• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ތިޔައީ ނަމޫނާއެކެވެ.

ތިޔައީ ނަމޫނާއެކެވެ.


287375

އަމާން ރޭގަނޑަކަށް މަރުހަބާ ކިޔަމުން ދިޔަ މޫސުމަށް އައީ ކުއްލި ބަދަލެކެވެ. ލުއިގޮތަކަށް ގަސްގަހުގެ ފަތްތަކުގައި ބީހެމުންދިޔަ ހިތްގައިމު ވައިރޯޅިތަށް ބާރުވެ، އެތަށް މިލިއަން ތަރިއަކުން އަލި ވެފައިވާ ޖައްވަށް ކަޅުކަން ވެރިކޮށްލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ތަނަވަސް ބޮޑުކޮޓަރީގެ މެދާކަށް ހިސާބުގައި ހުރި ކުޑަދޮރުކައިރިއަށް އައިސް މަޑުކޮށްލީ ޅަނދޮޅު ރީތި އަންހެންކުއްޖެކެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް ބައްދަލުވީ ބެދެމުން ދިޔަ އުޑުމައްޗަށެވެ. ދާދި ކުޑަހިނދުކޮޅެއްކުރިން ފެނުނު ބުރުހަމަ ހަނދު ނޭނގިހުއްޓާ އައި ކަޅުވިލާގަނޑަކުން ފޮރުވާލައިފިއެވެ. ބަލައިލި ކޮންމެ ދިމާލަކުންމެ ފެންނަނީ ވިއްސާރައިގެ އިންޒާރުތަކެވެ. ވާރޭގެ އެކަނިތަށް އޮއްސާލާނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ހަޔާތުގައި އަންނަ މިފަދަ ހާއްސަ ރެއެއްގައި މޫސުމާ ދޭތެރޭ އެއްވެސް ޔަގީންކަމެއް ނެތެވެ.
އެތަށްލައްކައިން އަގުނުކުރެވޭ ބިޔަ ހުދުކުލައިގެ ވެޑިންގ ޑްރެސްގެ ފަސްބައި ހިއްލައިލަމުން އޭނާ ފޯނުން ބަލައިލީ ގަޑިއެވެ. ރޭގަނޑު އަށެއްޖަހާ ބޮޑުވީއެވެ. އިންތިޒާރު ކުރަމުންދާ ވަގުތުއައިސް ޖެހޭކަށް މާގިނައިރެއްނެތެވެ. އޭނާ އެނބުރިއައިސް އިށީނދެލީ އެނދުގައެވެ. ވަށައިގެންވަނީ ހިމޭންކަމެވެ.ހިނދުކޮޅެއް ކުރީން އެތަނުގައި ހަރަކާތްތެރިވި އެތަށް ބިއުޓީޝަނުންގެ ހިލަމެއްވެސް މިހާރަކު ނުވެއެވެ. އަލަތު ކައިވެނީގެ އަންހެންކުއްޖާ ފުރިހަމައަށް ތައްޔާރު ކޮށްދިނުމަށްފަހު އޭނާއަށް ވަގުތު ދެމުން އެމީހުންދިޔައީއެވެ. ހިމޭންކަމާއެކު ވަގުތުތަކެއް ވަންދެން އިނުމަށްފަހު އޭނާ އިސްއުފުލައިލުމުން ފުރަތަމަވެސް އެދެލޯ އަމާޒު ވެގެންދިޔައީ ނޫ ފާރުގައި ހަރުކޮށްފައިވާ ބިޔަ ފޮޓޯ ލޯގަނޑަށެވެ. އެފޮޓޯގައިވާ އަންހެންމީހާގެ ވިދުންގަދަ ލޮލާ އޭނާގެ ލޯ އަމާޒުވުމާއެކު ބަޔާންނުކުރެވޭ ފަދަ އިހުސާސްތަކަކުން ނަފްސު ހިސާރުކޮށްލިއެވެ. ހިތަށް ލިބުނީ ބުނަންނޭނގޭފަދަ ވޭނެކެވެ. ބަލަބަލަ ހުއްޓާ ލޮލަށް ވެރިވީ ތެތްކަމެވެ. ހިތުގައިވާ ހުސްކަން މިޔަށްވުރެ ވަކިބޮޑަކަށް އިހުސާސް ކުރެވުނު ވަގުތުކޮޅެއް ނާދެއެވެ. އެހިނދު ވިދާލި ވިދުވަރާއެކު މުޅިތަނަށްވެރިވީ ހުދުއަލިކަމެކެވެ. އެޔާ ވިދިގެން ގުގުރާލާނެކަމަށް ހީވިޔަކަސް އެއަޑެއްނީވެއެވެ. އަދިވެސް އޭނާ މަޑުމަޑުން އިނީއެވެ. އެސްފިޔަވެސް ޖަހާނުލާ ބުދެއްހެން ބަލަން އިނދެވުނީ އެތަސްވީރަށެވެ.އެބޮޑު ބޮޑު ދެލޮލުގައި ގިނަވެފަހުރި ކަރުނައިގެ ތެރެއިން ފުސްކަމާއެކު ބަލަން އިންދާ ލޮލު ކުރިމައްޗަށް އެތަށް މަންޒަރެއް ސިފަވާންފެށިއެވެ. ހުދާއިކަޅުގެ ސިފައިގައެވެ. އުފަލާއި ހިތާމައިން ފުރިފައިވާ އެތަށް ވަގުތުތަކެކެވެ. އެތަށްދުވަހެއްގެ ހަނދާނެކެވެ .
********************
ބަރުގޮތަކަށް ކޮޓަރީގެ ދޮރުގައި ޓަކިދޭންފެށުމާއެކު ރީތިވާ މޭޒުކައިރީ ހުރި ލަޔާނާގެ މޫނު ބަނަވެގެންދިޔައެވެ. ފަތިހު މުނާޖާޔާގެން އައިސް ދޮރުގައި ތަޅައިނުގަތީޔާ ނުވޭހެއްޔެވެ.މަންމައެއް ކަމަކު މިހާރު އެކުރަނީ ޖެއްސުންހެންވެސް ހީވާކަހަލައެވެ.ވަޒީފާ އަށް ގަޑިނުޖެހި ދާކަމަށް މަންމަމެން ގަބޫލުކުރާ ފެންވަރަކީ ގަޑިޖެހުމުގެ ދިހަމިނެޓް ކުރިން އޮފީހަށް ހާޒިރުވެ ދުވަހުގެ މަސައްކަތާ ހަވާލުވުމެވެ.މަންމަގެ އެހުންނަވިސްނުމާ އެގެންގުޅޭ ގޮތްގަނޑަކުން ލަޔާނާގެ ބޮލުގައި ރިހެނީ ކިހާވަރަކަށްހެވެ.އިތުރަށް އެންމެ މިނެޓެއްވެސް އޭނާ ކޮޓަރީގައި މަޑުކުރިޔަކަނުދޭނެއެވެ.މިދޮރު ވައްޓާނުލަނީސް މިތަނުން ނިކުތުމަށްވުރެ ބުއްދިވެރިގޮތެއް ނެތެވެ.
“ތިވަރު ނުކުރިޔަސް ވެދާނޭ މަންމާ..އަދި ގަޑިޖެހެން ހާދަ އިރެއް އެބޯތޭ” ނުރުހުމުގެ އަސަރަށްވުރެ ލަޔާނާގެ އަޑަށްވެރިވީ ކުސްތެޅުމާ ބޮޑާހޭކުމުގެ ރާގުގަޑެވެ.އަތްދަބަސް ކޮނޑުގަ އަޅުވާލަމުން ކޮޓަރި ދޮރުޖަހާފަ އޭނާ ނިކުތެވެ.
“އެގޮތެއް ކަމަކު ނުދާނެ ދަރިފުޅާ..މަންމަގެ އެއްވެސް ދަރިޔަކު ގަޑިޖެހިގެން ވަޒީފާއަށް ދިޔުމަކީ މަންމަ އެދޭނެ ކަމެއްނޫން..ކުރާކަމެއް ކުރަންވާނީ އަބަދުވެސް ފަރުވާތެރިކަމާއެކު ރަނގަޅަށް..” ވިހިއަހަރުގެ ޒުވާން އަންހެންދަރިފުޅުގެ ބޮލުގައި ފަރުޒާނާ ފިރުމާލީ ލޯބިންނެވެ.ލަޔާނާ އިނީ ފޫހިވެފައެވެ.އަވަހަށް އޮފީހަށްދާން ބޭނުންނުވެފައެވެ.މަންމަގެ ސަބަބުން ކޮންމެދުވަހަކު އެހާމާއިރާ ނިކުންނަން ޖެހެއެވެ.ރަށު ސްކޫލުން ޓީޗަރެއްގެ މަގާމު ލިބުނުތާ އަދި މިއުޅެނީ އެއްމަސްވެސް ނުވެގެނެވެ.ވަޒީފާގެ މާހައުލަށް ހޭނެން ވަގުތު ބޭނުމެވެ. އެހެން މުވައްޒަފުން އޮފީހަށް އަންނަނީ ކިހާ ލަހަކުންކަން ލަޔާނާއަށް އެނގެއެވެ.ނަމަވެސް އެމީހުންވެސް އުފާވެރިއެވެ.އެއްޗެކޭ ބުނާނެ އިސްވެރިއަކު ނެތެވެ.ވީ އިރު އޭނާ ވަކި އެއްގަޑިއިރު ކުރިން ގޮސް އޮފީހަށް ވަދެ އިންނަންވީ ކޯއްޗެއް ހޯދަންހެއްޔެވެ.އެފަރުވާކުޑަ ޕްރިންސިޕަލްގެ ލޮލުގައި ކިތަންމެ ރަނގަޅަށް އުޅުނަސް އެމުވައްޒަފެއް އަޅައިގަންނާނެ ގޮތެއްނެތެވެ.ވީއިރު ކޮންމެ ދުވަހަކު މިހެނެއް ނޫޅެވޭނެއެވެ.މަންމަގެ މިގަވާއިދުތަކަށް ކުޑަނަމަވެސް ބަދަލެއް ގެނެސްގެން ނޫނީ ލަޔާނާއަކަށް ދެން ކެތެއްނުވާނެއެވެ.
ލަޔާނާ ސައިބޯން އިނދެގެން މަންމައާ އެވާހަކަ ދެއްކުމުން މަންމަ ދިން ޖަވާބު އިވިފަ އޭނާ ހިމޭންވެއްޖެއެވެ.އިތުރަށް ވިއްދާފަ އެންމެ އެއްޗެއްވެސް ބުނާކަށް ނުކެރުނެވެ.ފަރުޒާނާ ވާހަކަ ދެއްކީ ދަރިފުޅަށް ވިސްނައިދޭ ރާގުގައެވެ.ބަޔަކު އުޅޭހާ ގޮތެއް ނަމޫނާ ކުރާކަށްނުވާނެއެވެ.އެހެންމީހުން ގަޑިޖެހިގެން އޮފީހަށް އަންނާތީއޭ ކިޔާފަ ލަޔާނާއެދަރަޖައަށް ވެއްޓޭކަށް ނުޖެހޭނެއެވެ.ކުރާކަމެއް ކުރަންވީ ﷲއަށްޓަކައެވެ.މީހަކަށް ދެއްކޭކަށްނޫނެވެ.އަމާބުނީތީ ފަރަށްދާ އުސޫލުން ވަޒީފާއަށް ދިއުމުން އެލިބޭ ބޮޑު މުސާރަ ހަލާލު ވެދާނެހެއްޔެވެ. އިސްދަށަށް ޖަހާލައިގެން އިން ލަޔާނާ އެސްފިޔަތަށް އުފުލައިލީ ވާހަކަދައްކާ ނިންމާލަމުން މަންމަ އޭނާގެ އަތުގައި ފިރުމާލުމުންނެވެ.އެއީކީ ލަޔާނާއަށް އާ ލަފްޒު ތަކެއްނޫނެވެ.އިވިއިވި ބާވެފައިވާ ނަސޭހަތްތެކެވެ.ކޮންމެ ދުވަހަކު އެބަދިވަރު އޭނާއަޑުއަހައެވެ.އެއަގުހުރި ނަސޭހަތް އޭނާއަށް ސިފަވީ ވެސް ބަދިވަރެއްގެ ގޮތުގައެވެ. ނަމަވެސް މަންމައަށް ޓަކާ ހިތުގަވާ ގަދަރުން މޫނުން ފޫހިކަން ނުދައްކާ ވޭތޯ އޭނާ ބެލިއެވެ.މައިމީހާއަށް ގަދަރު ކުރަން ދަސްކޮށްދިނީވެސް ހަމަ އެމަންމަވިއްޔާއެވެ.
ރޭގަނޑު ލަޔާނާ ފެންވަރާލައިގެން ނިކުތީ ސްކޫލުގައި އޮންނަ ޓީޗަރުންގެ ހާއްސަ ޖަލްސާއަކަށް ދިއުމަށެވެ.ރީތިވާ މޭޒުކައިރީ ހުރި ލޯގަނޑުން އަމިއްލަ ސޫރަ ބަލަމުން ޝޯލް އަޅަމުން ދިޔައިރު މިރޭ ތަފާތުކޮށްލަން ހިތަށްއެރީ ކީއްވެކަމެއް ނޭނގުނެވެ.އެކުވެރި އެހެން ކުދިން ބުރުގާ އަޅާލާފަ ހުންނަ ޒަމާނީ ގޮތްގަނޑު އޭނާއަށްވެސް ކަމުދާންފެށީއެވެ.ލަޔާނާ ޔޫޓިއުބުން ވީޑިއޯއެއް ބަލައިގެން ކަމުދާފަދަ ގޮތަކަށް ޝޯލް އަޅާ ތައްޔާރުވުމަށްފަހު ފަހުފަހަރަށް ބަލައިލިއެވެ.މިކަމާމެދު މަންމަގެ ފާޑުކިޔުން އަންނާނެކަން ޔަގީނެވެ.މޭމަތިން ކުޑަ ތަންކޮޅެއްވެސް ނިވާނުވެ ހުރެއްޖާ އެނިމުނީއެވެ.މިރޭގެ ހަތަރު ދަން ހުސްކުރަން ޖެހޭނީމަންމަގެ ލެކްޗަރުތަށް އަޑުއެހުމުގައެވެ.
“ދަރިފުޅާ”މަންމައަށް ނުފެނި ގެއިން ނިކުންނަން ދަނިކޮށް ފަހަތުން ގޮވާލިއަޑު އިވިފައި ލަޔާނާ ހުއްޓިއްޖެއެވެ.އެނބުރިނުލާނަމޭ ހިތާހުއްޓާ މަންމައައިސް އެރީ ކުރިމައްޗަށެވެ.ލަޔާނާ ނިކަން އަވަހަށް ސްކޫލަށް ޖަލްސާއަކަށް ދާވާހަކަ ބުނެލިއެވެ.ހީކުރި ގޮތަށް މަންމަގެ ލޮލުގައި އޭނާގެ ބުރުގާ އަޅައިގަނެއްޖެއެވެ.މޭމަތި ރަނގަޅަށް ނިވާނުވެ ހުރުމުން އެވާހަކަ ދެއްކިއެވެ.އަންހެންކުދިންނަކީ ފޮރުވިގެންތިބެންޖެހޭނެ ބައެއްކަމާއި އެކުދިން އަގުހުރި ޖަވާހިރަކަށް ހަދައިދޭ ސަބަބަކީ އެއީކަމަށް ބުންޏެވެ.
ލަޔާނާ ވަރަށް ހިތްހަމަނުޖެހި ހުރެ ކޮޓަރިއަށް އަލުންވަނީ ޝޯލް ރަނގަޅުކުރާށެވެ.
ލަޔާނާ ދިޔައީ ހިތްހަމަނުޖެހިގެންކަން ފަރުޒާނައަށް ވިސްނުނެވެ.ދަރިފުޅު ހިތްހަމަ ނުޖެހުނަސް މައެއްގެ ވާޖިބު އަދާކުރާކަށް އޭނާފަސްނުޖެހޭނެއެވެ.މިއަދު ލަޔާނާއަށް ރަނގަޅުގޮތް ބުނެދިނުމަކީ މަންމައެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެކެވެ.އަންހެންދަރިފުޅު ހިތުހުރި ކަމެއްކޮށްލަން ދުލެއްނުކުރެވޭނެއެވެ.ނަރަކައިގެ އަލިފާނަށް އެދަރިފުޅު ހުށަހެޅުމަކީ ދުވަހަކުވެސް އޭނާ އެދޭނެކަމެއްނޫނެވެ.
ހެޔޮގޮތުގައި ދަރިން ތަރުބިޔަކުރަން ފަރުޒާނާ އަބަދުވެސް އިސްކަން ދިނެވެ.ރިވެތި އަހްލާގާއެކު އޭނާގެ ދަރިން ބޮޑުވުމަކީ ހިތަށް ހަމަޖެހުންލިބޭކަމެކެވެ.އޭނާގެ ދޮށީ ދެއަންހެންދަރިން އިއްފަތްތެރިންގެ ގޮތުގައި ތިބެ ފިރިންގެ ބެލުމުގެ ދަށަށް ގޮސްވަނީ ނިމިފައެވެ.މިހާރު އޭނާގެ ހުރިހާވެސް ސަމާލުކަމެއްވަނީ ލަޔާނާއަށެވެ.ހަމަ މަގަށް އަޅުވަން މިހާ އުނދަގޫވި ދަރިއެއް ނެތެވެ.ތާއަބަދު އެއް ނަސޭހަތް ތަކެއް ތަކުރާރު ކުރަން ޖެހުމަކީ އޭގެ ހެއްކެކެވެ. ލަޔާނާ އަދި ތަންކޮޅެއް ޅައީއެވެ.ޒުވާން ކަމުގެ ޖޯޝްގެ ސަބަބުން ހިތުގަވާ އީމާންތެރިކަން ފަނޑުވަނީއެވެ.ބުނެ ކިޔުއްވައިގެން ނަމާދު ކުރުވަން ނުޖެހޭކަމީ އެންމެ އުފާވާ އެއްކަމެވެ.ލަޔާނާގެ އެހެން ގޯސް އާދަތަކެއް ހުއްޓަސް ނަމާދަށް ފަރުވާތެރިވާކަން އެއީ ނަސީބެކެވެ.އެވަރުވެސް ވީ ހާދަ މަސައްކަތުންނެވެ.ޅައިރު ރޮއެރޮއެ ހުއްޓާ ފަތިސް ނަމާދަށްވެސް ނަގައިގެނެވެ.ވަގުތާއެކު އެހެން ކަންތައްތަށްވެސް އިސްލާހުވާނެކަމަށް ފަރުޒާނާ އުއްމީދުކުރިއެވެ.މިއަދު ލަޔާނާ ހިތްހަމަ ނުޖެހިގެން ދިޔަޔަސް މަންމަގެ މިނަސޭހަތްތަކުގަ ހުރި ބުރަދަން އަދި ވިސްނޭނެދުވަހެއް އަންނާނެއެވެ.
ލަޔާނާ އަދިވެސް ހުރީ މަންމަ ދެކެ ހިތްހަމަނުޖެހިފައެވެ.މަންމަގެ ސަބަބުން އޭނާ އެންމެންގެ ކުރިމަތީގައި ލަދުގަންނަން ޖެހިއްޖެއެވެ.ދެވަނަ ފަހަރަށް ޝޯލް ބަދަލްކުރަން ޖެހުމުން ޖަލްސާއަށް ދެވުނީ ގަޑިޖެހިގެންނެވެ.
ލަޔާނާ ބަދިގޭގެ އުނދުން ކައިރީ ހުއްޓާ ފަރުޒާނާ އެތަނަށް ވަނެވެ.ރޯފިލާފަ އޮތް ބިސްގަނޑު ތަށްޓަށްލައިގެން ލަޔާނާ އުޅުނީ އަނގައިން ނުބުނެ އެތަނުން ނިކުންނާށެވެ.
“ދަރިފުޅާ ކީއްވެ ލޮނުފުޅި މޭޒުމަތީ ބައިދާފަ މިހުރީ..މަންމަ އަބަދުވެސް ބުނަމެއްނު އެއެއްޗެއް ބޭނުންކޮށްފަ ހުންނަ ތާކަށް ލައްޗޭ..އޭރުންނެއްނު ބަދިގޭގެ ތަރުތީބު ނުގެއްލޭނީ..”
މަންމަ ކިތަންމެ ލޯބިން ބުންޏަސް ލަޔާނާގެ މޫނު ބަނަވެގަތެވެ.ދޮރާ ހަމައިގަ ހުރެފަ އޭނާ އަލުން އެނބުރި އައިސް ލޮނުފުޅި ކަބަޑަށްލިއެވެ.މަންމަ ނުބެހޭކަށް ކަމެއް މިގޭތެރޭގައި ނޯވެއެވެ.ރުޅި ފަޅައިގެންގޮސް މަންމައާ ދިމާލަށް އެއްޗެއް ބުނެވުމުގެ ކުރީން ލަޔާނާ އެތަނުން ނިކުތެވެ.އެމަންޒަރު ބަލަންހުރި ފަރުޒާނާ ދެފަރާތަށް ބޯހޫރާލިއެވެ.ލަޔާނާގެ ތޮބީއަތު ގޯސްވެފައިވާ ސަބަބު އޭނާއަށް އެނގެއެވެ.ނަމަވެސް އެމަންމަގެ އުއްމީދުތަށް ބޮޑެއްޗެވެ.އަދި އިރާދުކުރެއްވީޔާ ލަޔާނާއަށް ވިސްނޭނެއެވެ.އުޅުން ހުރި އަހްލާގު ރަނގަޅު މާތް އަންހެންދަރިއަކަށް އޭނާގެ ދަރިފުޅު ވާނެއެވެ.
އެރޭ ލަޔާނާ ކުލާހެއްގަ ދަރިވަރުންނަށް ގަޑިއެއް ނަގައިދޭން ހުއްޓާ ފޯނެއް އަންނަން ފެށުމުން ބިޒީ ކޮށްލީ ކާކުތޯވެސް ބަލައިނުލައެވެ.ފުލުފުލުގަ ދެވަނަ ފަހަރަށް ގުޅަން ފެށުމުން ބަލައިލިއިރުގަ ދޮންތައެވެ.މުހިންމު ކަމެއްގަ މެނުވީ ކުލާހެއްގަ ހުއްޓާ މިގޮތަށް ނުގުޅާނެކަން އޭނާއަށް ވިސްނުނެވެ.އެއްކައިރިއަށް ޖެހިލާފައި ފޯނަށް ޖަވާބުދާރީ ވުމާއެކު އެކޮޅުން އިވުނީ ދޮންތަގެ އަޑެވެ.ހާސްވެފައި ހުރެ ދޮންތަ ދެއްކި ވާހަކަތަށް އަޑުއަހަންހުރި ލަޔާނާގެ ހިތުގެ ހިނގުންވެސް ބިރުވެރިކަމާއެކު އަވަސްވެލިއެވެ.މޫނު ގެ ކުލަފަނޑުވެ ހާސްކަން ވެރިވިއެވެ.ހާލަތުގެ ނާޒުކުކަން ވިސްނި ނަގަމުން ދިޔަ ކުލާސް ވަގުތުން މެދުކަނޑާލާފަ އިސްފަރާތަކަށް އެންގުމަށްފަހު ލަޔާނާ އޮފީހުން ނިކުތެވެ.
އެއްފަހަރު ހާޓްއެޓޭކެއް ޖެހި ސަލާމަތްވެފަވާ މީހަކަށް ދެވަނަ ފަހަރަށް އެޓޭކެއް އައުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ލަޔާނާގެ ސިކުނޑިއަށްވެސް ވިސްނުނެވެ.ބާރުބާރަށް ހިނގާލާފަ ދިޔައިރު އެދެލޮލަށް ކަރުނައިގެ ތެތްކަން ވެރިވީ ކުރެވުނު ކުށްވެރި އެތަށް އިހުސާސްތަކަކާއެކު ދެރަވީވަރުންނެވެ.އޭނާ މިއަދު ހުރީ މަންމަ ދެކެ ހިތްހަމަނުޖެހިފައެވެ.ޑިއުޓީއަށް ދިޔައީ މަންމައާ އަނގައިން ބުނެލުމެއް ނެތިއެވެ.މިއަދު އެމަންމަ އެވަނީ މަރުގެ ތުންފަތްމަތީގައެވެ.އަންހެން ދަރިފުޅު ދެކެ ހިތްހަމަ ނުޖެހިހުރެ އެމަންމަ ދުނިޔެއާ ވަކިވެގެން ގޮސްފިނަމަ އަމިއްލަ ނަފްސަށް މާފް ދެވޭނީ ކިހިނެއްހެއްޔެވެ.ހިތަށްއަރާ ފައިބަމުން ދިޔަ އެއްޗެއްސުން ލަޔާނާގެ ހިތް ފޮތިފޮތިވާ ގޮތްވިއެވެ.
ކަރުނަވީ ދެލޮލާއެކު ސިއްހީ މަރުކަޒަށް ވަދެގެންގޮސް މަންމަ ބާއްވާފަ އޮތް އެނދު ކައިރިއަށް ލަޔާނާ ހުއްޓިލިއެވެ.މަންމަގެ ދެލޯ ކަރުނައިން ވަނީ ބަރާވެފައެވެ.މެޔަށް އަރަމުންދިޔަ ތަދަށް ކެއްނުކުރެވިގެން ހިތާއި ދިމާލަމުން މޭގަ ފިރުމަމުން މަންމަ ތެޅެނީއެވެ.އެވޭނަށް ކެއްނުކުރެވިގެން އުޅޭއިރުވެސް ﷲއަކްބަރާ ޝަހާދަތް ފިޔަވާ އިތުރު ލަފްޒެއް އެމަންމަގެ ދުލަކުން ބޭރެއްނުވެއެވެ.އޮޅިގެންވެސް އައްދިއްޔޯއޭ ނުބުނާނެކަން ޔަގީނެވެ.މަންމައަށް ވަމުންދިޔަ ވަރުފެނި ލަޔާނާއަށް ވަގުތުން ރޮވިއްޖެއެވެ.މަންމަ ގައިގަ އޮޅުލައިގަނެވުނެވެ.އޭނާގެ ދެ ދައްތަ ކެއްތެރިވަމުން ދިޔައިރުވެސް ލަޔާނާއަށް އެހާ ފަސޭހައިން ރޮވިއްޖެއެވެ.
ރަށުގައި ހުންނަނީ އާދައިގެ ސިއްހީ މަރުކަޒެއްކަމުން މާގިނަ ފަރުވާ ދެވެންނެތުމުން ޑޮކްޓަރުގެ ލަފަޔާއެކު މަންމަ ކައިރީގައިވާ ހޮސްޕިޓަލްއަށް ބަދަލްކުރުމުގެ އިންތިޒާމު ހަމަޖެހުނެވެ.ލޯންޗް ތެރޭ ހޭދަވީ ވަގުތު ތަކުގަވެސް ލަޔާނާ މަންމަގެ އަތުން ހިނދުކޮޅަކަށްވެސް ދޫކޮށްނުލައެވެ.އިރުއިރު ކޮޅުން ލޮލުން ފައިބަމުންދިޔަ ކަރުނަތިކިތަށްވެސް ފޮހެލައެވެ.މަންމަ ބީވެގޮސްދާނެތީ މިހާ ބިރުގަތް ވަގުތުކޮޅެއް ނެތެވެ.މަންމައަށްޓަކާ ހިތުގަވާ ލޯބި އުތުރި އަރައިގަތެވެ.
މަންމައަކީ ހައިޕާޓެންޝަންއަށް ދާއިމީކޮށް ބޭސްކަމުންދާ ބަލިމީހެއްނަމަވެސް ބައެއްފަހަރު ބޭހަށްނުގުޑާ ދޭތެރެއަކުން ލޭގެ ޕްރެޝަރު މަތިވެގެން އެކަމުގެ ތަކުލީފުގަ އުޅެންޖެހޭ މީހެކެވެ.އަދި މީގެ ކުރިންވެސް ލޭ މައްޗަށް ދިއުމުގެ ސަބަބުން އެއްފަހަރު ހާރޓް އެޓޭކެއް ޖެހި ސަލާމަތްވުމުން މިފަހަރުވެސް އެފަދަ ކަރާމާތަކުން މަންމައަށް ޝިފާ ލިބުމަށް އެދި މެދުނުކެނޑި ލަޔާނާ ކުރަމުންދިޔަ ދުއާގެ އަދަދު ނުގުނޭނެވެ.
ހޮސްޕިޓަލްއަށް ގެންދެވުމާއެކު މަންމައަށް ފަރުވާ ދޭންފެށުނީ އައިސީޔޫގަ އެޑްމިޓް ކޮށްގެނެވެ.އެކަމުންވެސް މަންމަގެ ހާލަތުގެ ނާޒުކުކަން އިހުސާސްވިއެވެ.ލަޔާނާގެ ލޮލުން ކަރުނަ ނުހިކެއެވެ.މަންމަގެ ފުރާނައަށްޓަކާ އޭނާ ވަނީ އިންތިހާއަށް ބިރުގަނެފައެވެ.ތާއަބަދު ހިތަށް އަރަނީ މިއަދު މަންމައާ ދޭތެރޭ ކަންކުރެވުނު އަދަބު ކުޑަގޮތެވެ.އެހާ ލޯބިން މަންމައެދިން އަގުހުރި ނަސޭހަތްދެކެ އޭނާއަށް ހިތްހަމަ ނުޖެހެވުނީތީ ހައިރާންވެވުނެވެ.
ހޮސްޕިޓަލްގެ މިސްކިތުގަ ލަޔާނާ ދުއާ ކުރަންއިންދާ އޭނާގެ ދައްތަ އައިސް ކޮނޑުގަ އަތްބާއްވާލުމުން ބަލައިލިއެވެ.
“މަންމަގެ ހާލަތު ވަރަށް ސީރިއަސް” ލަޔާނާގެ ދައްތަ ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ.ލަޔާނާގެ ހިތް މޭތެރެއަށް ގެނބިގެންދިޔައެވެ.ދައްތަގެ އެމޫނަށް ބަލައިލައިގެން އެކަނިވެސް މަންމަވަނީ ކޮންފައްތަރެއްގަކަން އޭނާ ދެނެގަތެވެ.ލަޔާނާ އެއްވެސް އެއްޗެއް ނުބުނެ ދައްތައާއެކު ތެދުވެ ދާންހިނގައިގަތެވެ.
އައިސީޔޫއަށް ދެވުނުއިރު އެންމެ ދޮށީ ދައްތަ އެތެރެއިން ނިކުތީ ލޯފުހެމުންނެވެ.ބައްޕަވެސް ބޭރުގޮނޑިއެއްގަ އިށީނދެ އިސްދަށަށް ޖަހައިގެން އިންއިރު ދޭތެރެއަކުން ލޯފުހެލައެވެ.ވަށައިގެން ވާކޮންމެ ކަމެއް ލަޔާނާގެ ހިތަށް އެތަށް ހިތާމައެއް ދެމުންދިޔައެވެ.
ނަރުހުންގެ ހުއްދަޔާއެކު ލަޔާނާ އައިސީޔޫއަށް ވަނެވެ.މަންމަ ބާއްވަފަ އޮތް އެނދާ ހަމައަށް ދެވުނުއިރު ދެފައިވެސް ތުރުތުރު އަޅަނީއެވެ.އެތަށް ދިމާލަކުން ގެނެސް މަންމަގެ ހަށިގަނޑުގެ އެތަންމިތަނަށް ގުޅާފައިވާ ހޮޅިތަކާ މެޝިންތަށްފެނި އޭނާގެ ދެލޯ ފުރިގެން ބަންޑުންވެގަތެވެ.ލޯބިވާ މަންމަ އެވަނީ ކޮންފަދަ ހާލެއްގަހެއްޔެވެ.ތަހަންމަލު ކުރަމުން އެދަނީ ކޮންފަދަ ވޭނެއްހެއްޔެވެ.
އުނދަގޫގޮތަކަށް ނޭވާލަމުން ދިޔަ ފަރުޒާނާއަށް ދަރިފުޅުގެ މޫނު ފެނުމާއެކު ފަނޑުގޮތަކަށް ނަމަވެސް ހިނިތުންވެވުނެވެ.އޭނާގެ ލޯބިވާ މިއަންހެން ދަރިފުޅުގެ މޫނު ފަހުވަގުތުގައިވެސް ފެނިލުމުން ހިތްހަމަ ޖެހިއްޖެއެވެ.މަންމަގެ ފިނިވެފައިވާ އަތްތިލަ ގެނެސް ލަޔާނާގެ އަތުތެރޭ ހިފަހައްޓާލަމުން އޭނާ މަންމައާ ހަތަރު ކަޅި ހަމަކޮށްލިއެވެ.އެއާއެކު ވޭނުން ފުރިގެންވިގޮތަކަށް ރޮވިއްޖެއެވެ.ވެދިޔަ ކަންކަމަށް މަންމަ ކައިރިން މާފަށްއެދި ހިތްހެޔޮކޮށްދިނުމަށް އެދެނު އިރު ލަޔާނާއަށް ގިސްލެވެއެވެ.
“ދަ..ދަރިފުޅާ..މަންމަ އަބަދުވެސް ދަރިފުޅުމެނަށް ހިތްހެޔޮ…މަންމަ ދެކެ ލޯބިވަންޏާ މަންމައަށް ކަމެއް ކޮށްދެންޏާ މަންމަގެ ނަސޭހަތުގަ ހިފައިގެން ކުރިއަށްދޭ..” ފަރުޒާނާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓަސް ހާލަތު އެކަމަށް ތަނެއް ނުދެއެވެ.މަރުވަނީ ގާތުގައިކަން ހުދު އަމިއްލައަށްވެސް އިހުސާސްކުރެވުނެވެ.ލަޔާނާ އަމާނާތް ތެރިކަމާއެކު ފިރިޔަކާ ހަވާލު ކުރެވެންދެން ދުނިޔޭގަ ހުންނަން އޭނާވެސް ބޭނުމެވެ.ނަމަވެސް ތަގްދީރާ ބަލިހާލަތު އޭނާގެ އެހުވަފެން ހަގީގަތަކަށް ހަދައެއްނުދިނެވެ.މަރުވާން އެދޭނީ ކާކުހެއްޔެވެ.ކޮންމެ އިންސާނަކުވެސް ބޭނުންވާނީ ވީ އެންމެ ދުރަކަށް ދުނިޔޭގަ ހުންނާށެވެ.ނަމަވެސް އަޖަލު އައިސް ޖެހުމުން ދެކޮޅު ހެދޭނެ ފުރާނައެއް ނެތެވެ.
ފަހުވަގުތު ފުންނޭވާތަކާއެކު މަންމަ ދައްކަން ފެށި ވާހަކަތަކަކުން ލަޔާނާގެ ރުއިންވީ އިތުރެވެ.މީހަކު ބުނެނުދިނަކަސް މީ މަންމަގެ ފަހު ވަގުތު ކޮޅުކަން އޭނާވެސް ދެނެގެންފިއެވެ.ހިތްދަތިވެ ރޮވި ގިސްލެވި ތުރުތުރު އަޅަމުން ތިރިވެ މަންމަގެ މޫނުގައި ފަހުފަހަރަށް ލަޔާނާ ބޮސްދެމުންދިޔައެވެ.
“އައުރަ ނިވާނުވާގޮތަށް ހެދުން ނާޅާތި..ފަރުޟު ފަސްނަމާދު ވަގުތަށް ކުރާތި..ރޯދަމަހު ދޫވާ ރޯދަތަށް ލަސްނުކޮށް ގަޟޯ ކުރާތި..ފިރިއެއްގަ ބެލުމުގަ ދަށަށް ދެވެންދެން އިއްފަތްތެރިވާތި..ގަޑިއަށް ފަރުވާތެރިވާތި…އިހުލާސްތެރިވާތި..ތީ މަންމައަށް ލިބުނު ޖަވާހިރަކަށް ވާތި އިންޝާ ﷲ…..މަންމަ ދަސްކޮށްދިން ރިވެތި އާދަތަށް ދޫކޮށްނުލާތި..ދަރިފުޅާ…މަންމަގެ” ފަރުޒާނާގެ އަޑު ކުރެހިއްޖެއެވެ.ނޭވާތަށް އެތަންގުނަ ފުންވިއެވެ.އެންމެ ނޭވާއަކަށްޓަކާވެސް ހަށިގަނޑުގެ ހުރިހާ ހަކަތައެއް ބޭނުންކުރަންޖެހިއްޖެއެވެ.ވައިއަޑުން އުނދަގުލާއެކު އޭނާ ޝަހާދަތުގެ ދެކަލިމަ ފުރިހަމަ ކުރެވޭތޯ ބެލިއެވެ.މެޝިނުތަކަށް ބަދަލުއައިސް އެލާމް އަޅަން ފެށުމާއެކު ނަރުހުންތަށް ވަށައިލިއެވެ.ވަނީ ކީއްކަން އެނގިހުރެ ލަޔާނާއަށް ގިސްލެވެނީއެވެ.ކުރެވޭނެ ކަމެއް ނެތުނީމާއެވެ.ލަޔާނާގެ އަތުތެރޭގައިވާ މަންމަގެ އަތަށް ދުލެއް ލިބުނުކަން އިހުސާސްވުމާއެކު ބަލައިލިއިރު ލޯބިވާ މަންމަގެ ފުރާނައާ ހަށިގަނޑު ދެތަންވެއްޖެއެވެ.ރުއިމުގެ ވޭންދެނިވި އަޑުން ފަޒާ ގުގުމައިގަތެވެ.
ލަޔާނާގެ ދެފަޔަކު ވަރެއްނެތެވެ.ކޮޅަށް ހުރެވޭނެ ވަރު ނެތި ތުރުތުރު އަޅަނީއެވެ.ލިބެމުންދިޔަ އިންތިހާ ވޭނަށް ކެއްނުކުރެވި ރޮވެނީއެވެ.ހިތާއި ދިމާލުން މޭގަ އިރުއިރު ކޮޅާ ފިރުމާލެވެނީ ނުފިލާ ރިހުމެއް ހަރުލާފަވާތީއެވެ.މި ހިތްދަތިކަން ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ.މޫނު އެޅި ވަގުތު ކޮޅަކީ ދުވަހަކުވެސް ބަރުދާސްތު ކުރެވިފަނުވާ ހިތާމައަކުން ހިތާއި ނަފްސު ހިސާރު ކުރި ވަގުތު ކޮޅެކެވެ.މަންމައެއްގެ ފުރާނަ ނެތް މަސްގަނޑު އަބަދަށްޓަކާ ހުދުފޮތިން ނިވާކުރެވޭއިރު އެމަންޒަރު ދެކެން ހުންނަ ދަރިއެއްގެ ހިތަށް ކެއްވާނެ ހެއްޔެވެ.
ކަށުކަމާކެމީގެ ކަންތަށް ނިމިގެން ގެއަށްއައިސް އެރޭ ލަޔާނާއަކަށް ނުނިދުނެވެ.މަންމަގެ ކުއްލިމަރާ ވަކިވުން އޭނާގެ ހިތަށް ފުންހިތާމައެއް ދީފިއެވެ.ދުވަހަކުވެސް އެކަމުން މިންޖުވެވޭނެ ކަމެއްނޭނގެއެވެ.އެހާ އަވަހަށް މަންމަ އޭނާއާ ވަކިވެ ހިނގައިދާނެޔެކޭ ހިއެއްނުކުރެއެވެ.ޑިއުޓީއަށް ދާން ނިކުތްއިރު ދެންއައިސް ބައްދަލު ކުރަންޖެހޭނީ މަންމަގެ ފުރާނަނެތް މަސްގަނޑާ ކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ.މަންމައަކީ ހަޔާތުގައި ހާދަ މުހިންމު އިންސާނެކެވެ.މަންމައިންގެ ދަރަޖަ މަތިވެރިވެގެންވާ ސަބަބު ލަޔާނާއަށް މިއަދު ވިސްނިއްޖެއެވެ.
މުސައްލަމަތީ ލަޔާނާ އިށީނދެލިއެވެ.ރޮވިފައި އިނދެ އަތްނަގައިގެން މަންމައަށްޓަކާ ދުއާކުރިއިރު މުޅިގައިން ހީބިހި ނެގިއެވެ.އޭނާ މަންމައަށް ޓަކާ ކެއްތެރިވެ ދުނިޔެއާ ކުރިމަތިލާނެއެވެ.ދުވަހަކުވެސް މަންމަގެ ނަސޭހަތްތަށް ހަނދާން ނައްތައެއްނުލާނެއެވެ.މަންމަ އެދޭފަދަ ޖަވާހިރަކަށް އޭނާ ވާނެއެވެ.އަދި އެއްދުވަހަކުން ސުވަރުގެއިން އޭނާ މަންމައާ ބައްދަލުވެސް ކުރާނެއެވެ.”އިންޝާﷲ”މަޑުމަޑުން ލަޔާނާއަށް ބުނެވުނެވެ.
ރަށުސްކޫލުން އެތަށް ބެލެނިވެރިންގެ ކުރިމަތީގައި ހާއްސަ ބޮޑު ޖަލްސާއެއްގައި އެންމެ ވަގުތަށް ފަރުވާތެރި ނަމޫނާ މުދައްރިސްގެ ލަގަބާ ޓްރޮފީ ލިބުމުން ލަޔާނާގެ ލޮލުން ކަރުނަ ހިލުނެވެ.މަންމަ މަތިން އިންތިހާއަށް ހަނދާންވިއެވެ.އެމަންމަ ހުރިނަމަ މިއަދު ހާދަ އުފަލެއްކުރީހެވެ.މިމާތް އާދަ އޭނާއަށް ދަސްކޮށްދީ ހޭނުވީ އެމަންމައެވެ.
ލަޔާނާ އަދިވެސް ހަނދާންއެބަހުއްޓެވެ.އޭނާގެ ކައިވެންޏަށް އެދިގެން އައި ޒުވާނާ ދެއްކި ވާހަކަތަކެވެ.އެއީ މާތް ޒުވާނެކެވެ.ފިރިހެންވަންތައެވެ.މުންސައްޖެވެ.ރިވެތި އެތަށް އަހްލާގުތަކެކެވެ.ރަންކިޔުމަށް އައިސް ހުރެ އެޒުވާނާ ބުންޏެވެ.ލަޔާނާގެ ލަދުވެތިކަމާ އަހްލާގް ވަރަށް ބޮޑަށް ކަމުދާކަމެވެ.މިހާރު ލަޔާނާގެ ހިތްގައިމު މޫނު އެކަނި ފެނުނު ކަމުގައިވިޔަސް ދޫކަޅުހެދުންތަކުގެ ތެރޭގައި ފޮރުވިފައިވަނީ އިތާ މުތެއްފަދަ ޖަވާހިރެއް ކަމަށްބުނެ ކުރި ތައުރީފުން ލަޔާނާގެ ލޮލުން ވެއްޓުނީ އުފާވެރިކަމުގެ ކަރުނައެވެ. ފަލަކުގަ ވިދާ އަލިގަދަ ތަރިއަކަށް އޭނާ ހަދައިދިނީ މަންމައެވެ.އެތަރުބިއްޔަތާ ނުލާ ޖަވާހިރަކަށް އޭނާ ނުވީހެވެ.
**************************
ހިޔާލުގެ ވާފަށް ކެނޑި ބުރިބުރިވެގެން ހަމަބިމަށް އާދެވުނު އިރު އޭނާއަށް ހުރެވުނީ ކޮޅަށް އެތަސްވީރާ ނުހަނު ގާތުގައެވެ.ނުވެސް އެނގި އެދެލޮލުން ވަނީ އެތަށް ކަރުނައެއް އޮހޮރިފައެވެ.އަލަތު ކައިވެންޏަށް ތައްޔާރުކޮށްދިނުމަށް ބިއުޓީޝަނުން ކޮށްދިން މޭކަޕް ކަރުނައިން ފަނޑުކޮށްލައިފިއެވެ.ތަސްވީރުގައިވާ މަންމަގެ މޫނުގައި ފިރުމާލެވުމާއެކު ލަޔާނާއަށް ގިސްލެވޭގޮތްވިއެވެ.
“މަންމާ…” އެންމެ އުފާވާންޖެހޭ މިރޭ ލޯބިވާ މަންމަ ގާތުގައި ހުރިނަމަ ހާދަ އުފަލެއްވީހެވެ. މިރޭ އޭނާ ފިރިއެއްގެ ބެލުމުގެ ދަށަށް މިދަނީ މަންމަ އެންމެ ބޭނުންވި ފަދައިން އިއްފަތްތެރި ބިކުރުވެރި އަންހެންކުއްޖެއްގެ ގޮތުގަހުރެއެވެ.މަންމަ ދިން ނަސޭހަތުގަ އޭނާ އަބަދުވެސް ހިފާނެއެވެ.ދުވަހަކުވެސް ހިތަކުން ފިލުވައެއްނުލާނެއެވެ.އޭނާ ހިނގާނީ މަންމަގެ ފިޔަވަޅުމަތީގައެވެ.އެފަދަ ދެވަނަ މަންމައަކަށް އޭނާވެސް ވާނެއެވެ.މަންމަ ފަދަ ހެޔޮލަފާ އަތްބަކަށް އޭނާވެސް ވާނެއެވެ. މަންމަ ދިން ތަރުބިއްޔަތު ދުވަހަކުވެސް ފަނޑުކޮށްނުލާނެއެވެ.މައިދައިތަ ނުރުހޭކަމެއްވެސް އޭނާގެ ފަރާތުން ނުފެންނާނެ ކަން ޔަގީނެވެ.އެއަށްވުރެ މަންމަ ދީފައިވާ މާތް ތަރުބިއްޔަތު މާފުރިހަމައެވެ.
“ލަޔާނާ..ގާޒީންވެސް އައިސްފި..ވަގުތު ޖެހިއްޖެ..ނާޔަލް އެބައިން ލަޔާނާގެ އިންތިޒާރުގަ..ދެން އާދޭ އަވަހަށް..” ކޮޓަރި ދޮރުމައްޗަށް ހުއްޓިލަމުން ލަޔާނާގެ ދޮންތަ ބުނި އަޑުއިވުނެވެ.ލަޔާނާ މަޑުމަޑުން ބޯޖަހާލިއެވެ.ކައިވެނީގެ ވަގުތު ޖެހުނީއެވެ.ވާރޭ ނުވެހުނެއްކަމަކު އޭރުވެސް ދޭތެރެއަކުން ވިދަމުންދިޔައެވެ.
“މަންމާ..ތިޔައީ ހަމަ ނަމޫނާއެއް..ވަރަށް ވަރަށް ވަރަށް ލޯބިވޭ..އަބަދުވެސް މަންމައަށް ޓަކާ ހެޔޮ ދުއާކޮށްދޭނަން..އިންޝާﷲ ސުވަރުގެއިން ބައްދަލުވާނަން..”ޓިޝޫ އަކުން ލޯކައިރި ފޮހެލަމުން އެތަސްވީރަށް ބަލަން ހުރެ ހިތާ ހިތުން ލަޔާނާ ކިޔާލިއެވެ.އެއަށްފަހު ހުދު ވެޑިންޑްރެސްގެ ދެކައިރީގަ ހިފަހައްޓާލަމުން ކުރިއަށް ހިނގައިގަތީ މުޅިން އާދިރިއުޅުމަކަށެވެ.މަންމަގެ އަގުހުރި ނަސޭހަތް ތަކާއެކު ފިރިއަކާއެކީ މުޅިން އާ ހަޔާތަކަށެވެ.
(ނިމުނީ)
ކެޓެގަރީ: ކުރުވާހަކަ

2873

Nadhaa

0.0

Varah reethi vaahaka eh Varah dheraveje rovijje

5

7 months ago

Lai

0.0

Vvv.reethi.?? Hama rovijje…..

2

7 months ago

Submarine

0.0

Haadha reethi vaahaka ekeyyy???

5

8 months ago

ދީމާ

0.0

އަޅެ ހާދަ ރީތި ވާހަކަ އެކޭ

4

8 months ago

މުޙައްމަދު މަނިކު

0.0

މާޝާ ﷲ. ވަރަށް ރީތި އިބުރަތްތެރި ވާހަކަ އެއް. ހުރިހާ އަންހެން ދަރިންނަކީ ވެސް މި ފަދަ އިއްފަތްތެރި ސާލިހް ދަރިން ތަކެއް ކަމުގައި ލައްވާށި!

13

8 months ago

Jee

0.0

Ma sha Allah varah varah reethi mi vaahaka varah dhera vey mi vaahaka kiyaafa mi kahala vaahaka thah ithurah genesdhinun edhen

11

8 months ago

Lovely

0.0

❤Love it. its a great story

16

1

8 months ago

#

0.0

I am crying varah iburah theri vaahaka eh

18

8 months ago

Azu

0.0

Mee v iburaiytheri adhi v reethi vaahakaeh mivaahakain dharin tharubiyyathu kurumah v v aguhuri beynuntheri mauloomaathu thakeh libijje

20

1

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles