• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

ސިއްސައިގެން ގޮސްފައި އަހަރެން މޭޒު ތަންދޮށް ބަލައިލީމެވެ. ދެ ލޯ ރަތްކޮށްގެން އޮތް ބޮޑު ފުރޭތައެއް މޭޒު ތަންދޮށަކު ނެތެވެ. އެކަމަކު އަހަރެންގެ ފައި ހުރީ ވަރަށް ބޮޑަށް ދުޅަވެފައެވެ. ދެމޭ ފޮތީގެ ހަރުވާޅަށް ފައި ނުތަކައިފައިވާ ކަހަލައެވެ. ބިރުން ދެ ލޯ ބޮޑުކޮށްފައި ބައްޕަޔާ ދިމާއަށް އަހަންނަށް ބަލައިލެވުނެވެ.

“ކިހިނެއްވީ ދަރިފުޅާ؟” ބައްޕަ ސުވާލުކުރިއެވެ.

“މަގޭ ފައި!” އަހަންނަށް ބުނެވުނެވެ.

ކުއްލިއަކަށް އަހްސަން ތެދުވިއެވެ. އޭނަގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުގެ ހަގީގަތެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.

“ފަޔަށް ކިހިނެއްވީ ދަރިފުޅާ؟” ބައްޕަ ތެދުވެގެން އައިސް އަހަރެންގެ ފަޔަށް ބަލައިލިއެވެ. “އަހަނ! ފައި ތިއޮތީ ދުޅަވެފައެއްނު!”

ކުޅުން ހުއްޓައިލިއެވެ. އެންމެން ނިދަން ފޮނުވައިލިއެވެ. އޭރު އަހްސަން ހިނގައްޖެއެވެ. މަންމަ އޮތީ ނިދައިފައެވެ. އެކަމަކު އަހަރެން ގޮވަން ފެށުމުން މަންމަ ހޭލިއެވެ. ބައްޕަގެ އެހީޔާ އެކުގައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ހޮޅިބުރިން ރަނގަޅަށް އަލިވާ ހިސާބަށް ގޮސް އަހަރެންގެ ފައި ބެލިއިރު، ފައިގައި މަޑު ފިޔާތޮށި ކުލައެއްގެ ރޮނގުތަކެއް ދިގަށް ހުއްޓެވެ. މުޅި ފައިގައި ކުދިކުދި ބިހިތަކެއް ވެސް ހުއްޓެވެ. އަހަރެން ވަރަށް ބިރުގަތެވެ.

“މަދިރިއެއް ހެފީކަންނޭނގެ،” ވަރަށް ރަނގަޅަށް ބަލައިފައި މަންމަ ބުންޏެވެ. “ކޯލާވޯޓަރު ފުޅި ގެނޭ!”

ހުންއައުމުން އަހަރުމެން ކަނީ ހުންބޭހާއި، ބޮޑުމަހުތެލާއި، ވިޓަމިންސީއެވެ. ބޮލުގައި ރިއްސައިފިއްޔާ އެންމެ ގިނައިން ބޭނުންކުރަނީ ޑިސްޕިރީނެވެ. ޖެހިތަދުވެއްޖެއްޔާ ބޮޑުމަތިމަސް ތެޔޮ ނުވަތަ ބެންޒަނެވެ. ބޮޑުމަތިމަސް ތެލަކީ ކަފަބުރަކުން މަޑުމަޑުން އުނގުޅާ އެއްޗެކެވެ. ބެންޒަނަކީ، ތަދުވާ ތަނުގައި ކަފަގަނޑެއް އަޅައިފައި އޭގެ މައްޗަށް އަޅާ، މުށިކުލައަކަށްދާ ފެނެކެވެ. ބޮޑު ފުޅިއެއްގައި ހުންނަ ފިނި، ތަތް ގަދަ، މީރުވަހެއްދުވާ އެއްޗެކެވެ. ދެން ހުންނަނީ ކޯލާވޯޓަރެވެ. ތަނެއް ކެނޑުނަސް، މަދިރިހެފިޔަސް، ބިހިނެގިޔަސް، ހުންއައުމުން ނިތްކުރިމަތީގައި ބާއްވާ ރުމާލަށް ވެސް އަޅަނީ ކޯލާވޯޓަރެވެ. ކޯލާވޯޓަރުން ސިނގެރޭޓު ތެންމައިގެން ބުއިމަކީ ވެސް އާންމު ކަމެކެވެ. އަހަރެންގެ ފަޔަށް ވެސް އެޅީ ކޯލާވޯޓަރެވެ. އެކަމަކު ލިބުނު ލުޔެއް ނެތެވެ. ފައި ހައްތަހާ ދިޔައީ ދުޅަވަމުން، ބަރުވަމުންނެވެ.

“ގޮނޑިޔަކަށް ފައި ނަގައިގެން އިނދޭ!” ގޮނޑި ކައިރިކޮށްލަމުން މަންމަ ބުންޏެވެ. “މާ ގިނައިރު ކުޅެންއިނދެވުނީ ކަންނޭނގެ.”

އެއީ އެ ގޮތަށް އަހަރެން ކުޅެންއިން ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން ނުވި ކަމެއް ފަހުން ވާންވީ ކީއްވެ ހެއްޔެވެ؟ ހެނދުނުވީއިރު ވެސް ފަޔަށް ލުޔެއް ނުލިބުމުން، މަންމަ ކެލާ ގާނައިފައި ފައިގައި ހޭކިއެވެ. ބިހިތައް ވީ އިތުރެވެ. މުޅި ފަޔަށް ޒާތެއްގެ ރަތްކުލައެއް އެރިއެވެ.

“ކެލާ ނުގުޅެނީ ކަންނޭނގެ،” ގާތުން ވާނުވާބަލަމުން ބައްޕަ ބުންޏެވެ. “އަވަހަށް ދޮވެލާ!”

މަންމަ އަހަރެންގެ ފައި ދޮއްވިއެވެ. ދެން ހަދާނެގޮތަކާ މެދު ވިސްނިއެވެ. ފަޔަށް އެހެން ދިމާވީ ކީއްވެގެންކަމެއް އެކަކަށް ވެސް ނޭނގުނެވެ. މުޅި ދުވަހު ފައި ހުރީ އެހެންނެވެ. މަންމަ އެހެން އެއްޗެއް އުނގުޅިއެވެ. އެކަމަކު އިރުއޮއްސުނުއިރު ވެސް ފައި ރަނގަޅެއް ނުވެއެވެ. ވިއްޔާ ވީ ގޯހެވެ. ފައި ކަހަން ފެށިއެވެ. ނުކަހަން އަހަރެން ހިތްވަރުކުރީމެވެ. ހަނދާންނެތި ކެހެނީއެވެ. އޭގެ ސަބަބުން ކަކުލުގެ ތަންކޮޅެއް މަތީގައިހުރި ބިހިތަކުން ހަންދިޔައެވެ. ލޭއަންނަން ފެށިއެވެ. މަންމަ އެދުނީ ދެން ފައިގައި އަތްނުލުމަށެވެ. ޑަކުޓަރަށް ދެއްކީމެވެ. ޑަކުޓަރު ދިން ބޭސް ބޭނުންކުރީމެވެ. ހީކުރީ ކޮންމެވެސް ލުޔެއް ލިބޭނެ ކަމަށެވެ.

ޖެހިގެން އައި ދުވަހު ވެސް ފަޔަކަށް އެއްވެސް ލުޔެއްނުލިބުނެވެ. ހަލާކުވި ތަންކޮޅު ރަނގަޅެއް ނުވިއެވެ. އަހަރެންގެ ފައިތެރޭގައި ހީވަނީ ފަނިތަކެއް ދުވާހެންނެވެ. ފައި ހިރުވާވަރުން ކެތްނުވެއެވެ. އަނެއްކާ ޑަކުޓަރަށް ދެއްކީމެވެ. އެ ފަހަރު ދިނީ އުނގުޅާ ބޭހެކެވެ. އެ ބޭސް އުނގުޅައިގެން ފައިގެ ދުޅަ ތިރިވިއެވެ. ހަލާކުވި ތަންކޮޅު ހައްތަހާ ދިޔައީ ގޯސްވަމުން ނުބައިވަމުންނެވެ.

ދިވެހިބޭސްވެރިޔަކަށް ދެއްކީމެވެ. ދިވެހިބޭހަށް ބޭނުންވާ ހުރިހާ ސާމާނެއް ފަސޭހައިން ލިބެންހުރެއެވެ. އެކަމަކު އަހަރެންގެ ފަޔަށް ބޭނުންވި ބޭސްތަކުގެ ތެރެއިން ބައެއް ބޭހެއް ނުލިބުނެވެ. އެ ބޭސްތައް ހޯދީ ކައިރި ރަށްރަށުންނެވެ. ދެތިން ދުވަހެއް ތެރޭގައި ބޭސްގަނޑު ތައްޔާރުކޮށް ފައިގައި ބޭސްއެޅިއެވެ. އެ ބޭހުގެ ސަބަބުން ފައިގެ ހިރުވުން ކުޑަވިއެވެ. އެކަމަކު އަބަދުވެސް މަޑުމަޑު ދިލައެއް ހުރެއެވެ. ފާރުގަނޑު ހައްތަހާވީ ބޮޑެވެ. ހެދޭނެ އެހެން ގޮތެއް، ކުރެވޭނެ އެހެން ފަރުވާއެއް ނެތުމުން ބޭސްގަނޑު އާކޮށްލަކޮށްލާ ތިބީއެވެ.

ހަފުތާއެއް ވިއެވެ. ފައިގައި ރިއްސަން ފެށިއެވެ. އަހަންނަކަށް ނުނިދެއެވެ. ފައިއަޅަން އުނދަގޫވާން ފެށިއެވެ. މަހެއް ވިއެވެ. އޭރު ފާރުގަނޑު ނުބެލެހެއްޓޭ ވަރަށް ބޮޑުވެއްޖެއެވެ. ބިއްސެއް ސައިޒުގެ ތަންކޮޅު ޖޭމުފުޅިއެއްގެ މަތިގަނޑު ސައިޒަށް ބޮޑުވެއްޖެއެވެ. ރިހުން ގަދަވާން ފެށިއެވެ. ރަނގަޅުވުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކިލާހަށް ދިޔުން ހުއްޓައިލަން ޖެހުނެވެ. ބައްޕަ ކަންބޮޑުވެއްޖެއެވެ. ދެން ވެސް ބޭނުންކުރީ ދިވެހިބޭހެވެ. ދެ މަސް ވިއެވެ. ދުވާލު އަހަރެން އޮންނަންޖެހެނީ ގޯތިތެރޭގައި ބަހައްޓައިފައިހުންނަ ފަތްޖެހިއެނދެއްގައެވެ. ފައި ދަށަށް ބާލީސް ލައްވައިގެންނެވެ. އަހަންނަށް ކުރެވޭހާ ވެސް ކަމަކީ ފޮތްކިޔުމެވެ. މަދުމަދުން ކުރަހައި، ކުލަޖައްސައި ވެސް ހެދީމެވެ. ދުވާލު ހަތަރުދަމު އެހެން ކަމެއް ނުކުރެވި އޮންނަންޖެހުމުން ވަރަށް ފޫހިވިއެވެ. އަހްސަން ވަރަށް ގިނައިން ގެއަށް އާދެއެވެ. ފަތްޖެހިއެނދުގައި އިށީނދެލައިގެން އަހަންނާ ވާހަކަދައްކަން އިނދެއެވެ. އަހަންނާ އެންމެ ގިނައިރު ވާހަކަދައްކާ، ގެއިން ބޭރު މީހަކީ އަހްސަނެވެ.

“ތިހެން އެކަނި އޮންނާކަށް ފޫއްސެއްނުވޭ؟” އަހްސަން އެހިއެވެ.

“ފޫހިވޭ!” އަހަރެން ބުނީމެވެ. “އެކަމަކު އެކަނި އޮންނަންޖެހުނީމަ އޮންނާކަށްނު ޖެހޭނީ.”

އަހްސަން ހީވަނީ ކޮންމެވެސް ވާހަކައެއް ބުނަންއުޅެ ނުބުނެވިގެންއުޅޭހެންނެވެ. ކޮންމެ ފަހަރަކު އެއްޗެއް ބުނުމުގެ ކުރިން ދެތިން ފަހަރަކު ކަރުކެހެއެވެ. ބޯކަހައެވެ. އެތައް އިރަކު ވިސްނައެވެ.

“އެކަނި އޮންނާކަށް ނުއެއްޖެހޭނެ،” އަހްސަން ބުންޏެވެ. “ކޮންމެހެން ނުޖެހޭ މަންމަޔާ ބައްޕައަށް އުނދަގޫޖައްސާކަށް ވެސް. މޫނިސާ ހަމަ އެންމެ ފަހަރަކު ބުނެލަންޖެހޭނީ. ހުރިހާ ކަމެއް ހަމަޖެހޭނެ.”

“ކީކޭ ބުނެލަންޖެހޭނީ؟” އަހަރެން ސުވާލުކުރީމެވެ. “އަހްސަން ކީކޭތަ ތި ކިޔަނީ؟ ބޭސްކުރަން އަހަރެން އިންޑިޔާއަށް ގެންދާށޭ ބުނަންވީ؟ އެހެންނޫނީ ދިވެހިބޭސް ހަދާ މީހަކު އެހެން ރަށަކުން ގެންނާށޭ ބުނަންވީ؟”

ބުނަންއުޅޭ އެއްޗެއް ތަފުސީލުކޮށް ބުނާކަށް އަހްސަނަކަށް ނޭނގެއެވެ. ނުވަތަ ނުކެރެއެވެ. ވިއްސާރަ މޫސުން އައިއިރު ވެސް އަހަރެންގެ ފަޔެއް ރަނގަޅެއް ނުވެއެވެ. ގިނަ ވަގުތު އަހަރެން އޮންނަނީ ފެންޑާގައި ހުންނަ އުނދޯލީގައެވެ. ތުނި ގޮދަޑިއެއް އަޅައި، ތިން ފަރާތުގައި ކަންނެޔޮޖަހައިފައި ހުރުމުން އަހަންނަށް ހީވަނީ އެނދެންހެންނެވެ. ބައެއް ފަހަރު އަހަންނަށް އޮންނަނީ ނިދިފައެވެ. ދެބަދޭތެރޭގައި ހޭލެވޭއިރު އުނދޯލި ހެއްލޭކަން ފާހަގަކުރެވެއެވެ. ހެއްލައިދޭކަށް މީހަކު ނުހުރެއެވެ. އަހަރެން ހީކުރަނީ އުނދޯލީގައި އިން މީހަކު އުނދޯލިން ފޭބި ވަގުތު އަހަންނަށް ހޭލެވުނީ ކަމަށެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އުނދޯއްޔަށް އެރި ލޮޅުމެއްގެ ސަބަބުން ސިއްސައިގެންގޮސްފައި އަހަންނަށް ހޭލެވުނެވެ. އޭރު އަހަންނަށް ގޮވަމުން މަންމަ އާދެއެވެ. ވީގޮތް ނޭނގިފައި މަންމައަށް ބަލަހައްޓައިގެން އަހަރެން އޮތީމެވެ.

“ސައިބޯން ގޮވާގޮވާ!” އުނދޯލި ކައިރިއަށް ހުއްޓިލައިފައި މަންމަ ބުންޏެވެ. “ހުންނާނެ ދަނޑިއަލުވި ބޯކިބަލާ، ފުށްޖެހި ކަވާބު ހަދާފަ. އާދޭ އަވަހަށް އިނގޭ.”

އަހަރެން ބޯޖަހައިލުމުން މަންމަ ދިޔައެވެ. އުނދޯލީގައި އިށީނދެލައިގެން އިރުކޮޅަކު އަހަރެން އިނީމެވެ. އެ ވަގުތު ހޮޅިބުރިއެއް ފިޔަޖަހައިލާހެން ހަނދާނެއް ފިޔަޖަހައިލިއެވެ. ފެންނަނީ އަހްސަންގެ މޫނެވެ. އަހަރެންގެ މޫނާ ދިމާއަށް ގުދުވެގެން އޮއްވައެވެ. އެއީ ހުވަފެނެއްކަމެއް ނުވަތަ ހަގީގަތެއްކަމެއް ނޭނގެއެވެ. ޔަގީނުން ވެސް ވަރަށް ގާތުން އަހްސަންގެ މޫނު އަހަންނަށް ފެނުނެވެ. އޭގެ ފަހުން އުނދޯލީގައި އޮވެގެނެއް އަހަރެން ނުނިދަމެވެ.

ތިން މަސްވިއިރު ވެސް އަހަރެންގެ ފައި ރަނގަޅެއް ނުވިއެވެ. މާލެއައި ރަޝިޔާގެ މާ މަޝްހޫރު ޑަކުޓަރަކު ލައްވާ ވެސް ބޭސްކުރުވިއެވެ. އެއްވެސް ބަދަލެއްނައެވެ. ހަތަރު މަސް ވީއިރު ވެސް ވީކަމެއް ނެތެވެ. އޭރު ފަޔަށް ވަރަށް ތަދުވެއެވެ. އަހަރެން ހީކުރީ ދެން އަހަރެންގެ ފައި ދުވަހަކު ވެސް ރަނގަޅު ނުވާނެ ކަމަށެވެ.

“ދެން އަހަންނަށް ފެންނަނީ ފާލުބަލަން!” ގޮތްހުސްވެގެން ބައްޕަ ބުންޏެވެ. “ހަތަރު މަހަކީ ވަރަށް ގިނަ ދުވަސް. އެކަކަށް ވެސް ވާނުވާއެއް ނޭނގޭ. ކޮންމެ މީހަކު ވެސް ކޮންމެވެސް ބޭހެއް ދެނީ. ވާގޮތެއް ނުބުނެދެވޭ. ހުރިހާ ބޭހެއް ބޭކާރު.”

މަންމަ އެއްބަސްވިއެވެ. ފާލުބެލުމަކީ ކޮބައިކަމެއް، އެއީ ކިހިނެއް ކުރާކަމެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އެހީމައި ބުނެއެއް ވެސް ނުދިނެވެ. ބައްޕަގެ ވާހަކައިން އެނގުނު ގޮތުގައި، މާފަންނު ބޯޅަދަނޑު ކައިރީގައި ހުންނަ ގެއެއްގައި ފާލުބަލަން ވަރަށް ކުޅަދާނަ މީހަކު ހުރެއެވެ.

ޖެހިގެންއައި ދުވަހެވެ. މޫންލައިޓު ނޫހުން “ކުޑަކުދިންގެ ގަނޑު” ނަގައިގެން އޭގައި އޮތް ބުރަފަތި ލަފުޒުގެ އަރަތް ހެދޭތޯ އަހަރެން މަސައްކަތްކުރަނިކޮށް ބައްޕަ ގެއަށް ވަނެވެ. ހަރުކޮށް ހިނގައިފައި ގޮސް ގޭތެރެއަށް ވަދެފައި، އިރުކޮޅަކަށް ފަހު ބައްޕަ ނުކުތީ ގަމީސް ބަދަލުކޮށް ކޮނޑުކެނޑިއެއް ލައިގެންނެވެ. މުންޑު ހުރީ ފޫގަޅައިފައެވެ. އަހަރެން ހަމަހިމޭންކަމާއެކު ބައްޕަގެ ހަރަކާތްތަކަށް ނަޒަރުހުއްޓައިލައިގެން އިނީމެވެ. ބައްޕަ ގޮސް އުދަލި ނެގިއެވެ. ގޯތިތެރެ ކޮންނަން ފެށިއެވެ. ފުރަތަމަ ކޮނުނީ، ފެންޑާއިން ގޯތިތެރެއަށް ނުކުންނަ ދިމާ ކަނައަތް ފަރާތު ކަނަށް ވުރެ ތަންކޮޅެއް ދުރެވެ. އިރުކޮޅަކުން މަންމަ އައިސް ބައްޕަ ގާތުގައި ހުއްޓިފައި ދެ އުކުޅުގައި އަތްވިއްދައިލިއެވެ. އިރުކޮޅަކު ކޮނެފައި އެ ތަނަށް ފަސްއެޅިއެވެ. އެހެން ދިމާއެއް ކޮންނަން ފެށިއެވެ. އެ ފަހަރު އެ ތަނުން ބައްޕަ ކޮންމެވެސް އެއްޗެއް ނެގިއެވެ. އަހަރެން ކުޑަ ހިތްވަރެއްކޮށްފައި ބިންމައްޗަށް ފޭބީމެވެ. މަޑުމަޑުން ހިނގަމުން ގޮސް ބައްޕަގެ ފަހަތުގައި ހުއްޓުނީމެވެ. އެ ތަނުގައި އޮތީ ރަބަރު ކޮތަޅެކެވެ. ކޮތަޅު ތެރޭގައި ކަފަގަނޑަކަށް ލައިފައިއޮތީ ރުކުމަޑިއެކެވެ. މަޑީގެ ދެ ފިޔަ އޮތީ ޖައްސައި ބަނދެފައެވެ. މަޑީގެ މައްޗަށް ކޮންމެވެސް ކުނޑިއެއް އަޅައިފައި ހުއްޓެވެ.

“ފާލުބެލި މީހާ ބުނީ އޭނައަށް މީތި ދައްކައްޗޭ!” ބައްޕަ ބުނި އަޑު އިވުނެވެ. “މީ ދެން މީހުން ކުރާ ކަހަލަ ކަންތައްތަ؟”

“މީ ކާކު ކާކަށް ހަދާފަހުރި އެއްޗެކޯ؟” މަންމަ ސުވާލުކުރިއެވެ.

ނުނިމޭއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles