• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ އާ ގުޅޭ

ޔާސީން ސޫރަތް ކިޔަވަން އަހަރެން އިންދައި މަންމަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އަޑުއިވުނު ގޮތުން އަހަރެން ހީކުރީ މަންމައަށް ކުރަތްޕެއް އެއްޗެއް ފެނިގެން ހަޅޭއްލަވައިގަތީކަމަށެވެ. ގޭގައި ގަސްތައް ގިނަކަމުން ގޭތެރެއިން ކުރަތްޕާއި، ފައިދިގުމަކުނާއި، ނަންނުގަތި ފެނުމަކީ އާންމުކަމެކެވެ. ވީމާ، އަހަރެން އަޅައެއްނުލަމެވެ. ކިޔަވަން އިނީއެވެ. ދެވަނަ ފަހަރަށް މަންމަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ބައްޕަ ކޮންމެވެސް އެއްޗެއް ބުނި އަޑު އިވުނެވެ. އަހަރެން ހަތިމު ލައްޕައިލައިފައި ކޮޓަރިން ނުކުތީމެވެ. މަޑުމަޑުން ގޮސް މަންމަ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. މަންމަ ތެޅިފޮޅެނީއެވެ.

“ދިލަނަގަނީ! ދިލަނަގަނީ!” މަންމަ ގޮވައެވެ.

“އެކަމަކު ތިހެން ތެޅިފޮޅެންޏާ ކިހިނެއް އެއްޗެއް ހާކާނީ ވެސް،” ނުތަނަވަސް ރާގެއްގައި ބައްޕަ ބުންޏެވެ. “މި ތަންތަ؟”

ބައްޕަ ގެންގުޅުނު ކޯލާވޯޓަރު ފުޅިން އެތިފޮދެއް އަތަށް އަޅައިފައި މަންމަގެ އަތުގައި އުނގުޅައިލިއެވެ. މަންމަ ހަޅޭއްލަވައިގަތެވެ.

“ތި ޖެހީމަ ހައްތަހާ ދިލަ ބޮޑޭވަނީ،” ވޭނަށް ކެތްކުރަމުން މަންމަ ބުންޏެވެ. “ތި ނުޖަހަބަލަ!”

“މަންމައަށް ކިހިނެއްވީ؟” އަހަރެން ބުނީމެވެ.

“އޭނަ ނެރޭ! ނުކުމޭ ނުކުމޭ!” މަންމަ ހަޅޭއްލަވައިގަތެވެ.

މަންމަ އުޅުނީ އަހަރެން ކޮޓަރިން ނެރޭށެވެ. އެކަމަކު ބައްޕަ މަސައްކަތްކުރީ ވީގޮތް ކިޔައިދޭށެވެ. މަންމައާއި ބައްޕަގެ ތަފާތަކީ އެއީއެވެ. ދެ މީހުން ވެސް އަހަރެން ދެކެ ލޯބިވެއެވެ. ތަފާތީ ލޯބިވާ ގޮތެވެ.

“އިރުއޮއްސުނު ތަނާ ކުއްލިއަކަށް މަންމަގެ އަތްފައިން ދިލަނަގަން ފެށީ،” ބައްޕަ ކިޔައިދިނެވެ. “އެކަމަކު މަންމަ އެ ވާހަކަ ނުބުނެ ހުރީ. ވުލޫކުރަން ފެންޖެއްސީމަ ބޮޑުވަރުވީ. މި ނުވާނެ ސަހަލުކަމަކަށް. ހަމަ ހުރެފަ އަތްފައިން ދިލައެއް ނުނަގާނެ. ނަސީބެއް ބައްޕައަށް ގޭގަ ހުރެވުނު ވަގުތަކާ ދިމާވިކަން. އެހެރަ ފެންފުޅި ގެނެސްދީބަލަ ދަރިފުޅާ!”

ބައްޕަ އިޝާރާތްކުރީ ކޮޓަރީގެ ކަނުގައި ހުރި ކުޑަމޭޒަށެވެ. އެ މޭޒުމަތީގައި ހުރި ސާމާނުތަކުގެ ތެރޭގައި ކުޑަ ފެންފުޅިއެއް ހުއްޓެވެ. އަހަރެން އެ ފެންފުޅި ގެނެސްދިނީމެވެ. ބައްޕަ އަތަށް ކުޑަ ފެންފޮދެއް އަޅައިފައި، ކިޔެވި އެއްޗެއް ކިޔަވައިފައި މަންމަގެ އަތުގައި ފެންފޮދެއް އުނގުޅައިލިއެވެ. މަންމައަށް ނޭވާލެވެން ފެށީ އެ ހިސާބުންނެވެ. ދެން ވެސް ދިލަނެގުން އެއްކޮށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް މަންމައަށް ރަނގަޅަށް ވާހަކަދެއްކޭ ވަރު ވިއެވެ. އެއީ ކޮން ފެނެއްކަމެއް އަހަންނަކަށް ނޭނގެއެވެ.

“މިއަދު ބޯކިބާއަޅަން މިރުސް ކޮށިއިރު ވަރަށް ކުޅި ގިތެޔޮމިރުހެއް..” މަންމައަށް ބުނެވުނީ އެ ހިސާބަށެވެ.

“ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް،” ޗޮކެއްކަނޑައިފައި ބައްޕަ ބުންޏެވެ. “އެ މިރުހުން ކަމެއްވި ނަމަ އޭރު ދިލަނުނަގާފަ މިހާރުތަ ނަގަންވީ؟ ދެން ފައިން ދިލަނަގަނީ ކީއްވެ؟ މަށަށް އެނގިއްޖޭ ވީގޮތް. ދަރިފުޅު އިނދޭ މަންމަ ކައިރީގަ. ބައްޕަ އެބަ އަންނަން.”

ބައްޕަ ދިޔަ ތާކަށް ގޮސް ކުރިކަމެއް ކުރުމުން މަންމަގެ ދިލަނެގުމަށް އެ ރޭ ލުޔެއްލިބުނެވެ. ޖެހިގެންއައި ދުވަހު އުވަފައްލަވަ ނަގައި އެ ތަން ސާފުކުރިއެވެ. އެ ދުވަހު ވެސް އަހަރެން އިނީ އުނދޯލީގައެވެ. ވަރަށް ގަޔާވެގެން ހިސާބު ނަންބަރުތަކެއް ހަދާށެވެ. ހިސާބަކީ އަހަރެން އެންމެ ގަޔާވާ މާއްދާއެވެ. އުވަފައްލަވަ ނެގުމުގެ މަސައްކަތްކުރުމަށް ޓަކައި ވަގުތީ ގޮތުން އުނދޯލި ނަގަން ބައްޕަ ބޭނުންވިއެވެ. އަހަރެން އުނދޯލިން ނުފައިބަން ވަރަށް ބޮޑާހޭކީމެވެ. ބައްޕަ އައީ އިތުރު ތިން މީހަކު ގޮވައިގެންނެވެ.

“ބައްޕަ މި ނަންބަރު ބުނެދީ!” އަހަރެން ޝަރުތެއް ކަނޑައެޅީމެވެ. “އޭރުން އުނދޯލިން ފައިބާނީ.”

ބައްޕައާއި ބައްޕަޔާ އެކުގައި އައިސްތިބި އެންމެން ގާތަށް ވަރަށް ހިނިއައެވެ. ހިސާބަށް އަހަރެން ބަހައްޓާ ޝައުގުވެރިކަމަށް އަބަދުވެސް ބައްޕަގެ ތަރުހީބުލިބެއެވެ.

“ދަރިފުޅު ވުޑުވިލާއަށް ވަންނަންވީނު!” އުނދޯލީގައި އިށީނދެލަމުން ބައްޕަ ބުންޏެވެ. “ދަރިފުޅު ދައްކާ ހުރިހާ ނަންބަރު ބުނެދޭކަށް ބައްޕައަކަށް ވެސް ނޭނގޭ. އަޅެ ހިނގާބަލަ ތިކަންވޭތޯ ބަލަމާ!”

ބައްޕައަށް ބުނެދެވުނީ ބައެއް ނަންބަރެވެ. އަހަރެން ވުޑުވިލާއަށް ވެއްދިއެވެ. އެއީ ހުރިހާ އުމުރެއްގެ މީހުންނަށް ކިލާސް ހިންގާ ގެއެކެވެ. ވަކި ހާއްސަ ޔުނީފޯމެއް ނޯވެއެވެ. ކިލާސްތައް ފެށެނީ ހަވީރު ހަތަރަކުން ފެށިގެންނެވެ. އަހަރެން އެ ތަނަށް ގެންގޮސް ގެނެސްހަދަނީ ބައްޕައެވެ. ހިސާބުގަނޑުގައި އުޅޭ ފިރިހެންކުދިންގެ ގުރޫޕެއް ވެސް ހިސާބު ދަސްކުރަން ވުޑުވިލާއަށް އާދެއެވެ. އަހަރެން ވުޑުވިލާގެ ދޮރޯށިން ވަންނައިރު ކޯޅިކޯޅިއަށް ތިބޭ ފިރިހެންކުދިން އަހަންނަށް ފެނެއެވެ. އެ ކުދިން އެކަކުއަނެކަކަށް ހީނސަމާސާކުރާތަން ވެސް އަހަރެން ދެކެމެވެ. އެކަކަށް ވުރެ އަނެކަކު މާ ކެރޭކަމަށް ހެދިގެން އަހަންނަށް ހިނިތުންވެ، ކަރުކެހި ވެސް ހަދައެވެ. ވަރަށް ގިނަ ފިރިހެންކުދިންގެ ސަލާން އަހަންނަށް އާދެއެވެ. އަހަންނަކީ މާ ރީތި އަންހެންކުއްޖެކޯލައެވެ. އަޅައިގަންނަ ސިފަތަކެއް އަހަރެންގެ ހުންނަ ކަމަށް ވެސް ކިޔައެވެ. ކުޑަރުމާލާއި ސިޓީ ލިބެއެވެ. ބޮލުގައިޖަހާ އެއްޗެއްސާއި، ހެދުމުގައި ހަރުކުރާ މަލާއި، އަތުގައިއަޅާ ތަނޑި ވެސް ލިބެއެވެ. އެއްވެސް އެއްޗެއް ނުހިފައެއް އަހަންނަކަށް ނުކެރެއެވެ. ބޮޑާ އަންހެންކުއްޖެއްގެ ލަގަބު ލިބިދާނެތީއެވެ. އެކަމަކު އެ ފިރިހެންކުދިންނާ އަހަރެން ވާހަކަދައްކައެއް ނޫޅެމެވެ. އެއްވެސް ފިރިހެންކުއްޖަކަށް އަހަރެން ޖަވާބެއް ނުދެމެވެ. ހަދިޔާއެއް ނުދެމެވެ. އިޝާރާތެއް ވެސް ނުމެ ކުރަމެވެ. އަހަރެންނަކީ އެ ފާޑަށް އުޅޭ ކުއްޖެއް ނޫނެވެ.

އަހަންނާ ރައްޓެހިވާން އެންމެ ބޮޑަށް މަސައްކަތްކުރީ ހާނިމެވެ. ކިލާހުގައި އަހަރެން އިންނައިރު ވެސް ވަރަށް ގިނަގިނައިން ހާނިމު ކިލާސް ހުރަސްކުރާތަން އަހަރެން ދެކެމެވެ. އަހަރެން ގެއަށް އަންނައިރު ފަސްފަހަތުން ގެއާ ހަމައަށް ވެސް ހާނިމު އެތައް ދުވަހަކު އައެވެ. އަހަރެންގެ ގެ ދަސްކޮށް، ގޭދޮށުން ބައިސްކަލުގައި ގިނަ ބުރުތަކެއް ޖެހިއެވެ. ރެޔާއި ދުވާލުއެވެ. ކޮންމެވެސް އުންމީދެއްގައިކަން ކަށަވަރެވެ. އެކަމަކު، އަހަރެންގެ ސަމާލުކަމެއް ހާނިމަކަށް ނުހޯދުނެވެ. ހާނިމު ގެއަށް ވަދެ އަހަންނަށް ގޮވައި ވެސް ހެދިއެވެ. މީހެއްގެ ހިލަމެއްވުމުގެ ކުރިން ދުވެ ރައްކާވެއެވެ. އެކި މުނާސަބަތާ ގުޅުވައިގެން އަހަންނަށް ކާޑު ފޮނުވުމާއި، އެކި މީސްމީހުން ލައްވާ އަހަންނަށް ސަލާންބުނުވުމަކީ ހާނިމު ލައްކަ ދުވަސް ވަންދެން ކުރި ކަމެކެވެ. މައްސަލައަކީ އަހަރެންގެ ސިކުނޑީގައި އިޝްގީ ލޯބީގެ އެއްވެސް އޮއިވަރެއް ނޭނބުރޭކަމެވެ. އިޝްގަކީ އަހަރެން ދަންނަ އިހުސާސެއް ނޫނެވެ. އަހަންނަށް މުހިންމުވީ އިލްމެވެ. އަހަރެން ދެކޭގޮތުގައި، ތައުލީމީގޮތުން ކުރިއަރައިގެން ނޫނީ ހަރުދަނާ މީހަކަށް ނުވެވޭނެއެވެ. ޤުރުއާން ކިލާހަކަށް އަހަރެން ވަނީ ވެސް އެ ފަލްސަފާގެ ދަށުންނެވެ.

އަހަރެން ވެއްދީ ގޭކައިރީގައި ހުންނަ ޤުރުއާން ކިލާހަކަށެވެ. ރީތިކޮށް ޤުރުއާންކިޔަވަން ދަސްކޮށްދިނުމަށް ޓަކައެވެ. އަހަރެންގެ މަންމައަކީ ވެސް އެދުރުދައިތައެކެވެ. ގޭ ހިސާބުގަނޑުގެ އެތައް ކުދިންނަކަށް މަންމަ ޤުރުއާންކިޔަވައިދެއެވެ. އެކަމަކު މަންމަ ބޭނުންވީ މަންމައަށް ވުރެ މޮޅު މީހެއްގެ ގާތުން އަހަންނަށް ދަސްކޮސްދޭށެވެ. އެ ކިލާހުން ވެސް އެތަކެއް ފިރިހެންކުދިންނެއްގެ ސަމާލުކަން އަހަންނަށް ލިބުނެވެ. އެ ކުދިންނާ އަހަންނާ ދެމެދު ރަހުމަތްތެރިކަން އުފެދުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި، ޤުރުއާންކިޔަވަން އަންނާނީ ވަރަށް ހަރުދަނާ ކުދިންނެވެ. އެކުވެރިކަމަކީ ކޮބައިކަން އެ ކުދިންނަށް އެނގޭނެއެވެ. އަހަރެން ހިފަހައްޓާ އުސޫލުތަކުގައި އެ ކުދިން ވެސް ހިފަހައްޓާނެއެވެ. ކިލާހުން ދިމާވި އަހްސަނާ ދޭތެރޭގައި ވެސް އަހަރެން ކުރީ އެ ކަހަލަ އުންމީދެކެވެ.

ޤުރުއާން ކިލާހަށް އަހަރެން ވަން ދުވަސްވަރު ގޭގައި ފަހަރިއެއް ހުއްޓެވެ. އަހްސަނަކީ ފަހަރީގެ މާ ގާތް އެކުވެރިއެއްކަމެއް އަހަރެން ނުދެނަހުރީމެވެ. އަހަންނާއި އަހްސަން ދިމާވަނީ ހަމައެކަނި ޤުރުއާން ކިލާސް ތެރެއިންނެވެ. އޭގެ ކުރިން ނުވަތަ ފަހުން ވެސް އަހަންނާ ވާހަކަދެއްކުމުގެ ފުރުސަތެއް ކިލާސް ކުދިންނަކަށް ނުލިބޭނެއެވެ. އަހަންނަކީ ދޮރާށިދޮށަށް ނުކުމެހުންނަ ކުއްޖެއް ނޫނެވެ. ރަށުތެރެއަށް ގިނަވެގެންއުޅޭ ކުއްޖެއް ވެސް ނޫނެވެ. ކިލާހާއި ގެ ފިޔަވައި އެހެން ތަނަކުން އަހަންނާ ބައްދަލެއް ނުވާނެއެވެ. ދެން ފެންނާނީ ހޮސްޕިޓަލުން ނުވަތަ ކުލިނިކަކުންނެވެ.

ފަހަރީގެ އެކުވެރިކަމުގައި އަހްސަން ގެއަށް އަންނަން ފެށިއެވެ. އަހްސަނަކީ ބަސްމަދު، އުޅުންހުރި ކުއްޖެކެވެ. ގޭގެ އެންމެނަށް ވެސް އަހްސަން ކަމުދިޔައެވެ. އަހްސަންގެ ހަގީގީ ސަމުގާއަކީ ފަހަރިކަމެއް އަހަންނަކަށް އޭރަކު ނޭނގެއެވެ. އަހަންނަށް އެނގޭ އެއްޗަކީ ގޭގެ އެންމެންގެ ރުހުންހޯދަން އަހްސަނަށް އެނގޭކަމެވެ. އެންމެންގެ އިހުތިރާމު ހޯދަން އަހްސަން ކުޅަދާނަކަމެވެ. އަހްސަންގެ ނިޔަތާމެދު އެކަކަށް ވެސް ޝައްކެއް ނުވެއެވެ.

އަހަރުމެންގެ ގޭގައި ދިވެހި މަނައްޕޮލީއެއް އޮވެއެވެ. އެއަށް ކިޔަނީ “ބޮޑުބާޒާރު” އެވެ. އެއީ ބައްޕަގެ އަމިއްލަ އުފެއްދުމެކެވެ. މޭޒުމަތީގައި ބާއްވައިފައިއޮންނައިރު އޭގެ ބޮޑުމިނުގައި ހަ ފޫޓު ތިން ފޫޓު ހުރެއެވެ. ހޮޓަލުގެ ބަދަލުގައި އޭގައި ހުންނަނީ ދިވެހި ރަށްރަށެވެ. ފައިސާ ވެސް ހުންނަނީ ދިވެހިންނެވެ. ބޮޑުބާޒާރު ކުޅެނީ ހަފުތާއަކު އެއް ރެއެވެ. ފަށަނީ އިޝާނަމާދު ނިންމައިފައި، ކައިގެން ވިއްސަކަށް މިނެޓު ފަހުންނެވެ. ނިންމަނީ ފަތިސް ނަމާދު ބަންގިއަށެވެ. ކުޅިވަރު ނިންމަންދެން ރެޑްމޭން ޖޫހާއި ކޮއްޔަޖެހި ބިސްކޯދު ހުރެއެވެ. ހަނާކުރި ގޮދާ މަހާއި ގޮދަން ބޮނޑިބަތް ވެސް ހުރެއެވެ. އެ މީހަކު ކާނެ ވަރަކަށް ކާންވީއެވެ. ގޭގައި އުޅޭ ބައެއް ކުދިންނާއި، ބައްޕަ ވެސް އަހަރުމެންނާ އެކުގައި ބޮޑުބާޒާރު ކުޅެން ބައިވެރިވެއެވެ.

އެހެން ރޭރެއަށް ވުރެ ގިނައިން އަހްސަން ގޭގައި އުޅުނު ރެޔެކެވެ. އަހްސަން ނުފެންނާނެކަމަކަށް އަހަންނަކަށް ފެންޑާއަކަށް ނުނިކުމެވެއެވެ. އެއްފަހަރު އަހްސަން ގާތުގައި ފަހަރި ހުރެއެވެ. އަނެއް ފަހަރު އަހްސަން ހުންނަނީ އެކަނިމާއެކަންޏެވެ. އެއްވެސް ކަމެއް ނުކޮށް އަހްސަން ގޮނޑީގައި އިށީނދެލައިގެން އިންދައި ވެސް އަހަރެން ދުށީމެވެ. އެ ރޭ އަހަރުމެން ބޮޑުބާޒާރު ކުޅުނީ އަހްސަން ބައިވެރިކޮށްގެންނެވެ. ކުޅިވަރު ފެށިގެންއައީ ވަރަށް މަޖާކޮށެވެ. އެކެއްގެ ލޮލުގައި ވެސް ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އަހަރެން މަހުޖަނަކަށްވެ، ބޮޑުބާޒާރުގެ ގިނަ ރަށްތައް މިލްކުވެފައިވި ދަނޑިވަޅެކެވެ. ކައިރި ހިސާބަކުން ހީރިގޮވާ އަޑު އިވެމުންދިޔައެވެ. ދުރުދުރުން މުނާޖާގެ އަޑު ވެސް އަހަންނަށް އިވިއިވިހުއްޓެވެ. ކުއްލިޔަކަށް އަހަރެންގެ ވައަތު ފަޔަށް ބަރުވާން ފެށިއެވެ. ފައި އައްސިއެއް ނުވެއެވެ. ދެން ހީވީ ވަކި ތޫނު ދެއަތް މަޑުމަޑުން ކަކުލުގައި ޖައްސައިފައި ކުއްލިއަކަށް ދެއަތް ތިރިއަށް ދަމައިލިހެންނެވެ. ސިއްސައިގެން ގޮސްފައި އަހަރެން މޭޒު ތަންދޮށް ބަލައިލީމެވެ.

ނުނިމޭއިތުރަށް ވިދާޅުވޭ

Leave a Reply

Related Articles