource link

Leave a Reply

Related Articles