• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

ހިލެމުންދިޔަ މެޓާގަނޑުގެ އެއްވެސް ވަހެއް އޭރަކު އަހަންނަކަށް ނުދުވައެވެ. އަހަރެންގެ މާސޫމުކަން މާ ބޮޑީއެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ބޮޑުވެފައިވާ އަންހެންކުއްޖެއްގެ ފަރާތުން މީހަކު ކިހާ ބޮޑު ނާޖާއިޒު ފައިދާއެއް ނަގައިފާނެކަން އަހަންނަށް ހަމަ ނުވިސްނުނީއެވެ.

އަހްސަނަކީ ގެ ކައިރީގައިހުންނަ ފިހާރައެއްގެ ސޭޓެކެވެ. ހައިރާންވެގެން ދެ ލޯ މުދުނަށްއަރާ ވަރުގެ މުސާރައެއް އަހްސަނަކަށް ނުލިބެއެވެ. ލިބޭ ނަމަ އަހްސަންގެ ދިރިއުޅުން ފެނުނީހީ ވަރަށް އަބުއިކޮށެވެ. އޭނަގެ އަތުކުރީގައި ސީކޯ ނުވަތަ ރޯމަރު ގަޑިއެއް އޮތީހެވެ. އޯކޭ ނުވަތަ ފެސަނޭޝަން ސެންޓު ޖެހީހެވެ. އަހްސަންގެ ވަޒީފާއަކަށް ވީހީ ބޯޓުދަތުރުކުރުމެވެ. އެ ކަހަލަ އެއްވެސް ކަމެއް ނެތެވެ. އެކަމަކު، އެއްފަހަރާ ދެ ރޯލު ލައްވާ ލަވަޖަހާއެއްޗެއް ގެއަށް ގެނައެވެ. ކެސެޓުރޯލު ވެސް ހުއްޓެވެ. ޔަގީނުން ވެސް އެއީ ބޭނުންކޮށްފައިހުރި އެއްޗެއްސެވެ. ފޮތި އަޅައިފައިވާ ދެ ކޮތަޅު އަހްސަން ގެނައެވެ. އަހްސަނާ އެކުގައި އައި މީހާ އަތުގައި ފޮށިގަނޑެއް ހުއްޓެވެ. އެއްޗެއްސާ ހަވާލުވާން މަންމަ އައި ނަމަވެސް، އެއިން އެކައްޗެއްގައި ވެސް މަންމައެއް ނުހިފައެވެ. ސާމާނުތައް މޭޒުމަތީގައި ބަހައްޓައިފައި އަހްސަން ދިޔައީއެވެ. މަންމަ ހުރީ މޭޒުކައިރީގައެވެ. އަހަރެން ވެސް މޭޒުކައިރީގައި ހުރީމެވެ. އަހްސަން ދިޔުމުން މަންމަ އެ އެއްޗެހި ހާވައިބެލިއެވެ. ހެދުންކަނޑާ ފޮތީގެ ތެރޭގައި ޔަގީނުން ވެސް ރަތްކުލައިގެ ޑަބަލްނެޓު ފޮތިގަނޑަކާއި، މާޖެހި ޕޮލިސްޓަރު ފޮތިގަނޑެއް އޮތެވެ. ބޮޑު ގޯޔާ ފުށްދަޅަކާއި، ގުންބާ ސެންޓުފުޅިއަކާއި، ކަތި ވަދުޖެހި، ކަޅު ފައިވާނެއް ވެސް އޮތެވެ. ކަންބޮޑުވެފައި އަހަރެންގެ މޫނަށް މަންމަ ބަލައިލިއިރު އަހަންނަށް ހުރެވުނީ މަންމަގެ މޫނަށް ބަލަހައްޓައިގެންނެވެ. މަންމަ ގަދަކަމުން ހިނިތުންވެލިއެވެ.

“މީ ކާކަށް ގެނައި އެއްޗެހިތަކެއް؟” އަހަރެން އެހީމެވެ.

“ނޭނގެ މަންމައަކަށް،” އަހަރެންގެ ބޮލުގައި ފިރުމައިލައިފައި މަންމަ ބުންޏެވެ. “މި އެއްޗެހި ގެންގޮސް ކޮޓަރިއަށް ލާ! ލަވަޖަހާއެތި ބަހައްޓާ! އޭތި މާ ބަރުވާނެ.”

“މިއަށް އެއްފަހަރާ ދެ ރޯލު ލެއްވޭނެ ދޯ މަންމާ؟” އަހަރެން ސުވާލުކުރީމެވެ.

މަންމަ އެއްޗެއް ނުބުނެ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރު ގޭގައި ހުންނަނީ އެއް ރޯލު ލެއްވޭ ކެސެޓު ރޭޑިޔޯއެކެވެ. ރޭޑިޔޯއިން ލަވަ އަންނައިރު އެއިން ރެކޯޑުކުރެވެއެވެ. އެއްފަހަރާ ދެ ރޯލު ލެއްވޭ އެއްޗެއް ގެޔަށް ގެނައީ އަލަށެވެ. އެއާ ކުޅެލަން އަހަރެން ބޭނުންވިއެވެ. ވީމާ، ލަވަޖަހާއެތީގެ ރޯލު ލައްވާ ތަން ހުޅުވައިލީމެވެ. އެއް ތަން ހުޅުވުނީ ތަންކޮޅެއް ތާށިކޮށެވެ.

“ދަރިފުޅަށް ހަމަ އެނގޭތަ ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން؟” މަންމަގެ ރާގުގައި ވަނީ ހައިރާންކަމެވެ.

“އާނ!” ވަރަށް ހަމަޖެހިލައިފައި އަހަރެން ބުނީމެވެ.

“އެކަމަކު ދަރިފުޅު އަދި މާ ކުޑައެއްނު!” މަންމަގެ ރާގުގައި ވަނީ ނުތަނަވަސްކަމެވެ.

“ދެން މަންމާ!” އަހަންނަށް ބުނެވުނެވެ. “އަހަންނަށް ސާދަ އަހަރު ފުރިއްޖޭ!”

އެ ހިސާބުން މަންމަ އަނެއްކާ ވެސް އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. އަދި އެ ތަނުން ދިޔައެވެ. އަހަރެން ހިތަށްއެރިއެވެ. މަންމަ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟ ލަވަޖަހާއެއްޗަކާ އަހަރެން މި ކުޅެނީ އަލަށް ހެއްޔެވެ؟ އެ ކަމާ އުމުރާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

އަހްސަން ތަންކޮޅެއް ގިނައިން ގޭތެރެއިން ފެންނަން ފެށިއެވެ. ބައްޕައާއި އަހްސަން ދައްކާ ވާހަކައެއް ދައްކަނީ ތަންކޮޅެއް މަޑުމަޑުންނެވެ. އަހަރެން ފެންނައިރަށް އަހަންނަށް ބަލައިލައިފައި ބައްޕަ ހިނިތުންވެލައެވެ. އެ ހިނިތުންވުމުގެ ކޮންމެވެސް ސިއްރެއް ފޮރުވިފައިވާހެން އަހަންނަށް ވަރަށް ހީވިއެވެ. އަހަރެން ހިނިތުންވުން ރައްދުކުރަމެވެ.

ޖެހިގެންއައި ދުވަހު އަހަންނަށް ހޭލެވުނީ ގޭތެރެ ތަންކޮޅެއް ހަލަބޮލިވެގެންނެވެ. އަހަރެން ކޮޓަރިން ނުކުތްއިރު ގޭގައި ކުލަލަނީއެވެ. އަހަރެން ހިތަށްއެރިއެވެ. ޖުލައި ސައްބީސް ކައިރިއެއް ނުވެއެވެ. ރޯދަމަހާއި އީދެއް ވެސް ކައިރިއެއް ނުވެއެވެ. ކުއްލިއަކަށް ގޭގައި ކުލަލަނީ ކީއްވެގެން ހެއްޔެވެ؟ ކުލަލުމަކީ އަހަރެން ވަރަށް ކުރާހިތްވާކަމެކެވެ. އެހެންވެ، ސައިބޮއިގެން ކުޑަ ދަޅަކަށް ކުލަ އެޅީމެވެ. ފިއްސެއް ހޯދީމެވެ. އަހަރެން ކުލަލާން ހުރީ ފެންޑާގައެވެ. ބައްޕަ ހުރީ ގޭތެރޭގައެވެ. އަހަރެން ފެންޑާގައި ހުރިކަމެއް ބައްޕައަކަށް ނޭނގޭނެއެވެ. ފެންތައްޓެއް ގެންނަން ބައްޕަ ގޮވައިލި އަޑުއިވުނެވެ. ފެންތަށި ހިފައިގެންއައީ މަންމައެވެ.

“އެ އަހްސަނަކީ އަހަރެންނަށް ހާދަހާ ކަމުނުދާ މީހެކޭ!” ބައްޕަ ބުނި އަޑު އިވުނެވެ.

އަހަރެން ހުރީ އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދީގެނެއް ނޫނެވެ. އެހެންނަމަވެސް މަންމައާއި ބައްޕަ ދެއްކި ވާހަކަތައް އަހަންނަށް އަޑުއިވުނެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނާއި ބައްޕަގެ ހިޔާލު ހާދަހާ އެއްގޮތެވެ. އަހަންނަކަށް ވެސް އަހްސަން ކަމަކުނުދެއެވެ. އެކަމަކު ކުއްލިއަކަށް އަހްސަނާ މާ ބޮޑަށް ބައްޕަ ގުޅައިލައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

“ދެން ކީއްކުރާނީ؟” ޖަވާބުގައި މަންމަ ބުންޏެވެ. “މާ ބާރަށް ތި ވާހަކަ ނުދައްކާތި! އެހާ ސާފުކޮށް ބުނެފައޮއްވާ އަހަރުމެން ދެކޮޅުހަދައިފިއްޔާ ދެން ނަތީޖާ މާ ރަނގަޅެއް ނުވާނެ. މާތްކަލާނގެއާ ވަކީލުކޮށްލައިފަ މި ކަން އަވަހަށް ނިންމާލީމަ ހުންނާނީ ރަނގަޅަށް. ފަހަރެއްގަ ހަމަ ރަނގަޅު ވެސް ވެދާނެ ތޯއްޗެއް!”

މާލެއަށް މަނަވަރެއް އައިސްގެން އުޅުނު ދުވަހެކެވެ. ރޭގަނޑު މަނަވަރު ބަލަން ދާނެ ވާހަކަ މަންމަ އޮތީ ބުނެފައެވެ. އަހަރުމެން ދަނީ އުތުރު ފަރާތު ތޮށިގަނޑު ކައިރިއަށެވެ. އެ ދިމާއިން ވަރަށް ރީތިކޮށް މަނަވަރު ފެންނާނެއެވެ. މަނަވަރުގައި ދިއްލައިފައިއޮންނަ ރީތި ކުލަބޮކިތައް ނިވިދިއްލޭ ތަން ފެނުމުން އަހަރެން ވަރަށް އުފާވެއެވެ. ރޭގަނޑު ކައިގެން، ނަލަހެދިގެން ގޭގެ ފެންޑާއަށް ނުކުމެ އަހަރެން އުނދޯލީގައި އިށީނދެލީމެވެ. އެ ވަގުތަކީ އަހްސަން ގެއަށް ވަން ވަގުތެވެ. އޭނަ މިސްރާބުޖެހީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ. އެހެނަސް އަހަރެން ފެނުމުން މިސްރާބު ބަދަލުކޮށްލިއެވެ. ފެންޑާގެ ދޮރުމައްޗަށް ހުއްޓުނެވެ. ބޮލުގެ އިސާރަތުން އަހަންނަށް ގޮވައިލިއެވެ. އަހަރެން ދިޔުމުން އަހްސަން އަތުގައި އޮތް ކޮތަޅު ތެރެއިން ދެ ކެސެޓުރޯލު ނަގައިފައި އަހަންނަށް ދިއްކޮށްލިއެވެ.

“ވަރަށް ރީތި ލަވަ ހުންނާނެ،” ވަރަށް ގަޔާވެފައި އަހްސަން ބުންޏެވެ. “މީ ސީދާ މޫނިއަށް ގެނެސްދިން އެއްޗެއް.”

އަހަރެން އޭގައި ހިފީމެވެ. އެއް ރޯލުގައި ޖަހައިފައި އޮތީ މެއި ޗުޕް ރަހޫނގީއެވެ. އަނެއް ރޯލުގައި އޮތީ ގުމްރާހެވެ. ދެ ފިލްމުގެ ލަވަތައް ވެސް އަހަންނަށް ވަރަށް ރީއްޗެވެ. ކުރިން އަހަރެން އަތުގައި ގުމްރާހުގެ ރޯލެއް އޮތެވެ. ހެޑަށްއޮޅިގެން ހަލާކުވީއެވެ.

“އެކަމަކު އަހަރެން ނުބުނަމެއްނު ގެންނާށެކޭ!” އަހަރެން ބުނީމެވެ.

“އެހެންވިޔަސް އަހަރެންނާ އިނީމަ އަހަރެންގެ ހުރިހާ އެއްޗަކީ މޫނިގެ އެއްޗެއްނު،” އަހްސަން އުފަލާއެކު ބުންޏެވެ. “މޫނިގެ ހުރިހާ އެއްޗަކީ އަހަރެންގެ އެއްޗެއްނު!”

އަހަރެން ވަގުތުން ރޯލުތައް އަހްސަނަށް ދިނީމެވެ. ނުހިފުމުން ފާރުބުރިމަތީގައި ބެހެއްޓީމެވެ.

“އުހުނ! މަށެއް ނީންނާނަން!” އަހަރެން ވަރަށް ސާފުކޮށް ބުނީމެވެ.

“ދެން ބަދަލެއް ނުވާނެ!” އަހްސަން އިންކާރުކުރިއެވެ. “އެ ކަން އޮތީ ހަމަޖެހި ނިމިފަ!”

“އަހަރެން ބޭނުމީ މި ކަން ކެންސަލުކުރަން،” އަހަރެން ކަންބޮޑުވެފައި ބުނީމެވެ. “ކިހިނެއް ކެންސަލުކުރެވޭނީ؟”

“ދެން ކެންސަލެއް ވެސް ނުވާނެ،” އަހްސަން ބުންޏެވެ. “މޫނި ތިހިރީ ހުވައެއްކޮށްފައެއްނު!”

އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ހިތަށްއެރިއެވެ. އަހްސަން ދޮގުހަދަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހުވައެއް ނުކުރަމެވެ.

“އޭނ؟ ކޮބާ އެ ހުވަޔަކީ؟” އަހަރެން އެހީމެވެ.

“އިންނަންކަމަށް އަހަންނާ އަތާއަތާޖެހީމެއްނު!” އަހްސަން ހަނދާންކޮށްދިނެވެ.

އެއީ ހުވައެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ހިތަށްއެރިއެވެ. އަހަރެން އަތާއަތާޖެހީ ކީއްކުރަން ހެއްޔެވެ؟

“ތި ދެން ކިހާ ހެއްވާކަމެއް،” އަހަރެން ބުނީމެވެ. “އަތާއަތާޖެހިއިރަކު އަހަންނަކަށް ނޭނގެ އަހްސަން ބުނަންއުޅެނީ ކީކޭކަމެއް ވެސް. ކައިވެންޏޭ ބުނީ މާ ފަހުން. އެ ކަހަލަ އެއްޗެއް ހިތަށް ނުވެސް އަރުވާ އަހަރެން އަތާއަތާޖެހީ. އެއީ ހުވައެއް ނޫން. އަތާއަތާޖެހިޔަސް މަ ނުޖެހޭނެ އަހްސަނާ އިންނާކަށް.”

އަހަރެން ކައިވެނި ނުކޮށްފާނެހެން ހީވުމުން އަހްސަން ފަހު ހަތިޔާރުގެ ބޭނުންހިފިއެވެ. އަހަރެން ބިރުގަންނަވައިލިއެވެ.

“މޫނިއަށް އެނގޭތަ އަތާއަތާޖަހާފަ އަހަންނާ ނީނީމަ ދެން ވާނެ ގޮތް؟” އަހްސަންގެ ރާގު ބަދަލުވިއެވެ. “މޫނި ސިފައިންގެއަށް ގެންދާނެ. ކުށްވެރިވާނެ. ދެން ލާނީ ޖަލަށް. ބޮޑު ހުވައެއްކޮށްފަ އެ ހުވާ އުވާލީމަ ލިބޭ އަދަބު އެނގޭތަ މޫނިއަށް؟ ޖަލުގެ އަނދިރީގަ ސާޅީސް ދުވަސް ވަންދެން އެކަނިމާއެކަނި މޫނި ހުންނަންޖެހޭނީ. އެ ތަނުގަ ކުރަފި އުޅޭނެ. ފައިދިގުމަކުނު އުޅޭނެ. ނަގުލަންދާށްޓާ، ނަންނުގައްޗާ، ބިޗޫ ވެސް އުޅޭނެ. ހެޔޮ؟”

އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ފިނިވެގެންދިޔައެވެ. ފައި ތުރުތުރުއަޅަން ފެށިއެވެ.

“ތިހެންވިއްޔާ އަހަރެން ބައްޕަ ގާތުގަ މި ވާހަކަ ބުނާނަން،” އަހަރެން ކަންބޮޑުވެފައި ބުނީމެވެ. “ބުނާނަން އަހަންނަށް ނުވެސް އެނގިއޭ އަތާއަތާޖެހީ.”

“ބުންޏަސް ދެން ކުރާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ،” ޔަގީންކަމާ އެކުގައި އަހްސަން ބުންޏެވެ. “ހުވައެއް ކޮށްގެން ތިހިރީ. ދެން ބަދަލެއް ނުކުރެވޭނެ. އެ ނިންމުމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ. ބައްޕައެއް ނޫން ކޮންމެ މީހަކާ ވާހަކަދެއްކިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ތީ ހަމަ ބޭކާރުކަމެއް. ތިހެން އުޅެނިކޮށް ބައްޕަޔާ މަންމަ ވެސް ލާނީ ޖަލަށް.”

އެ ހިސާބުން މަނަވަރު ބަލަންދިޔުން ކެންސަލުވީއެވެ. އަހަރެން ދުވެފައި ގޮސް އެނދަށްއަރައި މުޅި ގައިގައި ރަޖާއެޅީމެވެ. އަހްސަންގެ ވާހަކަތައް އަހަންނަށް ގަބޫލުކުރެވުނެވެ. ކައިވެނި ނުކޮށްފިއްޔާ އަހަރެން ވަންނަންޖެހޭނީ ޖަލަށެވެ. އެކަމަކު ކޮށްފިއްޔާ ވަންނަންޖެހޭނީ ރަންނަމާރީގެ ބުދުކޯލަށެވެ. އަހަންނަށް ސިފަވީ އެ ގޮތަށެވެ. އެހެނަސް އަހަރެން ހިތަށްއެރިއެވެ. އެ ވަރުގެ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އަހަރެން ގާތުގައި ބައްޕަ އަހާނެއެވެ. ކަންވީގޮތް އޮޅުންފިލުވާނެއެވެ. އެހެންނަމަވެސް އެހެނެއް ނުވިއެވެ.

ބަލަބަލަ ހުއްޓައި ގެ ރީތިކޮށް ނިމުނެވެ. ކައިވެނީގެ ވަގުތު ޖެހުނެވެ. މައިންބަފައިން މާ ކުރިން ގޮތެއް ނިންމައިފައިވާ ކަހަލައެވެ. އަހަރެން ހިތަށްއެރިއެވެ. އަހްސަންގެ ފަރާތުން ބައްޕައަށް ހަގީގަތް އެނގުނީއެވެ. އަހަރެން އަތާއަތާޖަހައިފައި އޮތުމުން ކައިވެނި ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތީއެވެ. އަހަންނާއި އަހްސަން ކައިވެނިކުރެވުނީ، ވަރަށް ބޯކޮށް ވާރޭވެހުނު އަންގާރަ ދުވަހެއްގެ ހަވީރުއެވެ. އަހަރެންގެ އުމުރުން އެންމެ ސާދަ އަހަރުގައެވެ.

ނުނިމޭSource link

Leave a Reply

Related Articles