• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ތަސްވީރު

ތަސްވީރު


405182

އޮއްސެމުން ދިޔަ އިރުގެ ކުލަތަކަށް ގެއްލިފައި، ރަށުގެ ހުޅަނގު ފަރާތު ތުނޑީގައި އެ އިނީ އަމްނާއެވެ. އުޑު މައްޗަށް ވެރިވެފައިވާ ރީނދުލާއި އޮރެންޖުގެ ކުލަމަޖާ ތަސްވީރު، އޭނާގެ މުށި ކަޅިރަވައިގެ ތެރެއިން ބަބުޅަމުން ދިޔައެވެ. ޖެހެމުންދިޔަ މަޑު ވައިރޯޅިން އެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔައީ ތުނި ސާލެއް ހެނެވެ. ހިމަތޮޅި އިނގިލިތައް މަސައްކަތްކުރަމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ ޤުދުރަތުގެ ރީތި މަންޒަރު އުނގުގައި އޮތް ބޯ ކަރުދާސް ގަނޑަށް ނަކަލު ކުރެވޭތޯއެވެ.
އަމްނާ އަކީ ކުރެހުންތެރިއެކެވެ.
ހުސްވަގުތުތަށް ހޭދަ ކުރަނީ ކޮންމެވެސް އެއްޗެއް ކުރެހުމުގައެވެ. އެކަމާ އޭނާގެ މަންމަ އާދިލާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އަމްނާ އަށް ފަރުވާލެއް ނެތެވެ. އޭނާ ބޭނުންވަނީ ލިބިފައިހުރި ހުނަރެއްގެ ބޭނުން އެންމެ ރަނގަޅަކަށް ހިފާށެވެ. ބައެއް ފަހަރު ކައިރި ރިސޯޓުތަކަށް އޭނާގެ ކުރެހުންތައް ވިއްކައިގެން ފުދޭވަރެއްގެ އާމްދަނީ އެއް ހޯދައެވެ. އާދިލާ އެއްޗެކޭ ނުބުނެ ހުންނަނީވެސް އަމްނާގެ ފަރާތުން ކޮންމެވެސް އެއްޗެއް ލިބޭތީއެވެ. އެހެން ނޫންނަމަ، އެ ކަރުދާސްތައް ނަގާ މިހާރު އަންދާލީހެވެ. އޭނާގެ ފިރި ދޮން އާދަނު، އާދިލާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެއެވެ. ދައިން ބޭނުން ގޮތަކަށް ދިރިއުޅެން ދޫކޮށްލާށެވެ. ނަމަވެސް އާދިލާ އަކީ ޒީލަ ގަދަ އަންހެނެކެވެ. އެހާ ފަސޭހައިން ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.
މަޢްރިބް ނަމާދަށް ބަންގިގޮވާ އަޑު ކަންފަތުގައި ޖެހުމާއެކު އަމްނާ އިން ތަނުން ތެދުވެ ހެދުމުގައި ހުރި ވެލިތައް ފޮޅާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މޫދާވީ ފަރާތުން އެއްގަމަށް އަރައިގެން އައި މީހެކެވެ. ޒުވާން ފިރިހެނެކެވެ. އެހެރަ ރީތިކަމެކެވެ. ލައިގެން ހުރި ޖިންސު ހުރީ އުނަގަނޑަށްވުރެ ތަންކޮޅެއް ތިރީގައެވެ. ދޮން ހަށިގަނޑެކެވެ. އޭނާ އަމްނާ އާއި އަރާ ހަމަވި އިރުވެސް އަމްނާ އަށް އިނދެވުނީ ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެންނެވެ.
ކުޑަކޮށް ހިނިގަނޑެއް ޖަހާލުމަށްފަހު އެ ޒުވާނާ ވާހަކަ ދައްކަން ފެށިއެވެ.
“މާ ރީތި އެއްޗެެއްް ފެންނަނީތަ؟”
ރަކި ވެލާފައި އަމްނާ އިސްޖަހާލިއެވެ. އެ ސުވާލަށް އޭނާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ އަމްނާ އަކީވެސް ފުރާ ފުރިހަމަވެފައި ހުރި އަންހެން ކުއްޖެކެވެ. ވިދާހާ ކޮންމެ އެއްޗަކަށް އޭނާގެ ލޯވެސް އަމާޒުވާނެތާއެވެ.
އަމްނާ އެއްވެސް އެއްޗެކޭ ނުބުނުމުން އެ ޒުވާނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެންނަކީ އަރުހަމް. ކޮން ނަމެއް ކިޔަނީ؟”
އަމްނާ ވިސްނާލިއެވެ. ނަން ބުނާނީ ބާވައެވެ. މިއީ މިރަށުތެރެއިން ދުވަހަކުވެސް ދުށް މީހެއްވެސް ނޫނެވެ. މަންމައަށް ހިލޭ ފިރިހެނަކާ ވާހަކަދައްކަން އިންނަ މަންޒަރު ފެނިއްޖެއްޔާ ކަންތަކާ ޖެހޭނެއެވެ. މަންމަ ހުންނަނީ އަމްނާ މީހަކާ ދެވާ ގެއިން ފޮނުވާލެވޭނެ ދުވަހަކަށް އިންތިޒާރު ކޮށްލަ ކޮށްލައެވެ. އެހެންކަމުން މިފަދަ މަންޒަރެއް ފެނިއްޖެއްޔާ ބައްޕަ ބޮލަށް ހުތް އަޅައިގެންވެސް އެކަން ކާމިޔާބު ކުރާނެއެވެ.
“ވާހާކަ ނުދެއްކޭ ކުއްޖެއްތަ؟”
އަރުހަމް ސުވާލުކޮށްލިއެވެ.
“ނޫން. ކޮންމެހެން ވާހަކަ ދައްކަން މަޖުބޫރު ނޫންވީމަ”
ފިނި ގޮތަކަށް ޖަވާބު ދިނުމަށްފަހު އަމްނާ ތެދުވީ ހިނގައިގަންނާށެވެ.
އަމްނާގެ ފަހަތުން އަރުހަމް ވެސް ހިނގައިގަތެވެ. އިރު އޮއްސިފައި ވުމާއެކު މުޅި ހިސާބުގަނޑަށް ފެތުރިފައިވަނީ ފަނޑު އަނދިރިކަމެކެވެ. އިރު އިރުކޮޅާ ޖެހިލާ ފިނި ރޯޅިވައިން އަމްނާ ހީގަންނުވާލައެވެ. އަރުހަމް އޭނާގެ ފަހަތުން އަންނާތީ އަމްނާ ހުރީ ޒާތަކަށް ބިރުވެސް ގަނެފައެވެ. ނުދަންނަ މީހަކު ފަސްފަހަތުން އުޅެންޏާ ބިރު ނުގަންނާނީ ކާކު ހެއްޔެވެ؟
އެންމެ ފަހުން ކެތްނުވެގެން ފަހަތަށް އެނބުރިއްޖެއެވެ. ނަމަވެސް އަމްނާ އަށް ސިހުމެއް ލިބުނީ ފަހަތުގައި އެއްވެސް މީހަކު ނެތުމުންނެވެ. ދެންމެ އޭނާގެ ފަހަތުން އައި ޒުވާނާ ކޮބައިބާވައެވެ؟ އަމްނާ ހިތުން އެއީ އަރުހަމް އޭނާ ބިރުގަންނަވާލަން ކުރި ކަމެކެވެ. އޭނާ ހީކުރަނީ މީ އެހާ ފަސޭހައިން ސިއްސުވާލެވޭނޭ ކުއްޖެއް ކަމަށް ހެއްޔެވެ؟ އަމްނާ އަކީވެސް އާދިލާގެ ދަރިއެކެވެ. އާދިލާގެ ދައިންނަކީ އެހާ ފިނޑި ބައެއް ނޫނެވެ.
***
ދުމަށި މަތީ ހުރި މަސްތައް ނަގަމުންދިޔަ އާދިލާގެ ލޯ އަމާޒުވީ ޖޯލިފަތީގައި ފޮތެއް ނަގައިގެން އޮތް އަމްނާއަށެވެ. ދެ ލޯ ކުޑަކޮށްލުމަށްފަހު މުޅޯށްޓައް މަސްތައް އަޅާ ކުޑަ ބަދިގެތެރެއިން ނިކުމެއްޖެއެވެ. ދިޔަ ގޮތަށް ގޮސް އަމްނާގެ އަތުން ފޮތް ނަގާ ގޯތި ފެންޑާ އާ ދިމާލަށް ހޫރާލައިފިއެވެ.
“މަންމާ!”
އަމްނާ ހަޅޭލަވައިގަތެވެ. މަންމައެއް ކަމަކު އަމްނާ އަކީ ދަރެއްތަން ދޫކުރާ ކުއްޖެއް ނޫނެވެ. އޭނާ ދެކެ އާދިލާ ފޫހިވާކަމީ ފޮރުވިފައި އޮތް ސިއްެރެތް ނޫން ވިއްޔާޢެވެ. ގޭ ކައިރި އަވަށްޓެރިންނަށް ދަންދެން އެވާހަކަ ދައްކާނެއެވެ.
“އަދި މަންމާ އޭ އެބަ ކިޔައެންނު! ބަލަ މި ފޮތުން ކޯއްޗެއްތަ ފެންނަނީ؟ އަދި އެ ހުރީ ދޮންނަން ހުރި އެއްޗެހި. ގޭގަ ލޮނުކަމެއް ނެތް. އަދިވެސް މި ތަ ކިޔޭތޯ ބަލަންވި؟”
އާދިލާ ފައްޗަކަށް އަމުނާލިއެވެ. އަމްނާ ގެ ރުޅިގަނޑު މަސަލަސް ކުރެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އާދިލާގެ ބަސްކޮށާރުގެ އޯގާތެރިކަމުން އެކަން ހަމަ ކާމިޔާބު ނުވީއެވެ.
“އަހަރެންމީ މި ގޭގަ ހުރިހާ މަސައްކަތެއް ކުރަން ހުންނަ ނޯކަރަކީތަ؟ އެއުޅޭ އާރިފާ ކައިރީ ބުނެބަލަ. އޭ އެ ކިހިނެތް ބުނާނި ދޯ، މަންމަގެ ދޮންދަރި ވިއްޔަ؟”
އާދިލާ ގެ މޫނެކޭ އަލިފާން ކަނި ބުރަ ބުރާ ހުރި ފަރުބަދައެކޭ އެއްވަރެވެ.
“ހުރި ހަޔާތް ކުޑަކަން ބަލާބަލަ. ކަލެއަށް އަމާ ކުރި މަތީ ވެތުރެން ނޫން ކަމެއް އެނގޭތަ؟ ތި ކަހަލަ މީހުންނާ އިންނާނެ މީހަކުވެސް ނުވާނެ.”
ޖޯލިފަތިން ފުއްމައިގެން ތެދުވެ ބޭރަށް ދާން އަމްނާ ހިނގައިގަތެވެ. އޭނާގެ މަންމަ އާއި ޒުވާބުކޮށް މުޅި ދުވަސް ޚަރާބު ކޮށްލާކަަށް އަމްނާ ބޭނުމެއް ނުވެއެވެ. އާދިލާ އޭނާ ދެކެ އެހާ ފޫހިވާ ސަބަބެއް ވިސްނާ ވިސްނާވެސް އަމްނާއަކަށް ފަހުމެއް ނުވިއެެވެަ. އެންމެ ކުޑައިރުއްސުރެ ހަނދާން ވަނީ އާދިލާގެ ވިހަ ގަދަ ބަސްތަކެވެ. އޭނާގެ އެހެން ކުދިންދެކެވެސް އެހާ ރުޅި އަންނަ ނަމަ އަމްނާ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނީހެވެ. ނަމަވެސް އާދިލާ އަށް އޭނާގެ ދެން ތިބި ދެ ދަރިންނަކީ ރަން އުޅާލިތަކެއް ފަދަ ބައެކެވެ. އެމީހުންގެ ފަރާތުން ގޯހެއް ނުފެންނާނެއެވެ.
މަންމަ ދެކެ އައި ރުޅީގައި ބޯ ހަމަޖައްސާލަން އަމްނާ ނިކުތީ ރަށު އަތިރިމައްޗަށެވެ. ދުވަހަކީ ހިތްގައިމު، އުޑު މަތި ސާފު ދުވަހެކެވެ. އަތިރިމަތީ މަދުން ނަމަވެސް މީހުން އުޅޭތަން ފެނެއެވެ. ހުޮޅު އަށިތައް ކައިރިހުރި ނިކަ ގަހެއްގެ ދަށުގައި އެލުވާފައި ހުރި ޖޯއްޔާ ދިމާލަށް އަމްނާ ހިނގައިގަތެވެ. މަޑުމަޑުން ޖޯލީގައި އިށީނދެ ހެއްލާލިއެވެ. އެގޮތުގައި ދެތިން މިނިޓް އޮއްވާ ސިއްސަިއގެން ދިޔައީ ޖޯލީގެ ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ކުރެވިގެންނެވެ. ބިރުން ހުރެ ނަމަވެސް ފަހަތް ބަލާލައިފިއެވެ.
“އަރުހަމް؟”
އަމްނާ ސުވާލުކޮށްލީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ. މިއަދު އޭނާ ކުރީ ރެއަށްވުރެ ޗާލެވެ. އެހާ ހިތްގައިމު ސޫރައެއް އަދި މިވީހާ ދުވަހު އަމްނާ އަށް ފެނިފައެއް ނުވެއެވެ. ފޫހިވާ ކަމުގެ އެކްޓް ޖެއްސޭނީ ވެސް ބަލާލަން ހުުތުރު ނަމަތާއެވެ. ނަމަވެސް އަމްނާ އޮތީ މީހަކާ ވާހަކަ ދައްކާލަން ވަރަށް ބޭނުން ވެފައެވެ. މަންމަ ގެ ފަރާތުން ލިބޭ ބަހުގެ ހަމަލާތަށް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ކަމުން މި ވާހަކަތައް ހިއްސާކޮށްލާނޭ އެކުވެރިއެއް އޭނާވެސް ބޭނުމެވެ.
“އަހަރެން މިތާ އިށީނަސް ހެޔޮތަ؟”
އަމްނާ އާއި ޖެހިގެން ހުރި ޖޯލިފަތި ދައްކަމުން އަރުހަމް އަހާލިއެވެ. އާނ އެކޭ ބުުނުމުގެ ގޮތުން އަމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. ކަންނެތް ހިނގުމެއްގައި އައިސް އަމްނާ އާއި ޖެހިގެން އިން ޖޯލީގައި އޭނާ އިށީނދެލިއެވެ. އެ ވަގުތު އޭނާގެ ހަށިގަނޑުން ދުވަން ފެށި މީރުވަސް އަމްނާގެ ހިއްސުތަކަށް ދިރުން ގެނުވި ކަހަލައެވެ. އޭނާ އަރުހަމް އާއި އިތުރަށް ގަޔާވިއެވެ.
ވާހަކަ ދައްކަން ފެށުނު ގޮތެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އެކަކު އަނެކަކު ގެ ހަޔާތުގެ ބަނަ ސަފްހާތަކުގެ ވާހަކަ ކިޔައިދެމުން ދިޔައެވެ. އަމްނާގެ ވާހަކަތައް އަރުހަމް ކަނުލާ އަޑު އެހިއެވެ. ކުރަން ޖެހޭ ސުވާލާއި ދޭން ޖެހޭ ޖަވާބު އޭނާ އަށް އިނގެއެވެ. ހަމްދަރުދީ ވާން ޖެހޭ ވަގުތުތައް އޭނާ ދެނެގަނެއެވެ. ސަމާސާ ކޮށްލަން ޖެހޭ ތަންތަނުގައި ސަމާސާ ކޮށްލައެވެ. ބީރައްޓެއްސަކަސް އަމްނާ އަރްހަމް އާ މެދު ދެކޭ ގޮތް މަޑު މަޑުން ބަދަލުވަމުން ދިޔައެވެ.
އަރުހަމް އާ ބެހޭގޮތުން އަމްނާ އަށް މާ ގިނަ ކަންތައްތަކެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ އަކީ މިތާ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްކަމާއި، ޗުއްޓީއަށް މިރަށަށް ދަތުރެއް ކޮށްލީ ކަމެވެ. އޭނާގެ އާއިލާއާ ބެހޭ އެއްވެސް ވާހަކައެއް އަރުހަމް ހިއްސާއެއް ނުކުރެއެވެ. އަމްނާ ސުވާލެއް ނުކުރެއެވެ. އޭނާ ބޭނުންވާ ދުވަހަކުން ހުރިހާ ވާހަކައެއް ކިޔައިދޭނޭކަން އެނގޭތީއެވެ.
***
އަމްނާ އާއި އަރުހަމް ގެ އެކުވެރިކަން ދިޔައީ ދުވަހަކުން ދުވަހަކަށް ވުރެ ވަރުގަދަ ވަމުންނެެވެ. ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަ ވެއްޖެއެވެ. އެކަހެރިކޮށް ވާހަކަ ދައްކަން ތިބޭ ދުވަސްތައް އިތުުރުވެއްޖެއެވެ. ތުނޑީކޮޅުންނާއި، އަތިރިމަތިންނެވެ. ވަލު ތެރެއިންނާއި، ނިކަ ގަސް ބުޑުންނެވެ. މިއަދު އެ ދެމީހުން އެ ތިބީ ފުއްޓަށް ފަރާތުގެ ރާޅު ބިންދާ ހިސާބުގެ ހިތްގައިމު މަންޒަރު ކުރެހޭތޯއެވެ.
“އަރުހަމް. ގޮސް އެތަނުގަ އިށީނދެބަލަ”
މާ ދުރު ނޫން ހިސާބެއްގައި އިން ގަލެއް ދައްކާފައި އަމްނާ ބުނެލިއެވެ. ވާނުވާ ނޭނގި ހުރެ އަރުހަމް އެ ގަލާ ދިމާލަށް ހިނގައިގަނެފިއެވެ. އަމްނާ އެންމެ ގަޔާވަނީ އަރުހަމް ސުވާލު ނުކުރާތީއެވެ. ބުނި ކޮންމެ ކަމެއް ކުރާނެއެވެ. ކަނޑަށް ފުއްމާލާށޭ ބުންޏަސް ފުއްމާލާނެއެވެ. ފާއިތުވި ދުވަސް ތަކުގައި އެކުވެރި ކަމުގެ އިތުރުން އެހެން އިހުސާސެއްވެސް އަރުހަމް އާއި ދޭތެރޭ އަމްނާ އަށް ވަނީ ކުރެވެން ފަށާފައެވެ. ނަމަވެސް އެ ބަސްތައް ދުލު ކުރިއަށް ގެންނަން އޭނާ ޖެހިލުން ވެއެވެ. އަރުހަމް އޭނާ އާ މެދު އެ ފަދަ ގޮތަކަށް ނުދެކިދާނެތީއެވެ.
“އެއްވެސް ވައްތަރެއް ނުޖައްސަ އިންނައްޗޭ. މިއަދު މިއުޅެނީ އެހެން މާސްޓަޕީސް އެއް ކުރަހާލަން”
ފޮނި ގޮތަކަށް އަމްނާ ބުނެލިއެވެ. ހިނިގަނޑެއް ޖަހާލައިފައި އަރުހަމް ހިމޭން ވިއެވެ. ކުރަހަން އިން އަމްނާ އާ ދިމާލަށް އޭނާގެ ލޯ އަމާޒުވިއެވެ. އެއީ ނާޒުކު ކުއްޖެކެވެ. އޭނާގެ ހުރީ އާދަޔާ ޚިލާފު ރީތިކަމެކެވެ. އެ ދިގު ކަޅުކަންގަދަ އިސްތަށިގަނޑުގެ އަވައިގައި އޭނާ ޖެހުނުތާ މިހާރު ކޮން ޒަމާނެއް ހެއްޔެވެ؟ އަމްނާ އަށް ފާރަލާތާ މިހާރު އެތަކެއް ދުވަހެއް ވެެއްޖެއެވެ. ކަން ދިމާކުރި ގޮތުން އޭޭނާ ގެ ރަހުމަތްތެރިއަކަށް ވާނެ ފުރުސަތުވެސް އަރުހަމް އަށް ލިބުނީއެވެ. ދެން ބޭނުމީ އެންމެ ކަމެކެވެ. އެ މަލުގެ މީރު ލައްޒަތެވެ. އެ މަލަށް ތިރިވާ އެންމެ ފުރަތަމަ މާބުރަށް ވާން އަރުހަމް ބޭނުންވެެއެވެ. ނަމަވެސް އަމްނާގެ ހިތުގެ ހާލަތު ނޭނގެނީސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ.
“އޯކޭ ޑަން.”
އިށީނދެގެން އިން ގަލުން ތެދުވެ އަރުހަމް ހިނގައިގަތީ އަމްނާ ކުރަހާ ނިމުނުކަން އިއުލާން ކުރުމުންނެވެ. އޭނާގެ ކުރެހުން ބަލާލަން އަރުހަމް ހުރީ ކެތްމަދު ވެފައެވެ. ބައި ގަޑި އިރެއްހާ އިރު ވަންދެން އެ ގާ މަތީ އޭނާ އިށީނދެ އިނީ ފިސާރި ކެތްތެރި ކަމާއެކު މި ވަގުތުކޮޅަށް އިންތިޒާރުކޮށްގެންނެވެ. ނަަމަވެސް އަރުހަމް އަށް އެ ތަސްވީރު ދައްކާކަށް އަމްނާ ބޭނުމެއް ނުވެއެވެ. ވަގުުތު ޖެހުމުން އެ ފުރުސަތު ލިބޭނެއޭ ބުނެ ކުރެހުން ފޮރުވާލިއެވެ. ކިތަންމެ ބަލާހިތްވިޔަސް އަރުހަމް އަމްނާގެ ނިންމުމާ ދެކޮޅެއް ނަހަދައެވެ. އެކަމާ އަމްނާ ހިތާހިތުން ޝުކުރު ކުރިއެވެ.
ތަންކޮޅެއް ދުރުގައި މި ލޯބިވެރިންނަށް ނުވާ ‘އެކުވެރިން’ ގެ ސަކަރާތް ބަލަން އިތުރު މީހަކު ހުއްޓެވެ. އެމީހަކު ގަސްތަކު ތެރެއިން ލާފައި އަވަސް ހިނގުމެއްގައި ހިނގާފައި ދިޔައީ އާދިލާގެ ގެޔާ ދިމާލަށެވެ. އިރު އިރުކޮޅާ ހިނގުމުގެ ދުވެލި އަވަސްކޮށްލައެވެ. އާދިލާ މެންގެއާއި އަރާ ހަމަވިއިރު އޭނާ އަށް ހުރީ މާ ނޭވާ ލެވި ލެވި އެވެ.
ގޯތި ތެރޭ ހުރި ބަނބުކެޔޮ ގަހުން ވެރިފައި ހުރި ފަތްތައް ހޮވަން އޮތް އާދިލާ އަށް ބަލާލެވުނީ ގޭގެ ދޮރާށި ހުޅުވާ ވަތް މީހަކު ފެނުމުންނެވެ. އޭނާގެ އެންމެ ގާތް އެކުވެރި ސަފިއްޔާ ފެނުމުން ހިނިތުންވެލިއެވެ. އެއީ އާދިލާގެ ފަރާތުން ވަރަށް ނުފެންނަ ކަމެކެވެ. އެހެންޏާ ފުސް މޫނު ހެދިފައި ނޫނީ ނުހުންނާނެއެވެ. މާ އަވަސް އަރުވާލާފައި ކޮން ވަޑާމަކުތޯ އަހާލުމުން ސަފިއްޔާ ދިން ޖަވާބަކުން އާދިލާ އަތުގައި އޮތް އިލޮށިފަތި ވެއްޓިއްޖެއެވެ.
“ނާ ހަމަ ތެދެއް؟”
އާދިލާ އަނެއްކާވެސް ސުވާލު ކުރިއެވެ.
“އަޖައިބެއް، އާނ އެކޭ. މަ ދެ ލޮލަށް ފެނުނު މަންޒަރަކޭ. އެ މަންޖެ އެހެން އެކަނި ވާހަކަ ދައްކަން އިންނަ ތަން އަހަރެން ލައްކަ ދުވަހަކު ދެކެފިން. އަހާބަލަ ނިކަން މަރިޔަ ގޯތި އާސިޔަތު ކައިރީ. އޭނައަށް ވެސް ފެނިގެން މަ ގާތު މި ވާހަކައެއް ދައްކައިފި.”
އާދިލާ ގެ މޫނުމަތިން ފުރަތަމަ ފަހަރަށް އަމްނާ އާ މެދު ކަންބޮޑުވުމުގެ ކުލަވަރު ފާއްދާލިއެވެ. ދޮން އާދަނަށް ގޮވާ ގެެނެސް އަޑު އިވުނު ވާހަކަތައް އަކުރުން އަކުރަށް ކިޔައިދިނެވެ. ރަށު ކިޔެވެލި ކިޔަވާ ތަކުރު ބެއަށް ގޮވާ ގެނެސް އެންމެން އެއްވެއްޖައޫއެވެ. އަމްނާ ގެއަށް އަންނަންދެން ފަހަރަކު މީހަކު ގޯތި މަގުގައި މުގޯލި އަޅާލަ އަޅާލަ ތިއްބެވެ.
އިރު އޮއްސުނު ފަހުން އަމްނާ ގެއަށް އަތުވެއްޖެއެވެ. މުޅި މީހާ ހުރީ ހުން އައިސް ރަތްވެފައެވެ. ސަފިއްޔާ ފުއްޓަރު ފަރާތުން ދިޔަ ފަހުން އަރުހަމް އާއި އޭނަ އާއި ދެމެދު ހިނގާދިޔަ ގައިގޯޅި ހަރަކާތްތަކުން ޖިސްމަށް ކިތަންމެ އަރާމެއް ގެނުވިޔަސް ހިތަށް އާދަޔާ ޚިލާފް ނުތަނަވަސްކަމެއް ވެރިވެގަތެވެ. އެކަމުގެ ފަހަތުގައިވާ ސިއްރެއް އަމްނާ އަކަށް ނޭނގެއެވެ. ނަމަވެސް ކިޔެވެލި ކިޔަވަން އައިސް ހުރި ތަކުރު ބެއަށް އަމްނާ ފެނުމާއެކު ވެގެން އުޅޭގޮތް ދޭހަވެ ނިމިއްޖެއެވެ.
އަމްނާ ކައިރީ ކުރެވުނު އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އެކަނި އިނދެ ވާހަކަ ދައްކަނީ ކާކާ ހޭ އެހުމުން ވެސް އަމްނާ އިނީ ހަނެވެ. ވާހަކަ ދައްކަން ބޭނުން ނުވަނީ އެއް ނުވަނީއެވެ. އަމްނާގެ އަނގަ ބަންދުވީއެވެ. އެމީހުންގެ އެ މަޖިލޫހުގައި ހުރި މަޚްލޫގު ފެންނަނީ އަމްނާ އަށް އެކަންޏެވެ. ރަތް އަނގުރު ދެ ލޮލެވެ. ކަޅުކަން ގަދަ ހަށިގަނޑެކެވެ. އަތުގެ އިށާރާތުން ވާހަކަ ނުދެއްކުމަށް އޭތި އަމުރުކޮށްލިއެވެ. ގަތް ބިރުން އަމްނާ ރޯން ފެށިއެވެ.
“އޭތި ހުރި ތަނެއް ދައްކަބަލަ”
ތަކުރު ސުވާލުކޮށްލިއެވެ. ދޮން އާދަނާއި އާދިލާ ހުރީ ވާނުވާ ނޭނގިފައެވެ. ޒާތަކަށް ބިރުވެސް ގަނެފައެވެ. އަމްނާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުމުން އަނެއްކާވެސް ތަކުރު ސުވާލުކޮށްލިއެވެ.
މިފަހަރު މަޑު މަޑުން އަތް ނަގާ އަމްނާގެ ޝަހާދަތް އިނގިލިން އިޝާރާތް ކޮށްލިއެވެ. ފެންޑާ އާ ދިމާލަށެވެ. ތަކުރު ގޮސް ފެންޑާ ގެ ކޮންމެ ކަނަކަށް ފެންތަށިން ފެންފޮދެއް ޖަހާލިއެވެ. އެއާއެކު އަމްނާ ގެ ހަށިގަނޑުން ދިލަ ނަގަން ފެށިއެވެ. މުޅި ގައި ކަހަން ފެށިއެވެ. ކެތް ނުކުރެވޭހާ ގަދަ ދިލަ އެކެވެ. އަމްނާ ރޮއި ހޭރެނީއެވެ. ދޮން އާދަނާއި އާދިލާ އޭނާ މަސަލަސް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ތަކުރު ކައިރީ ވާނުވާ އަހަމުން ދިޔަޔަސް ތަކުރު ކިޔެވުން ހުއްޓާކަށް ބޭނުމެއް ނުވިއެވެ. މިރޭ މި މަޚްލޫގަކު އަންދާލާފައި ނޫނީ މިތަނަކުން ނުދާނަމޭ އޭނާގެ ހިތާ ހިތުން ބުނަމުން ދިޔައެވެ.
“އޭތި ޖެހޭނީ އަންދާލަން”
ތަކުރު އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ. މި އަޑު އަހާ އަމްނާ ގެ ދެ ލޯ ބޮޑުވިއެވެ.
“ނޫން ނޫން، އޭނާ އަށް ތިހެން ނަހަދާ. ހެޔޮ ނުވާނެ އެއީ ގޯސް މީހެއް ނޫނޭ!”
އަމްނާ ހޭރެން ފެށިއެވެ. އާދިލާގެ ރުޅި ގަނޑު ކޮންޓްރޯލް ނުވެ ގޮސް އަމްނާގެ ކަންކަށި މަތީ ހޫނު އެތިފަހަރެއް ޖަހައިފިއެވެ. ދެވަނަ ފަހަަރަކަށް ޖަހަން ދިއްކުރި އަތުގައި ދޮން އާދަނު ހިފާ މަތަކޮށްފިއެވެ.
“އަދި އެބަ ކިޔަ އެންނު ނޫނެކޭ! އިންސާނުން މަދުވީތަ ކަލޭ ގޮސް ޖިންނި އަކާ ހޭބަލިވާން ޢޭނ!”
އާދިލާ ހަޅޭލަވަމުން ދިޔައެވެ. ގޭގެ ދޮރާށި ކައިރިއަށް އަވަށްޓެރިން ތެރެއިން ފަހަރަކު މީހަކު އަިއސް ބޯ ދިއްކުރަމުން ދިޔައެވެ. އެހާވެސް އެ ގޭތެރޭ އަޑު ގަދަ ވެއްޖެއެވެ. އެއް ކޮޅުން ތަކުރު ކިޔެވެލި ކިޔަވަނީއެވެ. އަނެއްކޮޅުން އާދިލާ ޒުވާބު ކުރަނީއެވެ. އަމްނާ ގައިން އަދިވެސް ދިލަ ނަގާވަރުން ދިލަ ނަގަނީއެވެ. ދޮން އާދަނު ހުރީ ބޯ ގޮވާފައެވެ.
އޭނާ ދެ އަންބަށް އިންނަން އުޅުނު އާސިފާ އޭނާ ދޫކޮށް ދިޔަ ދުވަހުވެސް މިހާ ހާހެއް ނުވެއެވެ. އަމްނާ އަކީ އަސްލު އާދިލާގެ ދަރިއެއް ނޫން ކަން އެނގެނީ އާދިލާއާއި ދޮން އާދަނަށް އެކަންޏެވެ. އާދިލާ އަމްނާ ދެކެ އެހާ ނަފްރަތު ކުރާ ސަބަބަކީ އެއީއެވެ. އެކަމުގައި ދޮން އާދަނަށް ކުރެވޭނޭ މާ ބޮޑު ކަމެއް ނެތެވެ. އަމްނާއަކީ އޭނާގެ އަމިއްލަ އަނބިމީހާ އަށް ބޭވަފާތެރި ވި ކަމުގެ ހެއްކެކެވެ. ނަމަވެސް މިކަން އަމްނާ އަށް ހާމަ ނުކުރުމަށް ދޮން އާދަނު ވަނީ އާދިލާ ލައްވާ ހުވާ ކުރުވާފައެވެ. އާދިލާ އައިސް ހުރި ރުޅީގައި މިރޭ އެކަން ހާމަ ނުކޮށްފިއްޔާ ކިތަންމެ ހާވެސް ރަނގަޅޭ އޭނާ ހިތަށް އަރަމުން ދިޔައެވެ.
ތަކުރުގެ ވަރަށް މަސައްކަތުން އެ މަޚްލޫގު އަންދާލެވިއްޖެއެވެ. އަމްނާ ހޭނެތުނީ އަރުހަމް އަލިފާން ގަނޑުގައި އަނދަމުން ދިޔަ މަންޒަރު ބަލަން ކެތްނުކުރެވިގެންނެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ދިރިއުޅުމަށް އައި އުފާވެރިކަން މިއަދު އަޅިއަށްވެ އެ ދިޔައީއެވެ. އަލުން އޭނާ އެކަނި ވެރި ވީއެވެ. އޭނާދެކެ އެއްވެސް ވަރަކަށް ލޯބި ނުވާ މަންމަ އެއްގެ ބަހުގެ ހަމަލާތަކާ އެކަނި މާއެކަނި ކުރިމަތިލާން ޖެހުނީއެވެ. ބައްޕަ ގެ ފަރާތުން މާ ބޮޑު އަޅާލުމެއް ނުލިބޭތާނގައި މަންމަގެ ބަހުގެ އަނިޔާތަކުން ސަލާމަތްކޮށްދޭން ވެސް ނާދެއެވެ.
ކުރެހުން މަތިން މުޅިން ފޫހިވެއްޖެއެވެ. އުފާވެރިކަން ގެނެސްދިން ކުލަ ތަކުގެ ވިދުން މިހާރު ފަނޑުވެެއްޖެއެވެ. އަރުހަމް އަންދާލިތާ މަސްދުވަސް ވެއްޖެެއެވެ. އަމްނާ ގެ ކައިވެނި ރަށު ކަތީބުގެ ދަރިއަކާއި ކުރުމަށް ހަމަޖެހިއްޖެއެވެ. އޭނާ ރަނގަޅަށް ދަންނަ މީހެއްވެސް ނޫނެވެ. އެނގޭހާވެސް އެއްޗަކީ މިއީ އޭނާގެ މައިންބަފައިން ބޭނުންވާ ގޮތް ކަމެވެ. އެކަމަކާ ދެކޮޅު ހެދޭނެ ހިތްވަރެއް މިއަދު އަމްނާ ގަޔަކު ނެތެވެ. އަރުަހަމް ގެ ހަނދާން ތަކުން އަދިވެސް އޭނާގެ ނިދި ގެއްލުވާލައެވެ. ބައެއް ފަހަރު ކޮޓަރި ތެރޭގައި އޭނާ އުޅޭކަމުގެ އިހުސާސު ވެސް ވެެއެވެ. ނަމަވެސް އެއީ އޭނާ އަށް ހީވާ ހީވުމެއް ކަން ޔަގީނެވެ. އަރުހަމް އަންދާލީ އޭނާގެ ލޯ ކުރިމަތީގައެވެ. މިއަދު އަރުހަމް ގެ ހަނދާނަކަށް އޮތީ އެންމެ އެއްޗެކެވެ. އެންމެ ފަހުން އަރުހަމް އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގެ ހަނދާނެވެ. އޭނާ ކުރަހާލި އަރުހަމްގެ ތަސްވީރެވެ.
އެ ތަސްވީރު އަބަދުމެ އަބަދަށް އޭނާގެ ހިތުގައި ކުރެހިފައި ވާނެއެވެ.
****
– ނިމުނީ –
ކެޓެގަރީ: ބިރުވެރި ވާހަކަ ކުރުވާހަކަ

4051

Kiuntherieh

0.0

Varah reethi

3 months ago

Zeek

0.0

Vvvvv reethi vaahakaeh mariyam

1

4 months ago

beerahtehi

0.0

I don’t care

2

7 months ago

މަލަަަަަމަތި

0.0

ނަލަ

7 months ago

ކްރިޓިކް

0.0

ބަސްތަކާއި، މައި ކެރެކްޓާރގެ އިހުސާސްތައް ދައްކުވައިދީފައިވި ގޮތް ރަނގަޅު. އެކަމަކު ވާހަކއިގެ ކްލައިމެކްސް ވަރަށް އެންޓި ކްލައިމެޓިކް.. ލިޔުންތެރިޔާ ބޭނުންވާފަދަ އިހުސާސްތައް ކިޔުންތެރިންނާއި ހިސާބަށް ނުފޯރީ ވާހަކައިގެ ކްލައިމެކްސް ބަލިކަށިވީމާ..
ނަމަވެސް ރީތި.. ހަޑިއެކޭ ނުބުނެވޭނެ

3

7 months ago

ބަބުރު ކަލޯ

0.0

ސޮޅި

3

8 months ago

ދިވެހިން

0.0

ކުރު

3

8 months ago

Aisha

0.0

?

2

8 months ago

÷

0.0

v reethi

2

8 months ago

ޒިވީ

0.0

ވ ރީތި މި ވާހަކަ

11

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles